ބޮޑު ހިޔާނާތުގެ މައުލޫމާތު އަޒީމާއާ ހިއްސާކުރި، އަޅާނުލެއްވި

އެމްއެމްއޭގެ ގަވަރުނަރަކަށް ހުންނެވި ދުވަސްވަރު އަޒީމާ އާދަމް މަޖިލީހުގެ ކޮމިޓީއެއްގައި. -- ފޮޓޯ/ ސަން

އެމްއެމްޕީއާރުސީގެ ބޮޑު ހިނާޔާތުގައި ހިމެނޭ އެސްއޯއެފް ކުންފުނިން ދައުލަތުގެ އެތައް މިލިއަން ޑޮލަރެއް ލޯންޑާކުރަމުން ދިޔަކަން އެމްއެމްއޭގެ އޭރުގެ ގަވަރުނަރު އަޒީމާ އާދަމްގެ ސަމާލުކަމަށް ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)އިން ގެނައިކަން ހާމަވެއްޖެ އެވެ.

އެމްއެމްއޭގެ ދަށުން ހިންގާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)އިން 2014 ގައި ތައްޔާރު ކުރި ރިޕޯޓެއްގައި ހިޔާނާތުގެ ފައިސާ ވަންނަމުން ދިޔަ އެސްއޯއެފް ކުންފުނިން މަނީލޯންޑަރިން ހަރަކާތްތައް ހިންގަމުން ދިޔަކަން ފާހަގަވި ނަމަވެސް އެކަމުގައި ފިޔަވަޅު ނޭޅި މައްސަލައިގައި އޭސީސީއިން ހިންގި ތަހުގީގުގައި ވަނީ، އޭރުގެ ގަވަރުނަރު އަޒީމާގެ އިހުމާލު އޮތްތޯވެސް ބަލައިފަ އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި އަޒީމާގެ އިހުމާލު ބޮޑު ކަމަށް ތުހުމަތުތައް ވެސް ކުރެވިފައިވެ އެވެ.

އެ މައްސަލައިގެ ތަހުގީގުން ފާހަގަވި ކަންކަން ހާމަކުރަމުން އޭސީސީއިން މިއަދު ނެރުނު ތަހުގީގު ރިޕޯޓްގައިވާ ގޮތުން، އެފްއައިޔޫގެ ރިޕޯޓުން އެސްއޯއެފް އިން މަނީލޯންޑާ ކުރާކަން ފާހަގަވީ ނަމަވެސް އެ މައްސަލައިގައި ފިޔަވަޅެއް ނާޅައި ރިޕޯޓް ފައިލް ކުރުމުގެ ކުރިން އެ ރިޕޯޓްގެ ކޮޕީއެއް އޭރުގެ އެފްއައިޔޫގެ ވެރިޔާގެ އަމިއްލަ އީމެއިލް އިން ގަވަރުނަރު އަޒީމާގެ ރަސްމީ އީމެއިލްއަށް ފޮނުވި އެވެ. އެހެން ނަމަވެސް، އެ ރިޕޯޓާ ގުޅިގެން އަޒީމާ އެއްވެސް އިންސްޓްރަކްޝަނެއް ދެއްވިކަން ތަހުގީގަށް ފާހަގަވެފައި ނުވާ ކަމަށް އޭސީސީގެ ތަހުގީގައިވެ އެވެ.

"އެ ރިޕޯޓާ ގުޅިގެން ވަކި ގޮތަކަށް ޢަމަލު ކުރަން އެފްއައިޔޫގެ ވެރިޔާއަށް އިރުޝާދު ދީފައިކަމުގެ އެއްވެސް ކިތާބީ ހެއްކެއް މިހާތަނަށް ކޮމިޝަންގެ ތަހުގީގަށް ލިބިފައިނުވެ އެވެ،" އޭސީސީގެ ތަހުގީގު ރިޕޯޓްގައިވެ އެވެ.

އެހެން ނަމަވެސް އެފްއައިޔޫގެ އޭރުގެ ހެޑް، އާތިފް ޝަކޫރު އޭސީސީއަށް ދިން ބަޔާނުގައި ވިދާޅުވެފައިވާ އެސްއޯއެފްއިން މަނީލޯންޑާ ކުރިކަމުގެ މައްސަލަތައް ފާހަގަވި ނަމަވެސް، އެ ރިޕޯޓަށް ފިޔަވަޅު ނާޅާ ފައިލް ކުރީ، އެ ވަގުތު އެފްއައިޔޫއިން އިސްކަން ދޭނީ ރާއްޖެއެއަށް ކަޅު ފައިސާ އެތެރެވުން ހުއްޓުވަން ކަމަށާއި އެހެން މައްސަލަތަކަށް ފަހުން ރިއާޔަތް ކުރާނީ ކަމަށް ގަވަރުނަރު އަޒީމާ އެފްއައިޔޫއަށް ލަފާ ދީފައިވާތީ އެކަމަށް ބުރަވެ ކަމަށެވެ. އެހެން ނަމަވެސް އަޒީމާ ވަނީ އެފަދަ ލަފައެއް ދީފައި ނުވާނެ ކަމަށް އޭސީސީއަށް ދިން ބަޔާނުގައި ވިދާޅުވެފަ އެވެ.

އާތިފް އޭސީސީއަށް އިތުރަށް ދެއްވި ބަޔާނުގައި ވިދާޅުވި ގޮތުގައި އެފްއައިޔޫއަކީ ސީދާ ގަވަރުނަރުގެ ދަށުން ހިންގާ ތަނަކަށް ވާތީ އާއި އަބަދުވެސް އަމަލު ކުރާ އުސޫލަކީ ގަވަރުނަރުގެ ލަފާގެ މަތިން ކަންތައްތައް ކުރުން ކަމަށް ވާތީ، އެ އުސޫލަށް އިހުރިރާމް ކުރުމުގެ ގޮތުން އޭނާ އެ ނިންމުން ނިންމީ ކަމަށެވެ.

އެ ކަންކަމަށް ރިއާޔަތްކޮށް އޭސީސީއިން ނިންމީ، އެސްއޯއެފްގެ މަނީލޯންޑްރިންގެ ހަރަކާތްތަކާ ގުޅިގެން އެފްއައިޔޫއިން ފިޔަވަޅު ނޭޅީ އާޒިމާގެ ނުފޫޒެއް އޮވެގެން އަދި ވަކި ގޮތަކަށް ކަމެއް ކުރަން އެފްއައިޔޫއަށް އަންގައިގެން ނޫން ކަމަށެވެ.

އެ ރިޕޯޓާ ގުޅިގެން އާތިފް ޝަކޫރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ މަގާމުގައި ހުންނެވީ، ޑިސެމްބަރު 2014 އިން ޖޫން 2015 އަށް ނަމަވެސް އޭގެ ފަހުން ވެސް އެސްއޯއެއފްއިން މަނީލޯންޑްރިންގެ ހަރަކާތްތައް ހިންގި ކަމަށެވެ. އަދި އެކަން މަރުކަޒީ ބޭންކްގެ އިސްވެރިންނަށް ރަނގަޅަށް އެނގިވަޑައިގެން ތިއްބެވި ކަމަށާއި އޭނާ އިސްތިއުފާ ދެއްވީ އެކަންކަން ސަމާލުކަމަށް ގެނައުމުން ވެސް އެކަންކަން ނުހުއްޓުވުމުން ކަމަށެވެ.

comment ކޮމެންޓް