އީޔޫ ކޮމިޝަންގެ ރައީސްކަމަށް ފުރަތަމަ ފަހަރަށް އަންހެނެއްގެ ނަން ހުށަހަޅައިފި

ޔޫރަޕިއަން ކޮމިޝަންގެ ރައީސްކަމަށް ނޮމިނޭޓްކޮށްފައިވާ އާސަލާ ވޮން ޑާ ލަޔަން (ކ) އާއި އީސީބީގެ ވެރިޔަކަށް ނޮމިނޭޓްކޮށްފައިވާ ކްރިސްޓިން ލަގާޑް -- ފޮޓޯ: ގެޓީ

އީޔޫ (ޖުލައި 3): ޔޫރަޕިއަން ކޮމިޝަންގެ ރައީސްކަމަށް ފުރަތަމަ ފަހަރަށް އަންހެނެއްގެ ނަން ހުށަހަޅައިފި އެވެ.

ތިން ދުވަހަށް ދެމިގެންދިޔަ އީޔޫ ލީޑަރުންގެ މަޝްވަރާތަކަށް ފަހު ކޮމިޝަންގެ ރައީސް ކަމަށް ހުށަހަޅާފައި ވަނީ ޖަރުމަނުގެ ޑިފެންސް މިނިސްޓަރު އާސަލާ ވޮން ޑާ ލަޔަންގެ ނަމެވެ. އަދި ޔޫރަޕިއަން ސެންޓްރަލް ބޭންކްގެ ވެރިޔަކަށް ހުށަހަޅާފައި ވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓިން ލަގާޑް އެވެ.

އަޔަލޭންޑުގެ ބޮޑުވަޒީރު ލިއޯ ވަރެޑްކާ ވަނީ އީޔޫގެ އިސް މަގާމުތަކަށް އަންހެނުންގެ ނަން ހުށަހެޅުމުން އެނގިގެން ދަނީ އެ އިއްތިހާދުން ޖިންސުގެ ހަމަހަމަކަމަށް އިސްކަންދޭ މިންވަރެވެ. އަދި ޔޫރަޕިއަން ކޮމިޝަންގެ ރައީސް ޑޮނަލްޑް ޓަސްކުވެސް ވަނީ އެނިންމުމަށް ތައުރީފު ކުރައްވާފަ އެވެ.

"ހަތަރު މަގާމަށް އަޅުގަނޑުމެން ވަނީ ދެ އަންހެނުންނާއި ދެ ފިރިހެނުންގެ ނަން ހުށަހަޅާފަ. އެއީ ޖިންސުގެ ގޮތުން ހަމަހަމަ ގޮތަކަށް،" ޓަސްކު ވިދާޅުވި އެވެ.

އެދެ މަގާމުގެ އިތުރުން ޔޫރަޕިއަން ކައުންސިލްގެ ރައީސްކަމަށް ބެލްޖިއަމްގެ ބޮޑުވަޒީރު ޗާލް މިޝެލް އާއި ފޮރިން ޕޮލިސީ ޗީފްއަށް ސްޕެއިންގެ ފޮރިން މިނިސްޓަރު ޖޯސެފް ބޮރެލްގެ ނަން ވަނީ ހުށަހަޅާފަ އެވެ.

އަދި މިއަދު އީޔޫގެ ލީޑަރުން ޔޫރަޕިއަން ޕާލިމެންޓުގެ ރައީސަކުވެސް ހިޔާރު ކުރާނެ އެވެ. އޭގެ ތެރެއިން ބައެއް ނަންތައް ފާސް ކުރާނީ ޔޫރަޕިއަން ޕާލިމެންޓުން ބަހުސް ކުރުމަށް ފަހުގަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް