މަސްދުވަހަށްފަހު، ވަކިން ސިނގިރޭޓް ވިއްކާތޯ ބެލުމަށް އެޗްޕީއޭއިން ނިކުންނަނީ

ދުންފަތުން ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ގުޅޭގޮތުން ގެޒެޓް ކުރެވުނު ގަވައިދަށް އަމަލު ކުރަން ފެށިތާ މަސް ދުވަސްފަހުން ވަކިން ސނިގިރޭޓް ވިއްކާތޯ ބެލުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާއްސަ އޮޕަރޭޝަނެއް ފެށުމަަށް ނިންމައިފި އެވެ.

ދުންފަތުން ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ގުޅޭގޮތުން ގެޒެޓް ކުރެވުނު ގަވައިދާއެކު، މިދިޔަ މެއި މަހުގެ 31 ވަނަ ދަވަަށް ފަހު ވަކިން ސިނގިރޭޓް ވިއްކުން ވަނީ މަނާކޮށްފައެވެ.

އެޗްޕީއޭ އިން އިއްޔެ ނެރުނު ނޫސްބަޔާނުގައި ބުނީ، ދުންފަތުގެ ބާވަތްތައް ޕެކެޓް ކޮށް ލޭބަލް ޖެހުމާބެހޭ ގަވައދަށް އަމަލު ކުރާ މިންވަރު ދެނެގަތުމުގެ ގޮތުން ވިޔަފާރި ކުރާ ތަންތަން ބަލާ ފާސް ކުރުމަށް ހާއްސަ އޮޕަރޭޝަން ތަކެއް އެޗްޕީއޭއާއި ކަމާ ގުޅޭ އެހެން މުއައްސަސާތައް ގުޅިގެން ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެޗްޕީއޭގެ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ، އެ އޮޕަރޭޝަންތައް މި ހަފްތާތެރޭ މާލޭގައި ފަށާނެ ކަމަށެވެ. އަދި ފަހުން އަތޮޅު ތެރެއަށްވެސް އެ އޮޕަރޭޝަން ފުޅާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އޮފީޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިހާރު ހުރިހާ ފިހާރަތަކެއްހެއް ވަކިން ސިނގިރޭޓް ވިއްކުން ހުއްޓާލާފައިވާ ކަމަށާއި ނަމަވެސް އަދިވެސް މާލެއާއި ބައެއް ރަށްތަކުން މަދުން ނަމަވެސް ވަކިން ސިނގިރޭޓް ވިއްކަމުންދާ ކަމުގެ ރިޕޯޓު ލިބޭ ކަމަށެވެ.

އެޗްޕީއޭގެ އޮފަރޭޝަނުގައި ދުންފަތުގެ ވިޔަފާރި ކުރާ ތަންތަނުން ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރި ކުރާ ގޮތުގެ މަޢުލޫމާތު އޮޅުން ފިލުވުމަށްވަނީ ހަމަޖެހިފައެވެ. އަދި މި މަސައްކަތް ކުރިޔަށްދާ އިރު، ބޭނުންވާ ހާލަތްތަކުގައި މި ކަމުގައި ޝާމިލު ވާ ޓީމުގެ މަސައްކަތް ނިމެންދެން ވަގުތީ ގޮތުން ތަންތަން ބަންދު ކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ދުންފަތުން ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވާއިދުގެ މައިގަނޑު މަގުސަދަކީ، ކުޑަކުދިން އަދި ޒުވާނުން ދުންފަތުގެ އިސްތިއުމާލުކުރަން ފެށުމުން ދުރުހެލިވުމާއި ހުރިހާ އުމުރެއްގެ މީހުންނަށް ދުންފަތުގެ ނުރައްކަލާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުމެވެ. އަދި ދުންފަތުގެ ބާވަތްތައް އިޝްތިހާރުކުރުން ކުޑަ ކުރުމަކީ ވެސް މި ގަވާއިދުގެ މަގުސަދެކެވެ.

އެ ގަވާއިދުގެ ދަށުން ވަކިން ސިނގިރޭޓް ވިއްކުމާއި ސިނގިރޭޓް ފޮށީގެ ބޭރުގައި ފޮޓޯ ޖެހި އިންޒާރާ ނުލައި ސިނގިރޭޓް ވިއްކުމަކީ މަނާކަމެކެވެ.

ގައިވާއިދުގައިވާ ގޮތުން ރާއްޖޭގައި ވިއްކޭނީ، މަދުވެގެން 20 ސިނގިރޭޓް ހިމެނޭ ފޮށްޓެވެ. ބިޑި ވިއްކާ ނަމަ ވިއްކޭނީ މަދުވެގެން 50 ބިޑި ހިމެނޭ ފޮށްޓެއް ނުވަތަ ބޮނޑިއެކެވެ. އަދި ދުންފަތާ ދުންފަތުގެ އެހެން ބާވަތްތައް ވިއްކޭނީ އޭގައި މަދުވެގެން 30 ގުރާމް ހުންނަ ނަމައެވެ.

ގަވައިދުގެ ދަށުން، ދުންފަތުގެ ބަވާތްތައް ރާއްޖޭގައި ވިއްކާއިރު، އެ ބާވަތްތައް ބަންދުކޮށްފައި ހުންނަ ޕެކެޓާއި ކާޓުންގެ ބޭރުގައި ހެލްތް މިނިސްޓްރީން އާންމުކޮށްފައިވާ ގޮތަށް ފޮޓޯ ޖެހި ސިއްހަތުގެ އިންޒާރު ޖެހުން ލާޒިމް ވަނީ މި މަހުގެ 31 ވަނަ ދުވަހުން ފެށިގެންނެވެ. އަދި މިއަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުން ފެށިގެން ފޮޓޯ ޖެހި ސިއްހަތުގެ އިންޒާރު ނުޖަހާ ދުންފަތާއި ދުންފަތުގެ ބާވަތްތައް ރާއްޖޭގައި ވިއްކުން މަނާ ވާނެއެވެ.

މި ގަވައިދާ ހިލާފުވާ ފަރާތްތައް، އެ ކުށް ކުރުމަށް ބޭނުން ކުރި މުދަލެއްގެ އަގާއި އޭގެ ޓެކުހާއި އެހެނިހެން ފީތަކުގެ ޖުމްލަ އަދަދުގެ 10 ގުނަ އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ގަވައިދުގައި ވަނީ ބުނެފައެވެ. އަދި ދެ ވަނަ ފަހަރަށް ގަވައިދާ ހިލާފުވެއްޖެ ނަމަ، އިތުރަށް 5،000 ރުފިޔާ އަދި ތިން ވަނަ ފަހަރަށް، 10،000 ރުފިޔާ އިން ޖޫރިމަނާކޮށް، ހަތަރު ވަނަ ފަހަރަށް 20،000 ރުފިޔާ އިން ޖޫރިމަނާ ކުރާން ހިމެނެއެވެ.

ވަކިން ސިނގިރޭޓް ވިއްކުން މަނާކުރުމުގެ ގަވާއިދަށް އަމަލު ކުރަން ފެށިތާ މަސްދުވަސްވިއިރު، މިދިޔަ މެއި މަހު މާލެ ސިޓީ ކައުންސިލުން ވަނީ މާލޭގެ މަގުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރަން ނިންމައިފަ އެވެ. އެއުސޫލަށް އަމަލުކުރަން ފަށާނީ އަންނަ ނޮވެމްބަރު މަހުގެ ފަހުންނެވެ.

ދުންފަތުގެ ބާވަތްތަކުގައި ތަސްވީރުން ދެވޭ ސިއްހަތުގެ އިންޒާރު ޖެހުން ލާޒިމު ކުރުމާއި، ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ މަދު މިންވަރު ކަނޑައެޅުމަކީ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނާއި، ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ބައިނަލްއަގުވާމީ މުއާހަދާ ލާޒިމު ކުރާ ކަންކަމެވެ.

comment ކޮމެންޓް