އެމްޑީޕީ ޕީޖީ އިސް ބޭފުޅުންނާ ރައީސް ބައްދަލުކުރައްވައިފި

ރައީސް އެމްޑީޕީ ޕީޖީ ލީޑަރުންނާ ބައްދަލު ކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ އާ ލީޑަރުންނާ ރައީސުލްޖުމްހޫރިއްޔާ އަދި އެ ޕާޓީގެ އެންމެ އިސްފަރާރާތް، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ބައްދަލު ކުރައްވާފި އެވެ.

ނަވާރަ ވަނަ މަޖިލީހަށް އެމްޑީޕީގެ 65 މެމްބަރުންގެ ޕީޖީ ލީޑަރުން އިންތިހާބު ކުރީ އިއްޔެ ބޭއްވި އިންތިހާބުގައެއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގުޅިގެން މަސައްކަތްތައް ކުރިޔަށްގެންދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

އެ ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް ރައީސް އޮފީހުން ނުދެއެވެ.

ރައީސް އެމްޑީޕީ ޕީޖީ ލީޑަރުންނާ ބައްދަލު ކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

އެ ބައްދަލުކުރެއްވުމުގައި، އެ ޕާޓީގެ ޕީޖީ ލީޑަރު ކަމަށް ހޮވިވަޑައިގެންފައިވާ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި ހޮވި ވަޑައިގެންފައިވާ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އަދި ޕީޖީ ގުރޫޕުގެ އަމީން އާއްމު ކަމުގެ މަގާމަށް ހޮވިވަޑައިގެންފައިވާ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މަޖިލިސް މެމްބަރެއްގެ ގޮތުގައި 25 އަހަރު ދުވަސް ފުރުއްވި ރައީސް ސޯލިހަކީވެސް އެމްޑީޕީގެ ޕީޖީ ލީޑަރުކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި ބޭފުޅެކެވެ. ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވި އިރު، އެޕާޓީގެ ޕީޖީ ލީޑަރަކީވެސް ރައީސް ސޯލިހެވެ.

comment ކޮމެންޓް