މިހާރު ތިބި އޭސީސީގެ މެމްބަރުންނާ އެކު މައްސަލަތައް އިންސާފުން ނުބެލޭނެ: ޕީއެސްއެމް

އޭސީސީގެ ބައެއް މެމްބަރުން --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މިހާރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނާ އެކު ޕީއެސްއެމްގެ ޚިޔާނާތުގެ މައްސަލަތައް ނުފޫޒުން އެއްކިބާވެ ބެލިދާނެ ކަމަށް ގަބޫލުނުކުރާ ކަމަށް ޕީއެސްއެމް އިން ބުނެފިއެވެ.

ދައުލަތުގެ މީޑިއާ ހިންގާ ޕީއެސްއެމް އިން މިއަދު ނެރުނު ބަޔާނުގައި ވަނީ އޭސީސީގެ މެމްބަރުން ތިބީ ނުފޫޒުގެ ދަށުގައި ކަމަށް ތުހުމަތުކޮށްފަ އެވެ.

"މިހާރު އޭސީސީ ހިންގެވުމާ ހަވާލުވެ ތިއްބެވި ވެރިންގެ މަސްލަހަތު ފުށޫ ނާރާނެ ގޮތަކަށް މިކަން އިންސާފުގެ މަގުން އެއްކިބާ ނުވެ، މި ކުންފުނިން ހުށަހަޅާފައިވާ މައްސަލަތައް ބެލިދާނެ ކަމަށް މިކުންފުނިން ނުދެކެން،" ޕީއެސްއެމް އިން ނެރުނު ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނީ، ޕީއެސްއެމްގެ ހިންގުން އާ މެނޭޖްމަންޓުން ހަވާލުވިއިރު، ކުރީގެ ސަރުކާރުގައި އޮތް މެނޭޖްމަންޓުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިނގާފައިވާ 20 އަށް ވުރެ ގިނަ މައްސަލަ ތަހުގީގުކުރުމަށް އޭސީސީއަށް ޕީއެސްއެމްގެ ފަރާތުން އިސްވެ ހުށަހެޅި ކަމަށެވެ. އެ މައްސަލަތައް ހުށަހެޅީ ޕީއެސްއެމްގެ ބޯޑުން ފާސްކޮށް މީގެ ފަސް މަސްކުރިން ކަމަށް ޕީއެސްއެމްގެ ބަޔާނުގައި ބުނެ އެވެ.

އެ ތަހުގީގު ތަކުގައި ޕީއެމްއެމްއަށް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް އޭސީސީއަށް ދީފައިވާނެ ކަމަށް ބަޔާނުގައި ބުންޏެވެ.

"ކޮރަޕްޝަނަށް މަގުފައިވާ ގޮތަށް ހިނގާފައިވާކަމަށް ބެލެވޭ މަޝްރޫއުތަކާ ގުޅޭ އިދާރީ މަސައްކަތްތައް ކުރި މުވައްޒަފުންގެ ކޮމްޕިއުޓަރުތަކުގެ ހާޑް ޑިސްކުތަކާއި އީމެއިލް މެދުވެރިކޮށް ކޮށްފައިހުރި މުއާމަލާތައްވެސް އޭސީސީގެ ތަހުގީގު ބޭނުންފުޅަށް [އޭސީސީގެ] އެބޭފުޅުން ވަޑައިގެން ވަނީ ގެންދަވާފައި. ތަހުގީގަށް ބޭނުންވާ އިތުރު ލިޔެކިޔުންތައް އެ ކޮމިޝަނުން ފޮނުވާ އަމުރުތަކާ އެއްގޮތައް އެކޮމިޝަނަށް ވަނީ ފޮނުވާފައި،" ބަޔާނުގައި ބުނެ އެވެ.

"އޭސީސީން ހަދަނީ ދޮގު، ބޭނުން ވަނީ މައްސަލަ ނުބަލާ ފައިލް ކުރަން"

ބަަލަމުންދާ މައްސަލައަކާ ގުޅިގެން ޕީއެސްއެމްގެ ލިޔެކިއުންތަކެއް ހޯދަން އެތަނަށް ދިއުމުން އެ ލިޔެކިއުންތައް ފެނިފައި ނުވާ ކަަމަށް އޭސީސީން، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޓަޕްރައިޒް ކޮމިޓީ ގައި ވަނީ ބުނެފަ އެވެ.

ނަމަވެސް ޕީއެސްއެމް އިން އެކަން ދޮގު ކުރެއެވެ. ޕީއެސްއެމްގެ ބަޔާނުގައި ބުނީ، ލިޔެކިޔުންތައް ފޯރުކޮށްދީފައިވަނިކޮށް، ލިޔެކިޔުންތައް ނުލިބޭކަށް އޭސީސީން ބުނުމަކީ، އެ ކުންފުނިން ހުށަހެޅި މައްސަލަތައް ނުބައްލަވާ ފައިލްކުރުމުގެ ނިޔަތުގައި ކޮމިޝަނުން ކުރެއްވި ކަމެއް ކަމަށް ތުހުމަތު ކޮށްފައެވެ.

އެއްވެސް ލިޔެކިޔުމެއް ނުލިބޭކަމަށް އޭސީސީން މިހާތަނަށް އެ ކުންފުންޏަށް އަންގާފައި ނުވާ ކަމަށްވެސް ޕީއެސްއެމްގެ ބަޔާނުގައި ބުންޏެވެ. އަދި އިތުރަށް ބަޔާނެއް ބޭނުންވާ ނަމަ، އަދިވެސް އެފުރުސަތު އޭސީސީއަށް އެބައޮތް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އާދިއްތަ ދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި އޭސީސީގެ މެމްބަަރުން ހާޒިރުކޮށް ސުވާލު ކުރުމުން، އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ، ބައެއް ކުންފުނިތަކުގެ ލިޔެކިއުންތައް ގަސްދުގައި ނައްތާލާފައިވާކަން ކޮމިޝަނަށް އެނގިފަައިވާ ކަމަށެވެ.

"ބައެއް ތަންތަނުގައި، ހަމަ ކުންފުނިތަކުގައި އެބަހުރި ލިޔެކިއުންތައް ގަސްތުގައި ނައްތާލާފައި ވެސް އެބަހުރި. ލިޔުންތައް ނެތިފައި ވެސް އެބަހުރި. ހުންނަން ޖެހޭ ބައެއް ކަހަލަ ލިޔެކިއުންތައް ނެތިފައި ވެސް އެބަހުރި. މިހާރު ތަހުހީގު ކުރަމުންދާ މައްސަލަތަކަށް ބަލާއިރު ޕަބްލިކް ސާވިސް މީޑިއާގެ އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ ހުންނަން ޖެހޭ ވަރަށް ގިނަ ލިޔެކިއުންތަކެއް ނެތްކަން،" މުއައްވިޒު ކޮމިޓީގައި ވިދާޅުވި އެވެ.

މިހާރު އޮތް އޭސީސީއާއެކު ޕީއެސްމްގެ މައްސަލަތައް ނޫފޫޒުން އެއްކިބާވެ، އިންސާފުގެ މަގުން ނުބެލޭނެ ކަމަށް އެ ކުންފުނިން ތުހުމަތުކޮށްފައި ވަނީ މީގެ ކުރިން، އެ ކުންފުނީގެ ކުރީގެ ބޯޑުން ކޮށްފައިވާ އެފަދަ މައްސަލަތަކުގައި ކޮރަޕްޝަން ނުހިމެނޭ ކަމަށް އޭސީސީއިން ލަފާ ދެއްވާފައިވާތީ ކަމަށް ޕީއެސްއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް