ހާއްސައެހީއަށް ބޭނުންވާ ކުދިންގެ ފަރިތަކުރުންތަކުގައި މަހްލޫފް ބައިވެރިވެ ވަޑައިގެންފި

ހާއްސައެހީއަށް ބޭނުންވާ ކުދިންގެ ކުޅިވަރުތަކުގެ ފަރިތަކުރުންތަކުގައި ކުޅިވަރާ ބެހޭ މިނިސްޓަރު އަހުމަދު މަހްލޫފް އަމަލީ ގޮތުން ބައިވެރިވެ ވަޑައިގެންފި އެވެ.

މިއަދު ހަވީރު ހުޅުމާލޭގައި އަލަށް ބިނާކުރި ޓްރެކުގައި ކުރިއަށް ދިޔަ ފަރިތަކުރުންތަކުގައި ބައިވެރިވެ ވަޑައިގަތުމަށްފަހު މަހުލޫފް ވިދާޅުވީ މި ސަރުކާރުގައި ކުޅިވަރުގެ ދާއިރާއިންވެސް ހާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިން ބާކީ ވެގެން ނުދާނެ ކަމަށެވެ.

އެގޮތުން މިމަހު 19 އިން 29 އާ ހަމައަށް މޮރިޝަސްގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަ ކުރާނެ މުހައްމަދު މާޒިންއާ އެކު މަހްލޫފް ވަނީ ދުވެ ވަޑައިގެންފަ އެވެ. މަހްލޫފް ވިދާޅުވީ އައިއޯއައިޖީގައި ރާއްޖެ ތަމްސީލު ކުރާ މާޒިން އަކީ ވަރަށް ހުނަރުވެރި ކުއްޖެއް ކަމަށާއި އޭނާގެ ދުވެލި ހީކުރި ވަރެއް ވުރެން ބާރު ކަމަށެވެ. އަދި މުބާރާތުގައި ވެސް ރަނގަޅު މެޑައްޔެއް ހޯދާނެ ކަމުގެ އުންމީދު ބޮޑު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގައި ތިބި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ގިނަ މުބާރާތްތަކުގައި އެހެން ފަރާތްތަކެކޭ ވެސް އެއްގޮތައް ބައިވެރިވެވެންޖެހޭ ކަން މަހްލޫފް ވަނީ ފާހަގަ ކުރައްވާފަ އެވެ.

މިއަހަރު ދުބާއީގެ އަބޫ ދާބީގައި ކުރިއަށްދިޔަ ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ރާއްޖޭގެ ބައިވެރިންތަކެއް ވަނީ ބޮޑެތި ކާމިޔާބުތަކެއް ހޯދައިފަ އެވެ. އެގޮތުން އެ މުބާރާތުގެ ފިރިހެން ބައިގެ 200 މީޓަރު ދުވުމުން ރާއްޖެ ތަމްސީލު ކުރި ވަސްމީ ވަހީދު ވަނީ ރިހި މެޑަލް ހޯދައިފަ އެވެ. އަދި އެ ރޭހުގެ ފަސްވަނަ ވެސް ހޯދީ ރާއްޖެއަށް ނިސްބަތްވާ އަލީ އަމީން އަބްދުލް ގަފޫރް އެވެ.

އަދި އެ މުބާރާތުގެ އަންހެން ދުވުމުގެ 100 މީޓަރު ބައިން ރާއްޖެ ތަމްސީލު ކުރި ޝިފްނާ އިބްރާހީމް ވަނީ އެ ރޭހުން އެއްވަނަ ހޯދައިފަ އެވެ. އެ މުބާރާތަކީ ދުނިޔޭގެ 190 އަށް ވުރެ ގިނަ ގައުމު ވާދަކުރި މުބާރާތެކެވެ.

comment ކޮމެންޓް