ހަތް މަސްތެރޭ ރާއްޖެއަށް 30 ފޮރިން އިންވެސްޓްމެންޓް

ރާއްޖޭގެ ރިސޯޓެއް -- މިހާތަނަށް އައި 30 ފޮރިން އިންވެސްޓްމެންޓުގެ ތެރެއިން އެންމެ ގިނައީ ޓޫރިޒަމް ދާއިރާއާއި ކޮންސްޓްރަކްޝަން އިންވެސްޓްމެންޓުތައް --

ފާއިތުވި ހަތްމަސްތެރޭ 30 ފޮރިން އިންވެސްޓަރުން ރާއްޖޭގައި ރެޖިސްޓްރީކޮށްފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި "ނުވަގަޑި" ގައި "ސަން" އާ ވަހަކަ ދައްކަވަމުން ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ މި އަހަރުގެ މިހާތަނަށް 26 ފޮރިން އިންވެސްޓަރުން ރާއްޖެ އައިސް ރެޖިސްޓްރީ ވެފައިވާ ކަމަށާއި މި ސަރުކާރުގެ ފާއިތުވި ހަތް މަސްތެރޭ ޖުމްލަ 30 ފޮރިން އިންވެސްޓަރުން ރާއްޖެ އައިސްފައިވާ ކަމަށެވެ.

މީގެ ތެރޭގައި އެންމެ ގިނައީ ޓޫރިޒަމް ދާއިރާ އަދި ކޮންސްޓްރަކްޝަން ދާއިރާގެ އިތުުރުން ޖޮއިންޓް ވެންޗާސްތައް ކަމަށް ރެޖިސްޓްރާ ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބޭއްވި ނުވަގަޑި ހަރަކާތުގެ ތެރެއިން-- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އިއާދު ހަމީދު "ސަން" އަށް ވިދާޅުވީ ރާއްޖެއަށް ގިނަ އަދަދެއްގެ ފޮރިން އިންވެސްޓަރުން އަންނަމުންދާ ކަމަށާއި މިއީ އިންވެސްޓަރުންނަށް ފަހި މާހައުލެއް ރާއްޖޭގައި އޮތްކަމުގެ ހެއްކެއް ކަމަށެވެ.

މިނިސްޓްރީގެ އިންވެސްޓް މޯލްޑިވްސް ސެކްޝަނުގެ މަސައްކަތަކީ ރާއްޖޭގައި ހިނގާ މަޝްރޫއުތަކަށް އިންވެސްޓަރުން ހޯދުމެވެ. މިހާރުވެސް ގިނަ މަޝްރޫއަކަށް އިންވެސްޓަރުން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިއާދު ވިދާޅުވިއެވެ.

ގުޅީފަޅުގައި ކޮމާޝަލް ޕޯޓެއް ގާއިމުކުރުމަށާއި، އުތުރާއި ދެކުނުގައި ޓްރާންޝިޕްމެންޓު ބަނދަރު ތަރައްގީކުރުމަށް ފީޒިބިލިޓީ ހަދަައި ކޮންސަލްޓެންޓެއް ހޯދުމަށް މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އައްޑޫ ޕްރޮޖެކްޓަށް ބޭނުންވާ އިންވެސްޓަރުން ހޯދުމަށް މަސައްކަތް ފަށާފައިވާކަން އިއާދު ފާހަގަކުރެއްވިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބޭއްވި ނުވަގަޑި ހަރަކާތުގެ ތެރެއިން--- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

"އުތުރުގެ އިގްތިސޯދީ ހަބެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ދެ ސަރަހައްދެއް ފާހަގަކުރުމަށް މަސައްކަތް ފަށަން ތައްޔާރުވެފައި އޮތީ،"

އިއާދު ވިދާޅުވީ މާލެ ކައިރި ސަރަހައްދެއްގައި ސަފާރީތަކާއި މަސް ދޯނިތަކާއި މުދާ އުފުލާ އުޅަނދުފަހަރު އަޅާނެ ބަނދަރެއް ތަރައްގީކުރުމަށް މަސައްކަތް ފަށަން ނިންމާފައިވާ ކަމަށެވެ.

"ސަރުކާރު ފެށުނީއްސުރެ މިއަދާ ހަމައަށް ގިނަ އަދަދެއްގެ ފޮރިން އިންވެސްޓްމެންޓުތައް ރެޖިސްޓްރީކޮށްފި. މީގެން އެ ދޭހަކޮށްދެނީ ރާއްޖޭގެ އިގްތިސޯދާ މެދު ގިނަ ބަޔެއްގެ އިތުބާރު އިތުރުވެފައި ވާކަން. ބޭރު ދުނިޔޭގައި ރާއްޖޭގެ އިމޭޖު ވަރަށް ބޮޑަށް ޕޮޒިޓިވް ވެފައިވާކަން ގަބޫލުކުރެވެނީ،"

އިއާދު ވިދާޅުވީ މިދިޔަ މަހު ބޭއްވި ޕާޓްނާޝިޕް ފޯރަމުގައިވެސް އެކަން ފާހަގަވި ކަމަށެވެ.

"ކޮންމެ ދުވަހަކު ކަހަލަގޮތަކަށް ފޮރިން އިންވެސްޓަރުންނާ ބައްދަލުވެ މައުލޫމާތުވެސް އެބަ ދެން ހުރިހާ ފުރުސަތުތަކަކާ ގުޅޭގޮތުން. ވަރަށް އުންމީދީކޮށް ފެންނަނީ،"

comment ކޮމެންޓް