ސީރިއާގައި ތިބި ދިވެހި އަންހެނުންނާއި ކުޑަކުދިން ގެނެސް ރިހެބިލިޓޭޓް ކުރާނެ: ރައީސް

ސީރިއާގައި ހާލުގައި ޖެހިފައިވާ ދިވެހި އަންހެނުންނާއި ކުޑަކުދިން ރާއްޖެ ގެނެސް އެ މީހުން ރިހެބިލިޓޭޓްކޮށް އަނބުރާ މުޖުތަމައަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ސީރިއާގައި ހާލުގައި ޖެހިފައި ތިބި އަންހެނުންނާއި ކުޑަކުދިންގެ ތެރޭގައި މަޖުބޫރީ ހާލަތުގައި އެތަނަށް ގެންގޮސްފައިވާ ފަރާތްތައް ވެސް އެބަ ތިބި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އަދި ސީރިއާގައި ތިބި ދިވެހި ކުޑަކުދިންނާއި އަންހެނުން އދ އާ ގުޅިގެން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެންވީމާ އެމީހުން ގެނެވޭނެ ގޮތެއް އޮތްތޯ ބަލައި ގެނެވެން އޮތް އެންމެ އަވަހަކަށް އެމީހުން ގެންނަން މިދަނީ މަސައްކަތް ކުރަމުން،" ރައީސް ވިދާޅުވިއެވެ.

ނަމަވެސް ރައީސް ސޯލިހު ވިދާޅުވީ ބިރަކީ ސީރިއާއިން ގެންނަ މީހުންގެ ހަރުކަށި ފިކުރުތަކުގެ ނުރައްކާ ރާއްޖެއަށް ކުރިމަތިވުން ކަމަށެވެ.

"ހުރިހާ ފަރާތްތަކުން ވެސް މި ބުނަނީ އެމީހުން އަނބުރާ ގެނެސް މުޖުތަމައުއަށް ދޫކޮށްލުމަކީ ނުރައްކާ ކަމެކޭ. ރާއްޖެއަށް އެމީހުން ގެނެސް އެބަޖެހޭ އެމީހުން ޑީރެޑިކަލައިޒް ކުރަން. އަދި އެމީހުންނަށް ވަރަށް ބޮޑަށް ކިޔާދީ އޮޅުންފިލުވައިދީ ހަދަން،" ރައީސް ވިދާޅުވިއެވެ.

އެހެންކަމުން އެމީހުން ރާއްޖެ ގެނެވެން ވާއިރަށް އެމީހުން މުޖުތަމައަށް ނެރުމަށް ރާއްޖޭގައި ޑި-ރެޑިކަލައިޒޭޝަން ސެންޓަރެއް ގާއިމްކޮށް އެކަމަށް ބޭނުންވާ މީހުން ތަމްރީން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިހާރު ހަނގުރާމައިގައި ބައިވެރިވި މީހުން ތިބީ ކޭމްޕުތަކުގައި ކަމަށާއި، އެއީ ދުނިޔޭގެ އެއްވެސް ސަރުކާރަކުން ބާރު ހިނގާ ތަންތަން ނޫން ކަމަށެވެ.

އެތަނުގައި ތިބި ދިވެހިން ވެސް ރާއްޖޭގައި ތިބި އާއިލާ މީހުންނާ މުއާމަލާތް ކުރަމުން ދިޔައީ ފޯނު މެދިވެރިކޮށް ކަމަށާއި، އެއްވެސް ފަރާތަކުން ސީދާ ސަރުކާރާ މުއާމަލާތް ކޮށްފައި ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މުއާމަލާތް ކުރަމުން ދިޔައީ އާއިލާތަކާ ފޯނުގެ ޒަރިއްޔާއިން. ސަރުކާރަކާ ނޫން. ވަރަށް ފަހުން އާއިލާތަކާ ބައްދަލުކޮށް މައުލޫމާތު ހޯދުމުން އެކަން އެނގުނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު ދުނިޔޭގެ އެކި ގައުމުތަކުންނާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ގުޅިގެން އެތާ ތިބި މީހުންގެ މައުލޫމާތު ކޮންމެސް ވަރަކަށް ހޯދިއްޖެ ކަމަށާއި، ނަމަވެސް ކޭމްޕުތަކުގައި ތިބީ ކިތައް ދިވެހިން ކަން އަދިވެސް މުޅިން ސާފު ނުވާ ކަމަށެވެ.

comment ކޮމެންޓް