މާލެ، ވިލިމާލެ، ގުޅިފަޅު، ތިލަފުށި ގުޅާލާ ބްރިޖުގެ އަމަލީ މަަސައްކަތް ފެބްރުއަރީގައި ފަށަނީ

ރައީސް ސޯލިހު މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ އާއި ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލާ ބްރިޖުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހު ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ މަސައްކަތުގެ ކޮންސަލްޓެންސީއަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

އަދި މި އަހަރުގެ ނޮވެމްބަރު މަހު އެ ސަރަހައްދު ހިއްކުމުގެ މަސައްކަތް ކުރެވޭނެ ކަމަށާއި ބްރިޖުގެ އަމަލީ މަސައްކަތް 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ބްރިޖުގެ މަސައްކަތް ދެ އަހަރު ތެރޭ ނިމޭނެ ކަމަށް ރައީސް މިއަދު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މާލޭގެ ޕޯޓު ގުޅީފަޅަށް ބަދަލު ކުރުމުގެ މަޝްރޫއުއަކީ މި ސަރަހައްދުގައި ހިންގޭނެ އެންމެ ބޮޑު މަޝްރޫއު ކަމަށެވެ.

"މާލޭގެ ޕޯޓު، ކޮމާޝަލް ޕޯޓު ގުޅީފަޅަށް ބަދަލު ކުރުން އެއީ މި ސަރަހައްދުގައި ހިންގޭނެ އެންމެ ބޮޑު އެއް މަޝްރޫއު. ހަމަ އެއާ އެކު، މާލެ އާއި ތިލަފުއްޓާ ދޭތެރެ ކޯޒްވޭއަކުން ގުޅާލުން އެއީ ކުރެވޭނެ އެންމެ ބޮޑު އެއް މަސައްކަތް. މިހާރު ވަނީ އެ މަސައްކަތުގެ ޕްރޮޖެކްޓް ކޮންސަލްޓެންސީ އަށް ހުޅުވާލެވި، ޝޯޓްލިސްޓް ކުރެވިފައި. މިކަމުގެ މަސައްކަތް، އިރާދަކުރެއްވިއްޔާ ހިއްކުމުގެ މަސައްކަތް ނޮވެމްބަރު މަހު ފަށައި އެތަނުގެ ސްޓްރަކްޗާ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭ ފެށިގެންދާނެ. މި މަޝްރޫއަށް ގާތްގަނޑަކަށް ދެ އަަހަރު ހޭދަވާނެ ކަމަށް ލަފާކުރެވޭ،"

މާލެ އާއި ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލާ ބްރިޖެއް އެޅުމުގެ މަސައްކަތް ކުރުމަށް ނިންމާ އެ ޕްރޮޖެކްޓުގެ ޕްރޮޕޯޒަލް މިދިޔަ މަހު ބޭއްވި ޕާޓްނާޝިޕް ފޯރަމަށް ވަނީ ހުށަހަޅައިފައެވެ. މި ޕްރޮޖެކްޓަށް 488 މިލިއަން ޑޮލަރު (7.6 ބިލިއަން ރުފިޔާ) ހަރަދުވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

މި ސަރަހައްދު ބުރިޖުން ގުޅާލުމުން ދަތުރުފަތުރު ފަސޭހަވެ، އިގްތިސޯދީ ގޮތުން ފައިދާ ކުރާނެ ކަމަށާއި މިހާރު މާލޭގައި ހުރި ގުދަންތައް، އިންޑަސްޓްރިއަލް ސަރަހައްދަށް ބަދަލުކޮށް، މުދާ އުފުލުމުގައިވެސް ފަސޭހަތައް ލިބޭނެ ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

މި ޕްރޮޖެކްޓު ފެސިލިޓޭޓު ކުރާނީ ޕްލޭނިން މިނިސްޓްރީއާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަދި ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯނުގެ އިތުރުން ޓްރާންސްޕޯޓު މިނިސްޓްރީއިންނެވެ.

comment ކޮމެންޓް