އައްޑޫގެ ބިން ހިއްކައި މަގު ހަދަން އިންޑިއާގެ އެގްޒިމް ބޭންކް އެހީ ހޯދަނީ

ޕްލޭނިން މިނިސްޓަރު އަސްލަމް މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަނީ -- ފޮޓޯ/ މަޖިލިސް

އައްޑޫ ސިޓީގެ ބިން ހިއްކައި މަގު ހެދުމަށް ކަނޑައަޅައިފައިވާ ބަޖެޓަކީ އެކަމަށް އެކަށޭނަ ބަޖެޓެއް ނޫން ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެހެން ވިދާޅުވީ އައްޑޫ ސިޓީ މަރަދޫގެ ބަނދަރު ހެދުމާއި ބިން ހިއްކުމުގެ މަސައްކަތާއި ގުޅޭގޮތުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް މިއަދު މަޖިލީހުގައި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މެމްބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ބަޖެޓް ނެތުމުން، އައްޑޫ ސިޓީގެ ބިން ހިއްކުމާއި މަގު ހެދުމުގެ މަސައްކަތް ކުރަން ނިންމާފައި ވަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގެ ދަށުން ކަމަށެވެ.

އެކަމާ ގުޅޭ ޓާމްސް އޮފް ރެފަރެންސް ތައްޔާރުކޮށް ސަރުކާރުން މިއަދު އިންޑިއާއަށް ފޮނުވާނެ ކަމަށާއި، މަސައްކަތް ފަށައިގަނެވޭނީ އެގްޒިމް ބޭންކުގެ އެޕްރައިޒަލް ތައްޔާރުކޮށް ނިމުމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިއަރުގެ ބަޖެޓުގައި ވަރަށް ކުޑަކުޑަ އަދަދެއް އެބަ އޮތް ހިމަނާފައި އެކަމަކު އެއްވެސް ސަބްސްޓޭންޝަލް ކަމެއް ކުރެވޭ ވަރަކަށް ބަޖެޓުގައެއް ނެތް. ސަރުކާރުން ނިންމާފައި އޮތީ އިންޑިއާގެ އެގްޒިމް ބޭންކުން ދޭ އެހީގެ ދަށުން އެކަން ކުރުމަށް،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ބަޖެޓުގައި ހިމަނާފައި ހުރި އެއްޗެއް ބޭނުން ކުރާނެ ކަމަށާއި، ނަމަވެސް އެއިން ނުފުދޭނެ ކަމަށެވެ.

"އެއަށްވުރެ މާ ގިނަ ލާރި އެބަ ބޭނުންވާ. އެގްޒިމް ލާރި އަޅުގަނޑުމެން މިއަށް ޓާގެޓު ކުރަނީ." މިނިސްޓަރު ވިދާޅުވިއެވެ.

މަރަދޫ ބަނދަރު ހެދުމުގެ މަސައްކަތް ހުއްޓިފައި އޮތުމާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލްގެ އެދުމުގެ މަތިން، 15 މިލިއަން ރުފިޔާގެ އެ ޕްރޮޖެކްޓަށް ބައެއް ބަދަލުތައް ގެނެސްފައިވާ ކަމަށެވެ.

"ގެނެވުނު ބަދަލަކީ ބަނދަރުގެ ކީ ވޯލްގެ އެލައިންމެންޓަށް ގެނެވުނު ބަދަލަކާއި، ކީ ވޯލަށް އިތުރު ކުރެވުނު 10 މީޓަރެއް،" އަސްލަމް ވިދާޅުވި އެވެ.

ދެހާސް ފަނަރަ ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން، މިދިޔަ މެއި މަހުގެ ނުވަ ވަނަ ދުވަހަށް މަސައްކަތް މުޅިން ނިންމަން ޖެހެ އެވެ.

ނަމަވެސް މި އަހަރުގެ މާޗު މަހު ބަނދަރުގެ މަސައްކަތް ވަނީ ހުއްޓިފަ އެވެ. އަސްލަމް ވިދާޅުވީ މަސައްކަތް ހުއްޓުނީ ޕްލޭނަށް ގެނައި ބަދަލުތަކުގެ ސަބަބުން، ކުރީގެ އެއްބަސްވުން ބާތިލުކޮށް އެހެން އެއްބަސްވުމެއްގައި ސޮއި ކުރަން ޖެހުމުންނެވެ.

"އާ އެގްރީމަންޓެއް 30 ޖޫންގައި ވަނީ ހެދިފައި. ނަމަވެސް އީއައިއޭގެ މަސައްކަތަށް 30 ދުވަސް ނަގާނެ. ބާރަށް މަސައްކަތް ފެށިގެން ކުރިއަށް ދެވޭނީ އޭގެ ފަހުން. އެކަމަކު ކުރީގެ އެގްރީމަންޓުގެ ދަށުން ނުނިމި ހުރި މަސައްކަތް މިހާރުވެސް ކުރިއަށް ގެންދެވޭނެ،" އަސްލަމް ވިދާޅުވިއެވެ.

މަރަދޫ ބިން ހިއްކުމާ ގުޅޭގޮތުން އަސްލަމް ވިދާޅުވީ އެ މަސައްކަތާ ގުޅޭ އެއްވެސް އެއްބަސްވުމެއް ފެންނަން ނެތް ކަމަށެވެ. އަދި 2013 ވަނަ އަހަރު އެ ޕްރޮޖެކްޓާ ގުޅޭ މުއާމަލާތްތައް ކުރެވި، ލިޔެކިޔުންތައް ބަދަލުކުރެވިފައި ހުރި ނަމަވެސް، އެއްވެސް ފަރާތަކުން އެ ޕްރޮޖެކްޓަށް ޝައުގުވެރިކަން ފާޅުކޮށްފައި ނުވާ ކަމަށެވެ.

"އެކަމާ ގުޅޭ ލިޔެކިޔުންތަކެއް އެބަހުރި. ފައިނޭންސަށް ފޮނުވާފައި ހުރި ލިޔެކިޔުންތަކާއި އޭސީސީ އާ ބަދަލު ކުރެވިފައި ހުރި ލިޔުންތަކެއް، ރައީސް އޮފީހަށް ފޮނުވާފައި ހުރި ސިޓީތަކެއް ފެންނާން އެބަހުރި. އެ ސިޓީތަކުން ފެންނާން ހުރި މައުލޫމާތަކީ އެކަން ކުރުމަށް ބަޖެޓު ނެތް ކަމާއި، ޖެހިގެން އޮތް އަހަރު އެކަން ކުރުމަށް ބަޖެޓު ކޮށްގެން ކުރިއަށް ގެންދަން މަސައްކަތް ކުރަމުން ދާކަން،" މިނިސްޓަރު ފާހަގަކުރެއްވި އެވެ.

comment ކޮމެންޓް