ސަމާލުވޭ! އޯވަޓޫރިޒަމްގެ ނުރައްކާ ރާއްޖެއަށް ވެސް

މާފުށީގައި ދެ ފަތުރުވެރިޔަކު --- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ރާއްޖޭގެ މި ރީތި ދޮންވެލި ތުނޑިތައް ބަލާލައި، ކަނޑުއަޑީގެ ހިތްގައިމުކަން ދެކިލަން ދުނިޔޭގެ ހުރިހާ ބައްރަކުން އެތައް ލައްކަ މީހުންނެއް ކޮންމެ އަހަރަކު މިހާރުވެސް ރާއްޖެ އާދެ އެވެ. އެމީހުންނަށް މަރުހަބާ ކިޔައި، ހިތް އުފާކޮށްދޭން ރިޒޯޓު އޯނަރުން ތިބެނީ އަތުކުރި އޮޅާލައިގެން އެވެ. ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު އިތުރު ކުރުމަށް ސަރުކާރުން އޮންނަނީ ހޭވައްލާ ތައްޔާރަށެވެ. "ރަންބިސްއަޅާ ކުކުޅު" ގެ ފަރާތުން ލިބޭނެ ފައިދާ ވީހާ ވެސް ބޮޑު ކުރުމަކީ ކޮންމެ ސަރުކާރެއްގެ ވެސް އަމާޒެކެވެ.

ނަތީޖާއެއްގެ ގޮތުން މިދިޔަ ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި ރެކޯޑް އަދަދަކަށް ރިސޯޓެއް ޓޫރިޒަމަށް ފައްކާކޮށް ޓޫރިޒަމްގެ އެނދުގެ އަދަދު އިތުރު ކުރެވިއްޖެ އެވެ. އެތައް ފަޅެއް ހިއްކައިގެން ޓޫރިޒަމް ކުރިއެރުވުމަށް މަސައްކަތް އެބަ ކުރެވެ އެވެ. ނަމަވެސް މި މަސައްކަތް ކުރިއަށް ގެންދެވެނީ ރާއްޖޭގެ ވަކި ސަރަހައްދުތަކެއްގަ އެވެ. ޓޫރިޒަމްގެ ފައިދާ، އެއްވެސް ވަރަކަށް ނުކުރާ ސަރަހައްދުތައް ވެސް އެބަހުއްޓެވެ. އެންމެ ރިސޯޓެއް ހުރި އަތޮޅުތައް ޓޫރިޒަމަށް ސަލާންޖަހާއިރު، އެތައް ބައިވަރު ރިސޯޓުތަކެއް ހުރި ސަރަހައްދުތަކުން ފަޅުރައްތައް ހުސްވެ، ފަޅުތައް ހިއްކައިގެން ވެސް ރިސޯޓް ހަދަނީ އެވެ. ފަޅުތައް ހުވެސް، ހިކިފައި ހުންނަ ގައުތައް ޓޫރިޒަމަށް ފައްކާ ކުރަން ދޫކުރާ ހިސާބުގައި އޮތްއިރު، އެއް ސަރަހައްދެއްގައި ފަތުރުވެރިކަމުގެެ ގިނަ ހަރަކާތްތަކެއް ހިންގުމަކީ އޭގެ ސަބަބުން ފައިދާ އާއި އެއްވަރަށް ގެއްލުންވެސް ވާނެ ކަމެކެވެ.

ފަތުރުވެރިކަން ކުރިއަރުވާއިރު، އެ ސަރަހައްދަކަށް "ކަތާ" ވަރަށް ޕްރޮޕަޓީތައް ތަރައްގީ ކުރުމަކީ މުހިއްމު ކަމެކެވެ. އެހެން ނޫންނަމަ، ތައިލެންޑުގެ ކްރާބޯ ޕްރޮވިންސްގެ "ޕީ ޕީ އައިލެންޑްސް" އަށް ޖެހުނު މުސީބާތާ ކުރިމަތިވުމަކީ ގާތް ކަމެކެވެ. އެ ސަރަހައްދަށް އޮބި ނޯންނަ ވަރަށް ފަތުރުވެރިން ޒިޔާރަތް ކުރުމުގެ ސަބަބުން ގުދުރަތީ ތިމާވެއްޓަށް އޭގެ ނޭދެވޭ އަސަރު ފޯރީ އެވެ. ތިމާވެއްޓަށް ގެއްލުންވެ އެ ގެއްލުން ފޫބެދެންދެން ފަތުރުވެރިންނަށް އެ ސަރަހައްދުތައް ބަންދު ކުރަން ޖެހުނީ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ޕްރޮޕަޓީތައް އެންމެ ގިނައީ މާލެ އަތޮޅުގައެވެ. މާލެ އަތޮޅުގައި ފަޅުރަށެއް އޮތްނަމަ، މިހާރު އެއީ ފަތުރުވެރިންނަށް ހާއްސަ ރިސޯޓެކެވެ. އެތައް ބައިވަރު ފަޅެއް މި އަތޮޅުގައި އޮތްއިރު އޭގެ ތެރެއިން ބޮޑު ބައެއް މިހާރު ވަނީ ހިއްކައި، ރިސޯޓު ތަރައްގީ ކުރަން ފަށައިފަ އެވެ. ނޫނީ މަސައްކަތް ވަނީ ނިމިފައެވެ.

ކ. ގިރާވަރުގައި ހުންނަ ސެންޓާރާ ރަސްފުށި ރިސޯތު --

ޔަގީންވާ އެއްކަމެއް އެބައޮތެވެ. ރަނގަޅު ސިއްހީ ހިދުމަތްތަކާއި އެހެން ވަސީލަތްތައް އޮތީ މާލޭގައެވެ. މައި ވައިގެ ބަނދަރު މިއޮތީވެސް މާލެ އަތޮޅުގެ ރަށްތަކާ ކައިރީގަ އެވެ. މި ހުރިހާ ވަސީލަތްތަކެއް ފަސޭހައިން ލިބެން އޮތްތަނަކާ ކައިރިން ރިސޯޓުތައް ތަރައްގީ ކުރުމަކީ ރިސޯޓުތަކަށްވެސް ފަސޭހައެކެވެ. ފަތުރުވެރިން އުފުލުމަށް ކުރާ ދަތުރުވެސް ކުރުވެފައި ފަސޭހަވެ އެވެ. ބޭނުންވާ މުދާ ރިސޯޓަށް ގެންދިޔުން ލުއިވެ އެވެ. މި ހުރިހާ ކަމަކާއެކު މާލެ ސަރަހައްދުގައި ރިސޯޓުތައް ގިނަ އަދަދަކަށް ހިންގި ނަމަވެސް، އަދިވެސް ފެންނަނީ މި ސަރަހައްދުގައި އިތުރު ޓޫރިސްޓް ޕްރޮޕަޓީތައް ތަރައްގީ ކުރުމަށް މަސައްކަތް ކުރާތަނެވެ.

ރިސޯޓުތަކުގެ އިތުރުން އެންމެ ގިނަ އަދަދެއްގެ ގެސްޓުހައުސްތައްވެސް ހިންގަނީ މާލެ އަތޮޅުގަ އެވެ. ހުޅުމާލެ އާއި މާފުއްޓަކީ ގެސްޓްހައުސް ޓޫރިޒަމްގެ މައި ހަބުތަކެވެ. ހުޅުމާލޭގައި އެކަނިވެސް 88 ގެސްޓްހައުސް ހިންގަ އެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މާފުށީގައި 45 ގެސްޓްހައުސް މިހާރުވެސް އެބަހުއްޓެވެ. އަދިވެސް އެކި ގެސްޓްހައުސްތައް ބުރިބުރިއަށް ނަގަނީ އެވެ.

ކ. މާފުށި - ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއީ ދެމެހެއްޓެނިވިގޮތެއްގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް ޕްލޭނެއް ގެންގޫޅޭނަމަ ނިކުންނާނެ ނަތީޖާއެއް ނޫނެވެ. އެންމެ ސަރަހައްދެއްގެ ހުރިހާ ވަސީލަތެއް ފަތުރުވެރިކަމަށް ބޭނުން ކުރުމުގެ ބަދަލުގައި ރާއްޖޭގެ އުތުރުން ފެށިގެން ދެކުނުގެ ހުރިހާ ސަރަހައްދަކަށް ސިނާއަތުގެ ފައިދާ ކުރާނެހެން ޕްރޮޖެކްޓުތައް ޕްލޭންކުރުމަކީ، އެއް ސަރަހައްދެއް ތޮއްޖެހި ފަތުރުވެރިކަމުން ނިކުންނަ ނޭދެވޭ އަސަރުތައް ކުރުން ހުއްޓުވޭނެ ކަމެކެވެ. މިސާލަކަށް ބުނާނަމަ ފަތުރުވެރިން އުފުލާ ލޯންޗު ފަހަރުތަކުގެ ދަތުރުތަކުގެ ސަބަބުން ރިސޯޓުތަކާއި ސަރަހައްދުގެ މޫދަށް އޭގެ ނޭދެވޭ އަސަރު ކުރެ އެވެ. މެރިން ލައިފް ނުވަތަ ކަނޑުގެ ދިރުންތައް ހަލާކުވުމުގެ ހާލަތާ ކުރިމަތިވެ އެވެ.

އޯވާ ޓޫރިޒަމް އަކީ ކޮބާ؟

ދެހާސްއަށާރަ ވަނަ އަަހަރު އޮކްސްފޯޑް އިންގްލިޝް ޑިކްޝަނަރީ އިން ކަނޑައެޅި "އަހަރުގެ ބަސް" ނުވަތަ ވޯޑް އޮފް ދަ އިޔާ ގެ ތެރޭގައި ހިމެނޭ އެއް ބަހަކީ "އޯވާ ޓޫރިޒަމް" މި ބަހެވެ. މީގެ މާނައަކީ ފަތުރުވެރިކަމުގެ މަންޒިލްތަކަށް ނުކަތާވަރަށް މީހުން އެތަންތަނަށް ޒިޔާރަތް ކުރުމެވެ. އޭގެ ސަބަބުން ތިމާވެއްޓަށާއި އެތަނުގެ އަހުލުވެރިންގެ ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރުތައް ގިނަ އެވެ.

އޯވާ ޓޫރިޒަމްގެ ނޭދެވޭ އަސަރު ފަތުރުވެރިންގެ މެދުގައި މަގުބޫލު ގިނަ މަންޒިލްތަކަށް ކޮށްފައިވާއިރު، އެކަމުން އަރައިގަތުމަށް ވަނީ މަސައްކަތް ފަށައިފަ އެވެ. އެ ގައުމުތަކުގެ ސަރުކާރާއި ޓްރެވަލް އޭޖެންޓުން ގުޅިގެން ރަނގަޅު ޕްލޭނަކާއެކު ފަތުރުވެރިކަން ޕްރޮމޯޓުކޮށް، ފަތުރުވެރިކަމުގެ ސަބަބުން އަންނަ "ނެގެޓިވް އިމްޕެކްޓް" ކުޑަ ކުރުމަށް މަސައްކަތް ފަށާފައިވަނީ އެ ސިނާއަތުން ލިބޭ ބައިވަރު ފައިސާތަކަށްވުރެ، ވެށި ހިމާޔަތްކުރުން މުހިއްމު ކަމުގައި ދެކިގެންނެވެ.

ކ. މާފުށީ މަގެއްގެ މަތީން ފަތުރުވެރީންތަކެއް ދަނީ-- ސަން ފޮޓޯ: މުޒައްޔިން ނާޒިމް

އޯވާ ޓޫރިޒަމްއާ ދެކޮޅަށް ދުނިޔޭގެ މަގުބޫލު މަންޒިލްތައް

އިންޑޮނޭޝިއާގެ ބާލީ އަކީ ދިވެހިންގެ މެދުގައިިވެސް މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލެކެވެ. އަހަރެއްގެ މައްޗަށް އެވްރެޖުކޮށް 6.5 މިލިއަން ފަތުރުވެރިން ބާލީ އަށް ޒިޔާރަތްކުރާއިރު މިއަހަރު މިއަދަދު 10 ޕަސެންޓް އިތުރުވާނެ ކަމަށް ބެލެވެ އެވެ. ބާލީ ގެ މަގުބޫލުކަން ފަތުރުވެރިންގެ މެދުގައި އިތުރުވިނަމަވެސް، ބާލީގެ ރައްޔިތުންގެ ކަންބޮޑުވުމަކީ ފަތުރުވެރިންގެ ފަރާތުން އެ ސަރަހައްދުގެ ތިމާވެއްޓަށް ކުރާ އަސަރުތަކެވެ. އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓިކް ނުވަތަ ސިންގަލް ޔޫސް ޕްލާސްޓިކް ކުނި ގިނަވުމަކީ ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާ އެވެ. މިކަމަށް ހައްލެއް ގެނައުމަށް އިންޑޮނޭޝިއާގެ ކަމާބެހޭ ފަރާތްތަކުން ނިންމާފައިވަނީ ބާލީއަށް ޒިޔާރަތްކުރާ ފަތުރުވެރިން ފުރާއިރު 10 ޑޮލަރުގެ ޓެކުހެއް ނެގުމަށެވެ. ނަމަވެސް ޓެކުހެއް ނެގުމަކީ މިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމެއް ނޫންކަމަށް ބާލީގެ ރައްޔިތުން ބުނެއެވެ.

"އޯވާ ޓޫރިޒަމްގެ މައްސަލައަށް ހައްލެއް ގެނެވޭނީ ރަނގަޅު ޕްލޭނަކާ އެއްކޮށް. ފަތުރުވެރިކަމަކީ ބައިވަރު ފައިސާ ލިބޭ ސިނާއަތެއް ނަމަވެސް ފައިސާ އަށްވުރެ ވެށި މުހިއްމު. ގިނަ ފަތުުރުވެރިން އައުމަކީ ކޮންމެ ފަހަރަކު އެންމެ ރަނގަޅު ގޮތެއްވެސް ނޫން،" ފަތުރުވެރިކަން ކޮންޓްރޯލުކޮށް އޯވާ ޓޫރިޒަމްގެ ނެގެޓިވް އިފެކްޓު ކުޑަކުރުމާ ގުޅޭގޮތުން އިނގިރޭސިވިލާތުގައި ޓްރެވެލް އެޖެންސީއެއް އޮޕަރޭޓްކުރާ ޖަސްޓިން ފްރޭންސިސް ބުނެފައިވެ އެވެ.

ފަތުރުވެރިންގެ މެދުގައި މަގުބޫލު އިޓަލީވެ ރޯމް، ވެނިސް، ސްޕެއިންގެ ބާސެލޯނާ، ސްކޮޓްލޭންޑްގެ އެޑިންގާގް ފަދަ ސަރަހައްދުތަކުގެ ރައްޔިތުން ވަނީ ޓޫރިޒަމް ހައްދެއްނެތި ކުރިއަރައި ދިޔުމުގެ ސަބަބުން އެ ސަރަހައްދުތަކުގެ ތިމާވެއްޓަށާއި މުސްތަގުބަލަށް ކުރާ ނޭދެވޭ އަސަރުތައް ހުއްޓުވުމަށް ތެދުވެފަ އެވެ. އެ ސަރަހައްދުތަކުގައި އާންމުން އެއްވެސް އުޅޭ ތަންތަނާއި ޒަމާނުއްސުރެ ގަދީމީ ތަންތަނުގެ ގޮތުގައި ބަލާ، ހިމާޔަތްކޮށްފައި ހުންނަ ސަރަހައްދުތަކަށް މާގިނައިން މީހުން އެއްވެ އުޅުމުގެ ސަބަބުން ލިބޭ ގެއްލުންތަކާމެދު އަޑު އުފުލައި އެކަންތައް ލިމިޓް ކުރުމަށް ހޭލުންތެރި ކުރުމުގެ ހަރަކާތްތައް އެކި ޖަމާއަތްތަކުން ހިންގަ އެވެ.

ފަރަންސޭސިވިލާތުގެ ޕެރިހުގައި ބޭނުންކުރާ ޓޫރިސްޓު ބަސްތައް ގިނަވެ، ސިޓީގެ ޓްރެފިކް ބާރުބޮޑުވާތީ، ޕެރިހުގެ މަގުތަކަށް ޓޫރިސްޓު ބަސްތައް ނިކުތުން ހުއްޓުވަން ނިންމާފައިވާކަމަށް އެ ސިޓީގެ ޑެޕިޔުޓީ މޭޔަރު ވަނީ ދާދިފަހުން ވިދާޅުވެފަ އެވެ. މިއީ ފަރަންސޭސިވިލާތުގެ ވެރިރަށުގައި އޯވާޓޫރިޒަމްގެ ސަބަބުން ކުރިމަތިވާ މައްސަލަތަކަށް ހައްލު ހޯދުމަށް ނިންމި ނިންމުމެކެވެ.

ފުށިފަރު މޯލްޑިވްސް ރިސޯޓް--

އޯވާ ޓޫރިޒަމްއާދެކޮޅަށް ރާއްޖެއިންވެސް ފިޔަވަޅު އަޅަންވެއްޖެ

ގައުމުގެ ރީތިކަން ވިއްކައިގެން ލިބޭ ފައިދާ އަށް ގުދުރަތީ ވަސީލަތްތައް ގުރުބާން ކުރުމަކީ ކުރިއަށް އޮތް ޖީލުތަކަށް މިއަދުގެ ޖީލުން ޖަވާބުދާރީވާންޖެހޭނެ ކަމެކެވެ. ގައުމަށް ލިބޭ އާމްދަނީ އާއި އެއްވަރަށް ވެއްޓަކީވެސް މުހިއްމު އެއްޗެއްކަން ވިސްނައި އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަން މިހާރުވެސް މާ ލަސްވެއްޖެ އެވެ.

މާލެ އަތޮޅުގައި ހުރި ހުރިހާ ފަޅަކާއި ފަޅުރަށެއް ފަތުރުވެރިކަމަށް ބޭނުން ނުކޮށް، ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ފަތުރުވެރިކަން ފުޅާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަކީ މިހާރުން މިހާރަށް ކުރަންޖެހޭ ކަމެކެވެ.

މިސާލަކަށް ހއ. ހދ، ށ، މ، ފ، ތ، ލ، ގއ، އަދި ގދ މި އަތޮޅުތަކަކީ ރާއްޖޭގެ ނިސްބަތުން ޓޫރިސްޓު ރިސޯޓުތައް މަދު އަތޮޅުތަކެވެ. ނަމަވެސް ވަސީލަތްތައް ހުރި، ފަތުރުވެރިންގެ ޝައުގުވެރިކަން ދަމައިގަންނާނެ ތާރީހީ ތަންތަންވެސް ހުރި މި ސަރަހައްދުތަކުގައި، ތިމާވެއްޓަށް ގެއްލުން ނުވާނެހެން ފަތުރުވެރިކަމަށް ހާއްސަ ރިސޯޓުތައް ތަރައްގީ ކުރަން ވެއްޖެ އެވެ.

މިކަމަށް އަމަލީ ހައްލެއް އަންނާނީ މާލެ އާއި އެއްވަރަށް މި ސަރަހައްދުތަކުގައިވެސް ވަސީލަތްތައް ގާއިމް ކުރެވިގެންނެވެ. ދެމެހެއްޓެނިވި ތަރައްގީ އާއި ގުޅޭގޮތުން ލިޔުއްވާ ބްލޮގަރު އަދި "ފަޅު އަލި ރަންމުތް" މި ފޮތުގެ މުސައްނިފު މުނާ މުހައްމަދު ވިދާޅުވިގޮތުގައި، ރާއްޖެއަންނަ ފަތުރުވެރިންނަށް ދޭ އަހައްމިއްޔަތުކަން، ދިވެހި ރައްޔިތުންނަށްވެސް ދީގެން ނޫނީ އޯވާ ޓޫރިޒަމްގެ މައްސަލައަކަށް ހައްލެއް ނެތެވެ. ފަތުރުވެރިންނަށްޓަކާ ދިވެހިންގެ ގުދުރަތީ ވެށި ގުރުބާން ނުކޮށް، އެމީހުންނަށް ހޯދައިދޭ ދުޅަހެޔޮ ދިރިއުޅުން ދިވެހިންނަށް ހޯދައިދިނުމަށް މަސައްކަތް ކުރުމުގެ މުހިއްމުކަން މުނާ ފާހަގަ ކުރެއްވި އެވެ.

މާލެ ސަރަހައްދުގެ މޫދާއި ކަނޑުގެ ދިރުންތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަވާނީ، މިސަރަހައްދުގައި ދުއްވާ ލޯންޗުތައް މަދުކޮށްގެންނެވެ. އެއް ރަށެއްގައި ނޫނީ އެއް ސަރަހައްދަކަށް ފަތުރުވެރިކަމުގެ ޕްރޮޕަޓީތައް ގެންދިޔުން ހުއްޓުވައިގެން އެވެ. މުޅި ރާއްޖެއަށް މި ކަމުގެ ފައިދާ ކުރާނެހެން ބަހާލައިގެން ދެމެހެއްޓެނިވި ޕްލޭނެއްގެ ގޮތުގައި ފަތުރުވެރިކަން ތަރައްގީކޮށްގެންނެވެ.

މިކަމާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މި ސަރުކާރުގެ ޕްލޭނަކީ ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ތަރައްގީކުރުން ކަމަށެވެ.

"އަޅުގަނޑުމެންގެ ޕްލޭނަކީ ފަތުރުވެރިކަމުގެ ޕްރޮޕަޓީތައް ނެތް ސަރަހައްދުތަކަށް ރިސޯޓުތައް ގެންދިޔުން. ވަކި ސަރަހައްދަކަށް ފްލަޑު ނުވާނެހެން އަޅުގަނޑުމެންގެ ޕްލޭން އެކުލަވާލަނީ،" އަލީވަހީދު ވިދާޅުވި އެވެ.

މި ސަރުކާރުން މާކެޓަށް ނެރެން ވައުދުވެފައިވާ 35،000 އެނދު ތަރައްގީ ކުރާނީ އުތުރުން ދެކުނަށް ބަހާލައިގެން ޓޫރިޒަމް ތަރައްގީވެފައި ނެތް ސަރަހައްދުތަކަށް އިސްކަންދީގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ހަތަރުވަނަ ޓޫރިޒަމް ޑިވެލޮޕްމެންޓް މާސްޓާ ޕްލޭނަށްފަހު އެއްވެސް އުސޫލެއް ނެތި ޓޫރިޒަމަށް ރަށްތައް ތަރައްގީކޮށްފައި އޮތީ. އެއް ސަރަހައްދެއްގައި ބައިވަރު ރިސޯޓުތައް ތަރައްގީކޮށްފައި އެބަހުރި. އެކަން ބަދަލުކުރުން އަޅުގަނޑުމެންގެ އަމާޒަކީ،" އަލީ ވަހީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ވިދާޅުވީ ޓޫރިޒަމްގެ މާސްޓާ ޕްލޭން މިމަހުގެ 30 ގައި އާންމު ކުރައްވާނެ ކަމަށެވެ. އެ ޕްލޭންގައި ވެސް އޯވަޓޫރިޒަމް އިން ސަލާމަތްވެވޭނެ މަގަކަށް ކަންކަން ރާވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޕްލޭން ލޯންޗު ކުރާއިރު، ޓޫރިޒަމް ޑިވެލޮޕްކުރާނީ ސަސްޓޭއިނަބްލްކޮށް. ފްލަޑު ނުވާނެހެން. އޯވާޓޫރިޒަމްގެ އިމްޕެކްޓް ނާންނާނެހެން،" މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް