ވިލާގެ ކުންފުންޏަކަށް ސަރުކާރުން 5.6 މިލިއަން ޑޮލަރު ދޭން ނިންމައިފި

ރައީސް ސޯލިހު އާއި ގާސިމް --

ވިލާ ގްރޫޕްގެ ކުންފުންޏެއް ކަމަށްވާ، ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ)އަށް ދޭން ހުކުމްކޮށްފައިވާ ފައިސާގެ ތެރެއިން، ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް 5.6 މިލިއަން ޑޮލަރު ދޭން ސަރުކާރުން ނިންމައިފި އެވެ.

ޑަބްލިއުއެލްޓީން ދައުލަތާ ދެކޮޅަށް ދައުވާކުރީ ސަރުކާރު ކުންފުނިތަކެއް ގުޅިގެން އުފެއްދި އެއާޕޯޓް އިންވެސްޓްމަންޓް މޯލްޑިވްސް (އެއިމްސް) ކުންފުނިން ރިސޯޓް ހެދުމަށްޓަކައި ޑަބްލިއުއެލްޓީ އަށް ތިން ރަށެއް ދޭން 2007 ގައި އެއްބަސްވުމަށް ފަހު، އެ ރަށްތައް ދީފައި ނުވާތީ ގެއްލުމުގެ ބަދަލު ހޯދުމަށެވެ.

އެ މައްސަލައިގައި މިދިޔަ މާޗް 28 ގައި ސުޕްރީމް ކޯޓުން ހުކުމް ކުރީ، 13 މިލިއަނަށް ވުރެ ގިނަ ޑޮލަރު ދައުލަތުން ޑަބްލިއުއެލްޓީއަށް އެއް މަސް ތެރޭ ދައްކައި ހަލާސްކުރުމަށެވެ.

ރައީސް ސޯލިހު މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ޑަބްލިއުއެލްޓީއަށް 29 މިލިއަން ޑޮލަރު ދައްކަން ކޯޓުން ކޮށްފައިވާ ހުކުމާ މެދު، ކޯޓުން ބޭރުން މަޝްވަރާކޮށް އެއްބަސްވުމަކަށް އާދެވުނީ ޖުމްލަ 15 މިލިއަން ޑޮލަރު ދިނުމަށް ކަމަށެވެ. އަދި ވިލާ ކުންފުނީގެ ފަރާތުން ދައުލަތަށް ދައްކަން ހުރި ޓެކްސް ފައިސާ އާއި ޖޫރިމަނާ އުނިކޮށް ބާކީވާ، 5.6 މިލިއަން ޑޮލަރު ދައުލަތުން އެ ކުންފުންޏަށް ދެއްކުމަށް އެއްބަސްވެ މިއަދު އެގޮތަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެ ނިންމެވުމާ ގުޅިގެން ފައިސާ ދޫކުރުމުގެ ކަންކަން ފިނޭންސް މިނިސްޓްރީން ކުރިއަށް ގެންދަން މިއަދު ނިންމައި އެގޮތަށް ވަނީ އަންގާފައި،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން އެ މައްސަލައިގައި ކުރި ހުކުމުގައިވާ ގޮތުގައި، ފައިނޭންސް ކޮސްޓަށް ވާ 13 މިލިއަނަށް ވުރެ ގިނަ ޑޮލަރާއި އެޑްވާންސްގެ ގޮތުގައި ޑަބްލިއުއެލްޓީން ދައްކާފައިވާ 16.9 މިލިއަން ޑޮލަރު ދައުލަތުން އެ ކުންފުންޏަށް ދައްކަން ޖެހެ އެވެ.

ރައީސް ސޯލިހު މިއަދު ވިދާޅުވީ، ދައުލަތުން އެކި ވިޔަފާރިތަކާ އެކު ހަދާފައިވާ ކޮންޓްރެކްޓްތައް ބާތިލް ކުރުމުގައި ކުރީގެ ސަރުކާރުން އަމަލުކޮށްފައިވާ ގޮތުން ދައުލަތަށް ގެއްލުންވަމުން އަންނަ ކަމަށެވެ. އަދި އެގޮތަށް އަމަލު ކުރި ފަރާތްތައް ހޯދައި ދައުލަތަށް މިލިބޭ ގެއްލުމުގެ ބަދަލު އިހުމާލުވި ފަރާތްތަކުގެ އަތުން ނެގޭނެ ގޮތަކީ ކޮބައިތޯ ބަލަން ޖެހޭ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އިންސާފު ގާއިމް ކުރުމުގެ ވައުދުގައި މި ސަރުކާރުން ވެރިކަމަށް އައިއިރު، އެއްބަސްވުންތަކާ ހިލާފަށް އުސޫލުތަކުގެ ބޭރުން ބާތިލްކޮށްފައިވާ އެއްބަސްވުންތަކުގެ ސަބަބުން ގެއްލުން ލިބުނު ވިޔަފާރިތަކަށް ބަދަލު ދޭން ކޯޓުން ހުކުމް ކުރުމުން އެ ބަދަލު ދިނުމަކީ ސަރުކާރަކަށް ލާޒިމްވާނެ ކަމެއް ކަމަށެވެ. އަދި އެއީ، ވަކި ބަޔަކަށް ދައުލަތުން ފައިސާތަކެއް ދިނުމަށް ސަރުކާރުން ކުރާ ކަމެއް ނޫން ކަމަށާއި އަމިއްލަ ކުންފުނިތަކަށް ސަރުކާރުން މާލީ ބަދަލު ދެނީ އެކަން ކުރަން މަޖުބޫރުވާތީ ކަމަށެވެ.

comment ކޮމެންޓް