ސައިކަލުތަކުގައި ސްޓިކާ ޖަހާ މައްސަލަ ސީރިޔަސް މައްސަލައެއްގެ ގޮތުގައި ބަލާނަން: ރައީސް

ރައީސް ސޯލިހާއި މިނިސްޓަރު ނަހުލާ: ސައިކަލު ސްޓިކާ ޖަހާ މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓަރީއާ ވާހަކަ ދައްކާނެ ކަމަށް ރައީސް ވިދާޅުވި -- ސަން ފޮޓޯ/ އަޙްމަދު އަވްޝަން އިލްޔާސް

މާލޭގައި ޕާކު ކުރާނެ ތަންތަން އެކަށީގެންވާ މިންވަރަށް ނުހަދައި، ގަވައިދާ ހިލާފަށް ޕާކު ކުރާ އުޅަނދުފަހަރުގައި ޕާކިންގް ސްޓިކާ ޖަހާ މައްސަލަ ސީރިޔަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެކަށީގެންވާ ވަރަށް ޕާކިން ތަންތަން ނުދީ ޕާކިން ސްޓިކާ ނުޖާހާނެ ކަމަށް ރައީސް ސޯލިހް ވެރިކަމަށް އައުމުގެ ކުރިން ވަނީ ވިދާޅުވެފައެވެ. ނަމަވެސް މި ވެރިކަމުގައި އެކަށީގެންވާ ވަރަށް ޕާކިން ތަންތަން ނުދީ ޕާކިން ސްޓިކާ ޖަހާ މައްސަލައިގައި ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވީ، ކޮންމެވެސް ވަރަކަށް ޕްކްކުރާނެ ތަންތަން ހެދި ކަމުގައި ވީނަމަވެސް އަދިވެސް ޕާކް ކުރުމުގައި ދަތިތައް އެބަ ހުރި ކަމަށެެވެ.

"ސްޓިކާ ޖަހާ މައްސަލަ އަޅުގަނޑު ސީރިޔަސްކޮށް ބަލާނަން. ބަލާފައި އަނެއްކާވެސް ޓްރާންސްޕޯޓް މިނިސްޓްރީއާއެކު ވާހަކަ ދައްކައި، ރައްޔިތުންނަށް އޭގައި އުދަގުލެއް ވާނަމަ އޭގައި ލުއި ގޮތެއް ހޯދައި ދޭން މަސައްކަތް ކުރާނަން،" ރައިސް ސޯލިހް ވިދާޅުވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވާހަކަ ދައްކަވަނީ: ޕަކިން ސްޓިކާ މައްސަލަ ސީރިޔަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

މިކަމާ ގުޅިގެން ޓްރާސްޕޯޓް މިނިސްޓްރީއާއެކު ވާހަކަ ދައްކާނެ ކަމަށް ރައީސް ވިދާޅުވިިރު، އެ މައްސަލައިގައި ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުމަށް ވަނީ ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާ މެމްބަރު، އަބްދުﷲ ޖާބިރު މިދިޔަ އާދިއްތަ ދުވަހު މަޖިލީހަށް ހުށަހެޅި ސުވާލުކުރުމުގެ ނޯޓިސްގައި ބުނެފައިވަނީ، ޕާކް ކުރާނެ އިންތިޒާމުތައް ހަމަނުޖައްސައި ޕާކިން ސްޓިކާ ނުޖަހާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވައުދުވެފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް އެކަށީގެންވާ މިންވަރަށް ޕާކު ކުރާނެ ސަރަހައްދުތައް ނުހަދައި، ޕާކިންގް ސްޓިކާ ޖަހަމުން ދާ ކަމަށް އޭގައިވެއެވެ.

"މި ދަތިތައް ހައްލުކުރެވުމަށް ދައުލަތުން ގެންގުޅުއްވާ ސިޔާސަތަކީ ކޮބާތޯ،" ޖާބިރުގެ މަޖިލީހަށް ހުށަހެޅި ސުވާލުކުމުގެ ނޯޓިސްގައި ބުނެފައިވެއެވެ.

ނިމިދިޔަ ސަރުކާރުގައި އެއްވެސް ވަރަކަށް ޕާކިން ތަންތައް ހަދައި ނުދީ، ޕާކިން ސްޓިކާ ޖެހުމަކީ އޭރު ވަރަށް ގިނަ ރައްޔިތުން ކުރި ޝަކުވާއެކެވެ. މި ސަރުކާރު ވެރިކަމަށް އައިސް ޕާކިންއަށް ބައެއް ތަންތަން ހެދި ނަމަވެސް އަދިވެސް އެކަށީގެންވާ މިނަވަރަަށް ޕާކިން ތަންތަން ހެދިފައި ނުވެއެވެ.

މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި، ނުގަވައިދުން މާލޭގައި ޕާކު ކޮށްފައި ހުންނަ އުޅަނދުތަކުގައި ޕާކިންގް ސްޓިކާ ޖެހުން ވަގުތީ ގޮތުން ހުއްޓާލިއެވެ.

ނަމަވެސް އަނެއްކާވެސް ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ޕާކިންގް ސްޓިކާ ޖެހުން ފެށިއެވެ. ފުލުހުން ބުނީ ސްޓިކާ ޖެހުން އަލުން ފެށީ ޕާކު ކުރާ އުޅަނދުތަކުގެ ސަބަބުްނ މަގު ބޭނުންކުރާ މީހުންނަށް ދަތިވެ، ޝަކުވާ ލިބޭތީ ކަމަށެވެ.

comment ކޮމެންޓް