ބާ ކައުންސިލްގެ އިންތިހާބު މޮނިޓާ ކުރުމުގެ ފުރުސަތު ހުޅުވާލައިފި

ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ތެރެއިން. އިލެކްޝަންސް އިން ބާއްވާ ބާ ކައުންސިލް އިންތިޚާބަށް މޮނިޓަރުން ހޯދަން މިހާރު ވަނީ ހުޅުވާލައިފައި -- ސަން ފޮޓޯ/ ހުސެއިން ސަޔާހް

މި މަހުގެ 13 ވަނަ ދުވަހު ބާއްވާ، ބާ ކައުންސިލުގެ ހިންގާ ކޮމިޓީ އިންތިހާބުގައި ވޯޓުނެގުމާއި ގުނުމުގެ ކަންތައްތައް މޮނީޓާ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ އިންތިހާބު މޮނިޓާ ކުރުމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ ޖުލައި 10 ވާ ބުދަ ދުވަހުގެ މެންދުރު 2:00އާ ހަމައަށް ކަމަށެވެ.

އިންތިހާބު މޮނިޓާ ކުރުމުގެ ފުރުސަތު ލިބޭނީ ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކާއި ހަބަރު ފަތުރާ އިދާރާތަކަށެވެ.

މޮނީޓަރުންގެ ގޮތުގައި ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ލިސްޓެއް، ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް، އައިޑީކާޑު ނަންބަރު އަދި ތަމްސީލުކުރާ ފަރާތް ހިމެނޭގޮތަށް އެ ކޮމިޝަނަށް ހުށަހަޅަން ވާނެ ކަމަށް އިއުލާނުގައިވެ އެވެ.

ލިސްޓު ބަލައިގަންނާނީ އިލެކްޝަންސް ކޮމިޝަނުގެ ރިސެޕްޝަނުން، ހެނދުނު 9:00 އިން ފެށިގެން މެންދުރު 2:00 އަށެވެ.

ބާ ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ. އެ މުއްދަތު ހަމަވާނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 5:00 ގައެވެ.

comment ކޮމެންޓް