ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް 7000 ރުފިޔާގެ އެލަވަންސެއް ދޭން ހުށަހަޅައިފި

ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް --- ފޮޓޯ/ މަޖިލިސް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އިނާޔަތް 5000 ރުފިޔާ އާއި 7000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ބޮޑުކުރަން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އެވެ. ނާޒިމް ހުށަހެޅުއްވި އިސްލާހުގައި ވާގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަަ ދަފްތަރެއް އެކުލަވާލަން ވާނެ އެވެ. އަދި ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަށް ކަނޑައަޅައި ގިންތި ކުރެވެން ވާނެ ކަމަށްވެސް ގާނޫނަށް ހުށަހެޅި އިސްލާހުގައި ވަނީ ބުނެފަ އެވެ.

ގާނޫނު އިސްލާޙު ކުރެވޭ ތާރީހުން ފެށިގެން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުން އެމީހަކު އުނިކުރެވުމާއި ހަމައަށް 5000 ރުފިޔާ އާއި 7000 ރުފިޔާއާ ދެމެދުގެ އެލަވަންސެއް ދޭން ވާނެ ކަމަށް ގާނޫނަށް ހުށަހެޅި އިސްލާހުގައި ވަނީ ބުނެފަ އެވެ.

މީހެއްގެ ހުންނަ ނުކުޅެދުންތެރި ކަމެއްގެ ސަބަބުން ދިގު މުއްދަތަކަށް އެނދުމަތި ކުރެވިފައިވާ މީހުންނަށް މަދުވެގެން 9000 ރުފިޔާގެ އެލަވަންސެއް ދޭން ވާނެ ކަމަށް ނާޒިމް ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައި ވަނީ ބުނެފަ އެވެ.

ނާޒިމް އެ ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް ވިދާޅުވެފައިވަނީ ނުކުޅުދެތެރިކަން ހުންނަ ފަރާތްތަކަށް އެކަށޭނެ ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދެވޭނީ އެފަދަ ފަރާތްތަކަށް ލިބޭ މާލީ އިނާޔަތް އިތުރުވެގެން ކަމަށް ދެކޭތީ ކަމަށެވެ.

މަޖިލީހުގެ ނިމިދިޔަ ދައުރުގައިވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތް 5000 ރުފިޔާއަށް ބޮޑުކުރަން ހުށަހެޅި އެވެ. ނަމަވެސް އެ ބިލުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.

comment ކޮމެންޓް