ހުޅުދުއްފާރުގެ އާބާދީ 1500، ރުއްގަސް ނަގަން ބޭނުންވީ އެންމެ 57 މީހުން

ރ. ހުޅުދުއްފާރު: އެ ރަށުގެ ގިނަ އަދަދެއްގެ ރުއް ނަގަން ބޭނުންވީ 57 މީހުން --

ރ. ހުޅުދުއްފާރުގައި ސަރުކާރުން ކުރިއަށް ގެންދަން ރާވާފައިވާ މަގު ހެދުމުގެ މަޝްރޫއަށް އެ ރަށުން ރުއްގަސް ނަގަން ފެންނަ ކަމަށް ބުނީ 57 މީހުން ކަން ހާމަވެއްޖެ އެވެ.

ހުޅުދުއްފާރު ކައުންސިލުގެ ރައީސް މުހައްމަދު އިބްރާހިމް މިއަދު "ސަން"އަށް ވިދާޅުވީ، ސަރުކާރުން އެ ރަށުގައި ހިންގަން ބޭނުންވާ މަގު ހެދުމުގެ މަޝްރޫއާ މެދު ރައްޔިތުންގެ ހިޔާލު ހޯދަން ޕްލޭނިން މިނިސްޓްރީއިން ކައުންސިލުގައި އެދުނު ކަމަށެވެ. އަދި އެ އެދުމާ ގުޅިގެން ރައްޔިތުންގެ ހިޔާލު ހޯދަން އާންމު ބައްދަލުވުމެއް ބޭއްވި ކަމަށެވެ.

ރައްޔިތުންގެ ހިޔާލު ހޯދުމަށް ކައުންސިލުން ބޭއްވި އާންމު ބައްދަލުވުމަށް ހާޒިރުވީ 57 މީހުންނެވެ. ހިޔާލު ހޯދުމުގެ ވޯޓު ނެގީ އެ 57 މީހުންގެ މެދުގަ އެވެ. އެ ބައްދަލުވުމުގައި ދެ ކަމަކާ މެދު ފެންނަ ނުފެންނަ ވޯޓެއް ނެގި އެވެ. އެއީ:

  • ރަށުގެ މަގުތަކުގައި ހުރި ރުއްގަސް ނަގާނީތޯ
  • ރަށުގެ މަގުތަކުގައި ތާރު އަޅާނީތޯ ނުވަތަ މިހާރު ހުރި ގޮތަށް ބަހައްޓާނީތޯ

ވޯޓުގައި ބައިވެރިވި 57 މީހުންގެ ތެރެއިން ހުރިހާ އެންމެންވެސް ބޭނުންވީ ރުއްގަސް ނެގުމަށް ކަމަށް ކައުންސިލުގެ ރައީސް ވިދާޅުވި އެވެ. ރަށުގެ މަގުތަކުގައި ތާރު އަޅަން ފެންނަ ކަމަށް 35 މީހަކު ވޯޓު ދިން އިރު ބާކީ އެންމެން ވޯޓު ދިނީ މިހާރު ހުރި ގޮތަށް މަގުތައް ބަހައްޓަން ފެންނަ ކަމަށެވެ.

އެ ބައްދަލުވުމުގައި ރައްޔިތުން ނިންމި ގޮތް މިނިސްޓްރީއާ ހިއްސާކޮށްފައި ވާނެ ކަމަށް ކައުންސިލުގެ ރައީސް ވިދާޅުވި އެވެ. އަދި އެ މައުލޫމާތު ބޭނުންކޮށްގެން ވަކި ގޮތެއް ނިންމާނީ މިނިސްޓްރީއިން ކަމަށް އޭނާ ވިދާޅުވި އެވެ.

"ކައުންސިލުން ރައްޔިތުން އެދޭ ގޮތެއް އަހާލާށޭ މިނިސްޓްރީއިން ބުނީމަ އަޅުގަނޑުމެން ރައްޔިތުން ބޭނުންވާ ގޮތެއް ރައްޔިތުން ކުރެން އަހާފައި ރައްޔިތުން އެ ދިން ޖަވާބެއް އަޅުގަނޑުމެން މިނިސްޓްރީއާ ހިސާބަށް ފޮނުވީ. ކައުންސިލުން ކުރާ މަސައްކަތެއް ނޫން މިއީ، ސަރުކާރުން ކުރާ މަސައްކަތެއް މިއީ،" ކައުންސިލުގެ ރައީސް މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.

"ކައުންސިލުން އެ ޖަވާބު މިނިސްޓްރީއަށް ދިން ނަމަވެސް، މިނިސްޓްރީއިން އެކަމުގައި ގޮތެއް ކަނޑައަޅާ ނިންމާނީ. އަދި އީޕީއޭއިން ހުއްދަ ހޯދުމަކީވެސް މިނިސްޓްރީއިން މިފަދަ ޕްރޮކްޓުތަކުގައި ކުރާ ކަމެއް. ކައުންސިލުތަކުން ކުރާ ކަމެއް ނޫން އެއީ،"

އެކަމަކު، ރައްޔިތުންގެ ހިޔާލު ހޯދަން ބޭއްވި ބައްދަލުވުމުގައި ބައިވެރިވި މީހުންގެ އަދަދު މަދުކަމުން އެފަދަ ނިންމުމަކީ ބަލައިގަނެވޭނެ ނިންމުމެއް ނޫން ކަމަށް ބައެއް މީހުން ދެކެއެވެ.

"ރަށުގެ އާބާދީ 1500އަށް ވުރެ ބޮޑު. ދެން ކިހިނެއް ފަންސާހަކަށް މީޙުން ބޭނުންވާ ގޮތަށް ފާސް ކުރެވޭނީ. މިނިސްޓްރީއަށް ފޮނުވަން ވާނީ ގިނަ މީހުން ބައިވެރިވެގެން ނިންމާ ނިންމުމެއް،" ކަންބޮޑުވުން ފާޅު ކުރި މީހަކު ބުންޏެވެ.

މަގު ހެދުމުގެ މަޝްރޫއު

ސަރުކާރުން ރާވާފައި ވަނީ، ހުޅުދުއްފާރުގެ ބޮޑު މަގު އަދި ހުރަހަށް އޮންނަ ހަތަރު މަގެއްގައި ތާރު އަޅާށެވެ. ކައުންސިލުން ވަނީ އެ މަގުތަކުގައި ހުރި ރުއްގަހުގެ އަދަދު ސަންއާ ހިއްސާކޮށްފަ އެވެ.

  • ބޮޑުތަކުރުފާނު މަގުގައި 383 ރުއްގަސް
  • މަޖީދީ މަގުގައި 16 ރުއްގަސް
  • އަމީނީ މަގުގައި 130 ރުއްގަސް
  • ޖަމީލު މަގުގައި 24 ރުއްގަސް
  • އިސްކަންދަރު މަގުގައި ރުކެއް ނުވަތަ ގަހެއް ނުހުރޭ

ކައުންސިލުގެ ރައީސް ވިދާޅުވީ، މަޝްރޫއު ކުރިއަށް ގެންދާ ނަމަވެސް، ރުއްގަސް ރަށުން ބޭރު ނުކުރާނެ ކަމަށެވެ. އަދި މަގުތަކުން ނަގާ ރުކާއި ގަސް އިންދާނީ ރަށުގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ނަގާފައި ނައްތާލާ ގޮތަކަށް ނޫން، ރަށުގެ އެހެން ދިމަ ދިމާލުގައި ރުކާ ގަހާ ޖަހާ ގޮތަށް. ރަށުން ބޭރު ކުރާ ގޮތަކަށް ނޫން އޮތީ،" ކައުންސިލް ރައީސް ވިދާޅުވި އެވެ.

ހުޅުދުއްފާރުގެ ބޮޑުތަކުރުފާނު މަގަކީ ގިނަ އަދަދެއްގެ ރުއްގަސް ހިމެނޭ ހިތްފަސޭހަ މަގެކެވެ. އެ މަގުގެ ރުއްތަކާއި ގަސްތައް ނަގައިފި ނަމަ ރަށުގެ ހިތްގައިމުކަން ގެއްލޭނެ ކަމަށް ބުނެ، ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

comment ކޮމެންޓް