ފިލިޕީންސްގެ ކުރީގެ ފަސްޓް ލޭޑީގެ ޕާޓީގެ ވެރިން ކާނާ ވިހަވެއްޖެ

އިމެލްޑާ މާކޯސްގެ ޕާޓީގައި ބަލިވި މީހުންނަށް ރެޑް ކްރޮސް އިން ފަރުވާ ދެނީ -- ފޮޓޯ: ފިލިޕީންސް ސްޓާ

މެނީލާ (ޖުލައި 4): ފިލިޕީންސްގެ ކުރީގެ ފަސްޓް ލޭޑީ އިމެލްޑާ މާކޯސްގެ 90 ވަނަ އުފަންދުވަސް ފާހަގަ ކުރުމަށް ބޭއްވި ޕާޓީއެއްގައި އެތައް ސަތޭކަ މީހުން ކާނާ ވިހަވެއްޖެ އެވެ.

އަންގާރަ ދުވަހު މެނީލާގައި ބޭއްވި އެޕާޓީއަށް ގާތްގަނޑަކަށް 2،500 މީހުން ދިޔަ ކަމަށާއި ޕާޓީގައި ބަތާއި ކުކުޅުގެ ބާވަތްތައް ހުރި ކަމަށް ރިޕޯޓުތަކުގައިވެ އެވެ. ނަމަވެސް ޕާޓީން ކައިގެން ބައެއް މީހުންނަށް ހޮޑުލެވި، ބޮލަށް އެނބުރުން އެރުމުގެ ސަބަބުން ހޮސްޕިޓަލަށް ގެންދަން ޖެހުނު ކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުންޏެވެ.

ހެލްތު އޮފިޝަލުން ވިދާޅުވި ގޮތުގައި އެމައްސަލަ 261 މީހަކަށް ކުރިމަތިވި އެވެ. އަދި އޭގެ ތެރޭގައި މާކޯސް ނުހިމެނެ އެވެ.

މާކޯސް އާއިލާއިން ވަނީ އެހާދިސާއާ ގުޅިގެން މާފަށް އެދިފަ އެވެ. އަދި ކާނާ ވިހަވި މީހުންނަށް އެހީތެރިވަމުންދާ ކަމަށް ބުނެފަ އެވެ.

އިމެލްޑާ މާކޯސްއަކީ ފިލިޕީންސްގައި 1972އިން 1981އަށް ވެރިކަން ކުރެއްވި ޑިކްޓޭޓަރު ފާޑިނަންޑް މާކޯސްގެ ކުރީގެ އަނބިކަނބަލުންނެވެ. އެވެރިކަމުގައި މާކޯސް އާއިލާއިން ވަނީ 10 ބިލިއަން ޑޮލަރުގެ ގެތަކާއި، ގަހަނާ އާއި ފައިސާ އާއި އެހެނިހެން މުދާ އެއްކޮށްފައި ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެ އެވެ. ފާޑިނަންޑް މާކޯސް ވަނީ 1989ގައި އަވަހާރަވެފަ އެވެ.

މިދިޔަ އަހަރު ފިލިޕީންސްގެ ކޯޓަކުން ވަނީ ކޮރަޕްޝަނުގެ ހަތް ދައުވާއެއްގައި އިމެލްޑާ މާކޯސް 11 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ. ނަމަވެސް އެމައްސަލަ އިސްތިއުނާފު ކުރަންދެން އެކަމަނާ ހުންނެވީ ކަފާލާތުގެ ދަށުން މިނިވަންކޮށެވެ.

އިމެލްޑާ މާކޯސްގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ ސާބިތުވެފައިވީ ނަމަވެސް އެކަމަނާ އަކީ އަދިވެސް ފިލިޕީންސްގެ ގިނަ އަދަދެއްގެ މީހުން ތާއިދު ކުރާ ފަރާތެކެވެ.

comment ކޮމެންޓް