އޭސީސީގެ ރައީސް ކަމަށް މުއައްވިޒު އިންތިހާބު ކޮށްފި

މުއައްވިޒު: އޭނާ ވަނީ ކޮމިޝަންގެ ރައީސްކަމަށް އިންތިހާބުކޮށްފައި -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އެންޓިކޮރަޕްޝަން ކޮމިޝަންގެ ހުސްވެފައިވާ ރައީސް ކަމުގެ މަގާމަށް ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒު ރަޝީދު އިންތިހާބު ކޮށްފި އެވެ.

އޭސީސީގެ ރައީސް ކަމުގެ މަގާމް ހުސްވީ ރައްޔިތުންގެ މަޖިލީހުން ކުރީގެ ރައީސް ހަސަން ލުތުފީ މިދިޔަ ހަފްތާގައި އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމުންނެވެ.

އޭސީސީގެ އިންފޮމޭޝަން އޮފިސަރު ހަސަން މަނިކު "ސަން" އަށް ވިދާޅުވީ، މުއައްވިޒު ރައީސް ކަމަށް އިންތިހާބު ކުރީ މިއަދު އެކޮމިޝަންގެ ބައްދަލުވުމުގައި ކަމަށެވެ.

މުއައްވިޒު ރައީސްކަމަށް އިންތިހާބުވީ، ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ކަމަށް ހަސަން މަނިކު ވިދާޅުވިއެވެ.

މުއައްވިޒު މިހާރު ފުރުވަމުން ދަނީ ކޮމިޝަންގެ މެމްބަރު ކަމުގެ ދެވަނަ ދައުރެވެ.

މުއައްވިޒު ރައީސް ކަމަށް އިންތިހާބުވުމާ ގުޅިގެން ހުސްވެފައިވާ ނައިބު ރައީސް ކަމަށް މެމްބަރަކު އިންތިހާބު ކުރާނީ އަންނަ އާދިއްތަ ދުވަހު ބާއްވާ ކޮމިޝަންގެ ޖަލްސާގައެވެ.

ކޮމިޝަންގެ މިހާރު ތިއްބެވި މެމްބަރުންގެ ދައުރު ހަމަވާނީ އަންނަ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް