149 ކިލޯ މަސްތުވާތަކެތީގެ މައްސަލާގައި ފަސް މީހަކަށް ދައުވާކޮށްފި

ގދ. ހުލުވާރޮލުގައި ވަޅުލާފައިވާ މަސްތުވާތަކެއްޗާ ގުޅުންހުރި މީހުން --- ފޮޓޯ/ ޕޮލިސް

މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު ގދ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ހުޅުވާރުލުން 149 ކިލޯގެ މަސްތުވާތަކެތި ވަޅުލާފައި ހުއްޓާ ފެނުނު މައްސަލާގައި ފަސް މީހަކަށް ދައުވާކޮށްފި އެވެ.

މައްސަލައިގައި ފުރަތަމަ ފަސް މީހުން ހައްޔަރު ކުރި ނަމަވެސް، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ގައްދޫ ކޯޓުން އަމުރުކޮށްފައި ވަނީ ހަތަރު މީހަކެވެ.

ފުލުހުންގެ ހައްޔަރުގައި ތިބި ހަތަރު މީހުންނަކީ ގއ. ކޮނޑޭ، ގަހާކޯޅި އަހުމަދު އަނީލް (34)، ގދ. ގައްދޫ، އެދުރުގެ، އަހުމަދު ހަލީލް (42)، ގއ. ކޮނޑޭ، ރޮމޭންސް ޝަފީޒް މުހައްމަދު (35)، އަދި ގދ. ގައްދޫ، އެދުރުގެ ޔާމިހް ހާލިދު (23) އެވެ.

ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ގެންދިޔުމުން ދޫކޮށްލީ، 30 އަހަރުގެ ގއ. ނިލަންދޫ، ދިހްޝާާނާވިލާ، އަލީ ޝާކިރު އެވެ.

އެ ފަސް މީހުންގެ މައްޗަށް ދައުވާކޮށްފައި ވަނީ މިދިޔަ ހަފްތާގަ އެވެ. ހަތަރު މީހެއްގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ކޮށްފައިވާއިރު، އެކެއްގެ މައްޗަށް ކޮށްފައި ވަނީ ޑައިމޯފިން ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

ހުޅުވާރުލުން ފެނުނު މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ އޮޕިއޭޓްސް އާއި ކެނަބިސްއެެވެ. އެއީ އަޅާފައި ހުރި ޕެކެޓުތަކާ ނުލައި، 96.36 ކިލޯގެ އޮޕިއޭޓްސް އާއި 47.27 ކިލޯގެ ކެނަބިސްއެވެ.

އެ މަސްތުވާތަކެތީގެ މަގުމަތީ އަގު 260 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފުލުހުން ލަފާ ކުރެއެވެ.

ވަޅުލާފައި ހުއްޓާ މަސްތުވާތެކެތި ފެނުނީ މައްސަލައިގައި ހައްޔަރު ކުރި މީހުން ދިން މައުލޫމާތުންގެ މައްޗަށް ބިނާކޮށް، ފުލުހުން ކުރިއަށް ގެންދިޔަ 72 ގަޑިއިރުގެ އޮޕަރޭޝަނަކަށް ފަހު އެވެ.

މިއީ މިހާތަަނަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެންމެ ގިނަ އަދަދަކަށް މަސްތުވާތަކެތި ފެނުނު އޮޕަރޭޝަން އެވެ.

comment ކޮމެންޓް