ވިސްލްބްލޯއަށް "ފަށާކުރުން" ކިޔަން ކަމަކު ނުދިޔަ!

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/މަޖިލިސް

ވިސްލްބްލޯއަށް ބަސް ކޮމިޓީއިން އުފެއްދި އާ ދިވެހި ބަސް "ފާށާކުރުން" ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ނަމަވެސް އެ ބަސް ކަމު ނުދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

"ވިސްލްބްލޯ ކުރާ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުން" މި ނަމުގައި ރައްޔިތުންގެ މަޖިލީހަށް ވަނީ ބިލެއް ވަނީ ހުށަހަޅައިފަ އެވެ. އެ ބިލުގައި ހުރިހާ ތަނެއްގައިވެސް ބޭނުންކޮށްފައިވަނީ "ވިސްލްބްލޯކުރުން" މި ބަހެވެ.

މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ރިޔާސަތުގައި އިންނަވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ވިސްލްބްލޯއަށް ބަސް ކޮމިޓީން ދިވެހި ބަހެއް ހަދާފައި މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ. މަޖިލީހުގެ މެމްބަރުންނަށް އެ ބަސް ބޭނުން ކުރަން ފެނިވަޑައިގަންނަވާ ނަމަ ބޭނުން ކުރަންވީ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އެ ބަހަކީ ފާށާކުރުން. އަޅުގަނޑުމެން އެހެން ނަމަވެސް މަޖިލީހުން ބަސް ކޮމިޓީގައި ދަންނަވަން ބޭނުން ވިސްލްބްލޯ ކުރުމުގެ އެންމެ މައިގަނޑު އަސާސަކީ ވަރަށް ފައްކާ ސާދާ ދިވެހި ބަހެއް އޮތް ކަމެއް. އެއީ ބޭޒާރު ކުރުން." މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ބޭޒާރު ކުރުން އެބަހަށް ބަދަލެއް ގެނެސްގެން ބަހެއް އުފަންވުން އެއީ ބުއްދިވެރި ކަމެއް ކަމަށް މަޖިލީހުގެ ރިޔާސަތަށް ފެންނަ ކަމަށެވެ.

ބަސް ކޮމިޓީން އުފައްދާ ބައެއް ބަސްތައް މުޖުތަމައުއާ ގުޅުން ނެތް ކަމަށް ބުނެ އާންމުން ދަނީ ފާޑު ކިޔަމުންނެވެ. އަދި ބަސް އުފެއްދުމުގައި ބަސް ކޮމިޓީން ގެންގުޅޭ އުސޫލަކީ ކޮބާތޯ މީހުން ސުވާލުކުރެ އެވެ.

comment ކޮމެންޓް