ޕްލާސްޓިކް މަނާކުރުމަށް ބ. އަތޮޅުން ސަރުކާރަށް ގޮވާލައިފި

ޕްލާސްޓިކް މަނާކުރުމަށް ބ އަތޮޅު ކައުންސިލްތަކުން ވަނީ ގޮވާލައިފި---

ޕްލާސްޓިކް ފުޅި، ކޮތަޅު އަދި ހޮޅި ފަދ ތަކެތި ހިމެނޭ ގޮތުން ސިންގަލް ޔޫސް ޕްލާސްޓިކް މަނާކުރަން ބ. އަތޮޅުގެ ކައުންސިލްތަކާއި، ރިސޯޓުތަކާއި ރައްޔިތުންގެ މަޖިލީހުގައި އެ އަތޮޅުގެ ދާއިރާތައް ތަމްސީލުކުރައްވާ މެމްބަރުން ގޮވާލައްވައިފިއެވެ.

ބ. އަތޮޅުގެ ކައުންސިލުތަކާއި ރިސޯޓުތައް އަދި ރިސޯޓުތައް ގުޅިގެން ސޮއިކޮށް، ސަރުކާރަށް ފޮނުވި ހުޅުވާލެވިފައިވާ ސިޓީއެއްގައި ބުނެފައިވަނީ ރާއްޖޭގެ އަތިރިމަތިތަކާއި ފަރުތައް ތަޣައްޔަރުވެ، ނޭދެވޭ އަސަރުތައް ޓޫރިޒަމް ސިނާއަތަށް ކުރަމުންދާ ކަމަށެވެ.

"އެތަނުގެ ގުދުރަތީ ރީތިކަމަށާއި ހިތްގައިމުކަމަށް ނަން މަޝްހޫރު އިންދޮނޭޝިއާގެ ބާލީއަށް މިއަދު ދިމާވެފައިވާ ކުނީގެ މައްސަލަ ފަދައިން ދުނިޔެމަތީގެ މި ސުވަރުގެވެސް ޕްލާސްޓިކް ކުނީގެ ސަބަބުން ގެއްލިދާނެ ކަމުގެ ބިރު އެބަ އޮތް،" ރައީސް ސޯލިހުއަށް އެޑްރެސްކޮށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

"ހެނދުނު ހެނދުނާ ރާއްޖޭގެ ކޮންމެ ރަށެއްގެ އަތިރިމަތީގައި ހިނގާލަން ދިޔުމުން ފެންނާނީ އެއް މަންޒަރެއް. ވަޔާ އެކުވެދާ ރުއްތަކާ ހިމުން ހުދު ވެއްޔާ ސާފު މޫދާ އަދި ޕްލާސްޓިކް ކުންޏެވެ،"

އެ ސިޓީގައި ބުނެފައިވަނީ ސަރުކާރު އިންތިހާބުވީ ޕްލާސްޓިކް ކުންޏާމެދު ހައްލު ހޯދާނެކަމުގެ ވައުދާއެކުގައި ކަމަށައި، ރައީސުލްޖުމްހޫރިއްޔާގެ އެ ވައުދު ހާސިލުކުރުމަށް އެހީތެރިވުމަށް އެދޭ ކަމަށެވެ.

އެ ސިޓީގައި ގޮވާލާފައިވަނީ"ރާއްޖޭގެ މި ހުދު ދޮންވެލީގެ ގޮނޑުދޮށާއި ފަރުތަކުގެ ރީތި ބަގީޗާތައް ސަލާމަތްކުރުމަށް އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ދިވެހިރާއްޖޭގައި މަނާކުރުމަ"ށެވެ.

މިދިޔަ އަހަރު 104 މިލިއަން ސިންގަލް ޔޫސް ޕްލާސްޓިކް ރާއްޖެއަށް ވަނީ އެތެރެކޮށްފައެވެ. މި ސަރުކާރުގައި ގިނަ އޮފީސްތަކުން ވަނީ ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލާފައެވެ.

އެ ސިޓީގައި ބ. އަތޮޅުގެ ރަށު ކައުންސިލުތަކުގެ ރައީސުންނާއި ނައިބު ރައީސުން، ރައްޔިތުންގެ މަޖިލީހުގެ ބ. އަތޮޅުގެ ތިން މެމްބަރުން އަދި ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުން ސޮއިކުރެއްވިއެވެ. އެ ރިސޯޓުތަކަކީ ސޮނޭވާފުށި، ކޮކޯޕާމް ދުނިކޮޅު، އަމިއްލަފުށި، ފިނޮޅު، އަނަންތާރާ ކިހަވަށް މޯލްޑިވްސް ވިލާސް، ދިގުފަރު ރިސޯޓު، އަދި ފޯ ސީޒަންސް މޯލްޑިވްސް އެޓް ލަނޑާ ގިރާވަރެވެ.

comment ކޮމެންޓް