ސްވިޒަލެންޑް އަންހެން ޓީމުގެ މިޑްފީލްޑަރު އިސްމާއީލީ މަރުވެފައި އޮއްވާ ފެނިއްޖެ

ސްވިޒަލެންޑުގެ މިޑްފީލްޑަރު ފިޔޮރިޖަނާ އިސްމާއީލީ --- ފޮޓޯ/ ޓޯކް ސްޕޯޓް

މިދިޔަ ހޮނިހިރު ދުވަހު ދިމާވި އެކްސިޑެންޓެއްގައި ގެއްލިގެން ހޯދަމުން އަންނަ ސްވިޒަލެންޑުގެ އަންހެން ޓީމުގެ މިޑްފީލްޑަރު ފިޔޮރިޖަނާ އިސްމާއީލީ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ސްވިޒަލެންޑުގެ ޔަންގް ބޯއީސްއަށް ކުޅެމުން އަންނަ އިސްމާއީލީ މީގެ ތިން ދުވަސް ކުރިން ގެއްލިފައި ވަނީ ސްވިޒަލެންޑުގެ ލޭކް ކޮމޯގައި ދަތުރުކުރުމަން ދިޔަ ބޯޓަކުން ފުއްމާލުމަށްފަހު އެވެ. އިސްމާއިލީ މޫދަށް ފުންމާލުމަށްފަހު މައްޗަށް ނޭރުމުން އޭނާ ހޯދުމަށް ވަގުތުން ވަނީ ބޯޓުގައި ތިބި މީހުންނާއި އެ ސަރަހައްދު ބަލަހައްޓަމުން އަންނަ ކޯސްޓް ގާޑުން ފަށައިފަ އެވެ.

ޔަންގް ބޯއީސްއިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގެއްލިގެން ހޯދަމުން އަންނަ އުމުރުން 24 އަހަރުގެ އަންހެން ފުޓުބޯޅަ ކުޅުންތެރިޔާ އިސްމާއީލީގެ ހަށިގަނޑު އޭނާ ގެއްލުނު ސަރަހައްދުން ފެނިފައިވާ ކަމަށެވެ.

އިސްމާއީލީ ޔަންގް ބޯއީސްގެ ޓީމާއި ގުޅުނީ 2011 ވަނަ އަހަރު އެވެ. އެއަށް ފަހު އޭނާ އައީ އެކުލަބުގެ ކެޕްޓަން ކަން ވެސް ކުރަމުންނެވެ. އޭނާ ސްވިޒަލެންޑުގެ ގައުމީ ޓީމަށް 2014 ވަނަ އަހަރު ކުޅެން ފެށި އިރު އޭނާ ވަނީ އެ ޓީމަށް 33 މެޗު މިހާތަނަށް ކުޅެދީފަ އެވެ.

މީގެ އިތުރުން އިސްމާއީލީގެ ކުއްލި މަރާ ގުޅިގެން ފީފާގެ ރައީސް ޖިއަނީ އިންފަންޓީނޯ ވެސް ވަނީ އޭނާގެ އާއިލާއަށާއި ޔަންގްބޯއީސްއަށް ހަމްދަރުދީގެ މެސެޖެއް ފޮނުވާފަ އެވެ.

އިންފަންޓީނޯ ބުނީ އިސްމާއިލީގެ މަރުގެ ހަބަރަކީ ވަރަށް ހިތާމަވެރި ހަބަރެއް ކަމަށާއި ހާއްސަކޮށް އަންހެނުންގެ ވޯލްޑް ކަޕު މިހާރު ކުރިއަށްދާ އިރު މި ލިބުނު ހިތާމަ އަކީ މުޅި ފުޓުބޯޅަ އާއިލާއަށް ވެސް ލިބޭނެ ހިތާމައެއް ކަމަށެވެ.

comment ކޮމެންޓް