ތިން ބާރު ވަކިވެފައި އޮންނަ ނިޒާމެއްގައި ބާރުތައް ފޫއަޅުވާލުމަކީ މައްސަލައެއް: ޔާމީން

މިރޭ ބޭއްވި އެއްވުމުގައި ރައީސް ޔާމީން ވާހަކަ ދައްކަވަނީ: ޖުޑީޝަރީގެ ބާރު ފޭރިގެންފައިވާ ކަމަށް ވިދާޅުވި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި އެއްބާރުން އަނެއްބާރަށް ބާރުތައް ފޫއަޅުވާލުމަކީ މައްސަލައެއް ކަމަށް އިދިކޮޅު ސިޔާސީ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދު ޔައްގޫމު ވިދާޅުވެއްޖެއެވެ.

މިރޭ އިދިކޮޅުން ކާނިވާ ސަރައްހަދުގައި "ފޭރުމާ ދެކޮޅަށް" ނަމުގައި ބޭއްވި އެއްވުމުގައި ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ ތާއީދާއެކު މި ސަރުކާރު ވެރިކަމަށް ގެނައީ ކުރިން އޮތް އެމަނިކުފާނުގެ ވެރިކަމުގައި ކަމު ނުދާ ބައެއް ކަންކަން ހުރުމުން ހެޔޮ ބަދަލުތަކެއް އަންނާނެ ކަމުގެ އުންމީދުގައި ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ދިނުމަކީ، "ހިތުހުރި ގޮތަކަށް" ކަންތައްކޮށް، ފަސޭހައިން ގާނޫނު އަސާސީ ހިތިހުިރ ގޮތަކަށް ބަދަލު ކުރުމަކީ ރައްޔިތުން ބަލައި ގަންނާނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑަށް އެންމެ އުދަގޫވާ ކަމަކީ، ރާއްޖޭގެ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި، އެއްބާރު އަނެއްބާރުން ފާރަވެރިވާ ނިޒާމެއްގައި ފާރަތައް ފޫއަޅުވާލާ މައްސަލަ. އެއީ މި ދެންނެވި ބޮޑު އަގުލަބިއްޔަތު ލިބުނީމަ ކަންކަންވާ ގޮތް. މިއީކީ ރައްޔިތުން އެޔަށް އާއެކޭ ބުނާނެ ކަމެއް ނޫން،" އިދިކޮޅު މައި ސިޔާސީ ޕާޓީ ޕީޕީއެމެގެ ރައީސް، ރައީސް ޔާމީން ވިދާޅުވިއެވެ.

މިރޭ އިދިކޮޅޫ ފަރާތްތަކުން ބޭއްވި އެއްވުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް ޔާމީން ވިދާޅުވީ، ވެރިކަން ކުރާ ބާރާއި ގާނޫނު ހަދާ ބާރުން އަދުލު އިންސާފުގެ ބާރު "ފޭރިގެންފައިވާ" ކަމަށެވެ.

"ސްޕްރީމް ކޯޓުގެ ބާރުތަކައް އަރައިގަތުމަކީ، ނުވަތަ ޖުޑީޝަރީގެ ބާރުތަކައް އަރައިގަތުމަކީ، ރައީސުލްޖުމްހޫރިއްޔާ ކިތަންމެ މިނިވަނުގެ ނަމުގައި ކޮމިޝަންތަކަށް ޖުޑީޝަރީގެ ބާރު ދެއްވުމުން މިއީ މުއަސަސާއެއް ހަލާކުކޮށްލެވެނީ. މިއީ ގާނޫނު އަސާސީއަށް ކަމޭ ނުހިތެނީ،" ރިޔާސީ ކޮމިޝަންތަކައް ބާރުދިން ގާނޫނާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދޅާިވިއެވެ.

ރިޔާސީ ކޮމިޝަންތަކައް ބާރުދިން ގާނޫނު ގާނޫނު އަސާސީއާ ހިލާފުކަމަށް ރައީސް ޔާމީން ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވިއެވެ.

"ރައީސުލް ޖުމްހޫރިއްޔާއަށް ގާނޫނު އަސާސީން ކޮމިޝަން ހެދުމުގެ ބާރު އެބަ ލިބޭ. އެއީ އެއްގޮތަކަށް ވެސް ގާނޫނުން ބޭރުން މީހުން ހިއްފާ ހައްޔަރު ކުރުމެއް ވެސް ނޫން، ކޯޓު އަމުރެއް ނެތި މީހުން ހައްޔަރު ކުރުމެއް ވެސް ނޫން، އެއީ ކޯޓުތަކުގެ ބޭރުން އަދަބު ދިނުމެއް ވެސް ނޫން. އަދި އަމުދުން ވިހައި ބޮޑުވި ރާއްޖެއިން ގެންގޮސް ތަހުގީގު ކުރުމެއްވެސް ނޫން. މި އަންނަނީ ޖުޑިޝަރީގެ ބާރުތައް. މި ބާރުތައް ރައީސަކަށް ނުލިބޭ،" ޔާމީން ވިދާޅިވުވިއެވެ،

"ޖުޑީޝަރީގެ ބާރުތައް އަޅުގަނޑުމެންނާ ބީވެގެން ދިޔުމަކީ އަޅުގަނޑުމެން އެއްގޮތަކަށްވެސް ހިތްހަމަ ޖައްސާލައިގެން ތިބޭނެ ކަމެއް ނޫން،" ކޯޓުން މިނިވަންވި ފަހުން ފުރަތަމަ ފަހަރަށް އާންމުންނާ މުހާތަބުކޮށް ވާހަކަ ދައްކަވަމުން ރައީސް ވިދާޅިވިއެވެ.

comment ކޮމެންޓް