ތަޖުރިބާކާރު ޑިފެންޑަރު ޑިއޭގޯ ގޮޑިން އިންޓާއަށް

އެތުލެޓިކޯ މެޑްރިޑުގެ ކުރީގެ ޑިފެންޑަރު ޑިއޭގޯ ގޮޑިން -- ފޮޓޯ// ޑެޔަން ކަލިނިޗް

އެތުލެޓިކޯ މެޑްރިޑް ދޫކޮށް ތަޖުރިބާކާރު ޑިފެންޑަރު ޑިއޭގޯ ގޮޑިން ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން އިންޓާ މިލާންއަށް ސޮއިކޮށްފި އެވެ.

އުމުރުން 33 އަހަރުގެ ގޮޑިން ވަނީ ކާމިޔާބު ނުވަ ސީޒަން އެތުލެޓިކޯ މެޑްރިޑަށް ކުޅެ ދިނުމަށްފަހު އެ ކުލަބު ދޫކޮށްލާނެ ކަން މި ނިމުނު ސީޒަނަށް ފަހު އިއުލާން ކޮށްފަ އެވެ. ގޮޑިން ކުލަބު ދޫކޮށްލަން ނިންމުމާ އެކު ޔޫރަޕުގެ ބޮޑެތި ބައެއް ކުލަބުތަކުން އޭނާއަށް ފާރަލަމުން އަންނަނިކޮށް އެންމެ ފަހުން އެކަން ކާމިޔާބު ކުރީ އިޓަލީގެ އިންޓާ މިލާންއިންނެވެ.

އިންޓަ މިލާންއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެތުލެޓިކޯ މެޑްރިޑުގެ ކުރީގެ ޑިފެންޑަރު ގޮޑިން އެ ކުލަބާ އެކު އެއްބަސްވުމުގައި ސޮއި ކޮށްފައިވާ ކަމަށެވެ. އޭނާ އިންޓާ މިލާންއަށް ބަދަލުވީ ކޮން އަގެއްގައި ކަން އެ ކުލަބުން ހާމަކޮށްފައި ނުވި ނަމަވެސް ގޮޑިން މިލާންގައި ތިން އަހަރު ވަންދެން މަޑު ކުރާނެ ކަމަށް އެ ކުލަބުން ބުނެއެވެ.

ގޮޑިން އެތުލެޓިކޯ މެޑްރިޑަށް ސޮއެ ކުރީ 2010 ވަނަ އަހަރު ވިލަރެއާލުންނެވެ. އޭނާ ވަނީ އޭގެ ފަހުން އެތުލެޓިކޯއާ އެކު ގިނަ މެޗުތަކެއް ކުޅެދީ އެ މުއްދަތުގެ ތެރޭގައި ސްޕެނިޝް ލީގާއި ކޮޕަ ޑެރް ރޭ ގެ އިތުރުން ޔޫރޮޕާ ލީގުގެ ތަށި ވެސް ދެފަހަރަކު ހޯދައިފަ އެވެ. މީގެ އިތުރުން ގޮޑިން ވަނީ ދެފަހަރެއްގެ މަތިން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވެސް ކުޅެފަ އެވެ.

ޗެލްސީއަށާއި ޔުވެންޓަސްއަށް ވެސް ކުރިން ކޯޗުކަންކޮށްދިން އެންޓޯނިއޯ ކޮންޓޭގެ އިރުޝާދާ އެކު އިންޓާ މިލާން އެނބުރި ޔޫރަޕުގެ ގަދަ ބާރަކަށް ހެދުމުގެ މަސައްކަތް އެކުލަބުން ފަށާފައިވާ އިރު އެ ކުލަބުން ދަނީ ޓްރާންސްފާ މާކެޓުގައި ގިނަ ކުޅުންތެރިން ތަކަކަށް ފާރަ ލަމުންނެވެ.

އިންޓައިން ކުލަބުން ވަނީ މިދިޔަ އަހަރު ލީގުގެ ހަތަރު ވަނައާ އެކު ޗެމްޕިއަންސް ލީގުގެ ޖާގައެއް ވެސް ކަށަވަރު ކޮށްފަ އެވެ.

comment ކޮމެންޓް