އާޖެންޓީނާ ބަލިކޮށް ބްރެޒިލް ފައިނަލަށް

ކޮޕާ އެމެރިކާގެ ސެމީ ފައިނަލުގައި އާޖެންޓީނާ ކޮޅަށް ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސުސް ގޯލު ޖެހުމަށްފަހު --- ފޮޓޯ/ ޑެޔަން ކަލިނިޗް

މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާގެ ސެމީ ފައިނަލުގައި ވާދަވެރި އާޖެންޓީނާ ބަލިކޮށް ބްރެޒިލްއިން ފައިނަލަށް ދަތުރު ކޮށްފި އެވެ.

މިއަދު ބްރެޒިލްގެ އަމިއްލަ ބިމުގައި ކުޅުނު އެ މެޗުން އާޖެންޓީނާގެ މައްޗަށް އެ ޓީމުން ކުރި ހޯދީ 0-2 ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު ބްރެޒިލްއިން އެ މުބާރާތުގެ ފައިނަލަށް ދަތުރު ކުރި އިރު ބްރެޒިލްގައި މިހާތަނަށް ބޭއްވި އެއްވެސް މުބާރާތަކުން އާޖެންޓީނާއަށް އެ ޓީމު ބަލިކުރެވިފައެއް ނެތެވެ.

ކުއާޓާ ފައިނަލުގައި ވެނެޒުއެލާ ބަލިކޮށް އާޖެންޓީނާ ސެމީ ފައިނަލަށް ދަތުރު ކުރި އިރު ބްރެޒިލް ސެމީއަށް ދަތުރު ކުރީ ޕެނަލްޓީގައި ޕެރަގުއޭ ބަލިކޮށްގެންނެވެ. މިއަދު ކުޅެވުނު ސެމީ ފައިނަލުން ބްރެޒިލް މޮޅުވި ނަމަވެސް އެ ޓީމުގެ ހަގީގީ ފެންވަރު ދެއްކިފައެއް ނުވެއެވެ. ބްރެޒިލްއިން މި މުބާރާތުގެ ފައިނަލަށް އެންމެ ފަހުން ދަތުރު ކުރީ 2007 ވަނަ އަހަރު އެވެ.

ކޮޕާ އެމެރިކާގެ ސެމީ ފައިނަލުގައި އާޖެންޓީނާއާއި ބްރެޒިލް ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ޑެޔަން ކަލިނިޗް

ދެ ޓީމުން ވެސް ވަރުގަދަ ސްކޮޑަކާ އެކު މެޗު ފެށި އިރު އެންމެ ފުރަތަމަ ހަމަލާއެއް އުފެއްދީ އާޖެންޓީނާއިންނެވެ. އާޖެންޓީނާގެ މެދުތެރެއަށް ކުޅެމުން އަންނަ ރޮޑްރިގޯ ޑެ ޕޯލް އޭރިއާ ބޭރުން ފޮނުވާލި އެ ހަމަލާ ދިޔައީ ހުރަސް ދަނޑި ކައިރިން ބޭރަށެވެ. އާޖެންޓީނާގެ ހަމަލާއަށް ފަހު ބްރެޒިލްއަށް ލިބުނު ފުރަތަމަ ފުރުސަތުގެ ބޭނުން ހިފައި އެ ޓީމަށް ލީޑު ނަގައިދިނީ ގެބްރިއަލް ޖީސުސްއެވެ.

ޖީސުސްގެ ގޯލާ އެކު އާޖެންޓީނާގެ ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރިއެވެ. އެގޮތުން ޓީމު ކުރިއަށް ޖައްސައިގެން އާޖެންޓީނާއިން ކުރި މަސައްކަތުން ވަނީ ދެފަހަރެއްގެ މަތިން ގޯލު ދަނޑީގައި ވެސް ޖަހައިފަ އެވެ. އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީގެ ފަރާތުން މި މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް އޭނާއަށް ވެސް ވަނީ އެ މެޗުގައި ގޯލެއް ޖެހޭ ގޮތް ނުވެފަ އެވެ.

މެޗުގައި ގިނަ ހަމަލާތަކެއް އާޖެންޓީނާއިން އުފައްދަމުން ދިޔަ ނަމަވެސް ބްރެޒިލްގެ ކީޕަރު އެލިސަން ބެކާއާއި އެ ޓީމުގެ ޑިފެންސުން ދިޔައީ އެ ހަމަލާތައް ހުއްޓުވުމުގައި ހުށިޔާރުކަން ދައްކަމުންނެވެ.

އަދި އާޖެންޓީނާއިން ހިއްވަރާ އެކު ގޯލެއް ޖަހަން މަސައްކަތް ކުރަމުން ދިޔަ ވަގުތު ލިބުނު ކައުންޓާ އެޓޭކެއްގައި އެ ޓީމުގެ އުންމީދުތައް ފުނޑު ފުނޑުކޮށް ބްރެޒިލްއަށް ލީޑު ފުޅާ ކޮށްދިނީ ރޮބާޓޯ ފިރްމީނިއޯ އެވެ. މި ގޯލު ޖެހުމުގައި ވެސް ގެބްރިއަލް ޖީސުސް ވަނީ ބޮޑު ދައުރެއް އަދާ ކޮށްފަ އެވެ.

ފައިނަލުގެ ދެވަނަ ޖާގައެއް ކަށަވަރު ވާނީ މާދަން ރޭ ކުޅޭ ސެމީ ފައިނަލުގެ ދެވަނަ މެޗަށް ފަހު އެވެ. އެ މެޗުގައި ބައްދަލު ކުރާނީ އެންމެ ފަހުން ދެ މުބާރާތުގެ ވެސް ޗެމްޕިއަން ޗިލީއާއި ޕެރޫ އެވެ.

comment ކޮމެންޓް