އެންއައިސީއަށް ހުށަހެޅި ނަންތަކަށް ރުހުން ނުދީ މައްސަލަ އަނބުރާ ފޮނުވާލައިފި

މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ދަނީ. -- ފޮޓޯ/ މަޖިލިސް

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް (އެންއައިސީ)އަށް ކުރިމަތިލީ ފަރާތްތަކުގެ ނަންތައް ކޮމިޓީއިން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވި ނަމަވެސް، އޭގެއިން އެއްވެސް ނަމަކަށް ރުހުން ނުދީ ރިޕޯޓް އަނބުރާ ކޮމިޓީއަށް ފޮނުވާލައިފި އެވެ.

އެންއައިސީއަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ ފަރާތްތަކުގެ ނަންތައް ރައީސް މަޖިލީހަށް ފޮނުއްވީ ނިމިގެން ދިޔަ، 18 ވަނަ ރައްޔިތުންގެ މަޖިލީހަށެވެ.

އެހެން ނަމަވެސް 19 ވަނަ ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން ވަނީ އޭރު ރައީސް ފޮނުއްވި ނަންތައް ކޮމިޓީއިން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ރިޕޯޓް ހުށަހަޅައިފަ އެވެ.

އެ ރިޕޯޓަށް ބަހުސް ކުރުމަށް މިއަދު ވެސް ހުޅުވާލުމުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވީ، އެންއައިސީއަށް ބޭފުޅަކު އައްޔަން ކުރުމާ ގުޅޭ ކޮމިޓީގެ ރިޕޯޓާ މެދު އެހެން ގޮތަކަށް ނިންމުމަށް އަލުން އެ ރިޕޯޓް ކޮމިޓީއަށް ފޮނުވާލުމަށް އޭނާ ހުށަހަޅުއްވާ ކަމަށެވެ. ޖާބިރުގެ އެ ހުށަހެޅުއްވުމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ތާއީދު ކުރެއްވި އެވެ.

އެ ހުށަހެޅުމަށް ވޯޓަށް އެހުމުން، 63 މެންބަރުންގެ އިއްތިފާގުން އެ ހުށަހެޅުން ފާސްވި އެވެ. އެހެން ކަމުން ރިޔާސަތުން އިއުލާން ކުރެއްވީ، އިންޓަގްރިޓީ ކޮމިޝަނަށް ކުރިމަތިލާފައިވާ ފަރާތްތަކަށް ރުހުން ދިނުމުގެ މައްސަލަ އަލުން ދިރާސާކުރުމަށް އަނބުރާ ކޮމިޓީއަށް ފޮނުވުމަށެވެ.

އިއްޔެ ވެސް އެ މައްސަލައިގެ ބަހުސަށް ހުޅުވާލުމުން، ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ވިދާޅުވީ އެންއައިސީއަށް ކުރިމަތިލާފައިވާ ފަރާތްތައް ކުރިމަތިލާފައި ވަނީ ކުރީ މަޖިލީހުގެ ދައުރުގައި ކަމަށެވެ. އަދި 19 ވަނަ މަޖިލީހަކީ އާ މަޖިލީހަކަށް ވާތީ އާ ނަންތަކެއް މި މަޖިލީހަށް އަންނަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ޖީހާން ވިދާޅުވި އެވެ.

"އެހެން ވީމާ އަޅުގަނޑުގެ ހުށަހެޅުމަކީ، އިއްޒަތްތެރި ރައީސް މި މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާފުޅެއް އެރުވުން އަލުން 19 ވަނަ ރައްޔިތުންގެ މަޖިލީހަށް މިނިވަން މުއައްސަސާއަށް، އެންއައިސީއަށް އާ ނަންތަކެއް ހުށަހަޅުއްވައި ދެއްވުމަށް،" ޖީހާން ވިދާޅުވި އެވެ.

ޖީހާންގެ އެ ވާހަކަޔަށް މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ތާއީދު ކުރެއްވި އެވެ. އޭނާ ވިދާޅުވީ ކުރީގެ މަޖިލީހުން އަމަލުކޮށްފައިވާ ގޮތުން ކޮމިޝަންތަކަށް ވެސް ރަނގަޅު ފަރާތްތައް ކުރިމަތިލާފައި ނުވާ ކަމަށެވެ. އަދި 19 ވަނަ މަޖިލީހާ އެކު ރައްޔިތުންނަށް އިތުބާރު ލިބިފައި ވާތީ، އިންޓަގްރިޓީ ކޮމިޝަނަށް ކުރިމަތިލާން އަލުން ހުޅުވާލުމަށް ފެންނަ ކަމަށް ވެސް މެންބަރު އާޒިމް ވިދާޅުވި އެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓްގައިވާ ގޮތުގައި، އެންއައިސީއަށް ކުރިމަތިލާފައި ވަނީ 18 ބޭފުޅެކެވެ. އެގޮތުން ކޮމިޓީއިން އިންޓަވިއު ކުރުމަށް ފަހު މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހޭ ވަރަށް، 75 ޕަސެންޓުން މަތިން މާކްސް ލިބިފައި ވަނީ ހަތަރު ބޭފުޅަކަށެވެ. އޭގެ ތެރެއިން އެ ކޮމިޝަންގެ ކުރީގެ ރައީސް ޔޫސުފް މާނިއު ވަނީ އަނބުރާ ނަންގެންދަވައިފަ އެވެ.

އެ ކޮމިޓީގެ ރިޕޯޓްގައިވާ ގޮތުން، އެންމެ މަތިން މާކްސް ލިބިފައި ވަނީ އެންއައިސީގެ މެންބަރުކަން މީގެ ކުރިން ވެސް ކުރެއްވި އައިމިނަތު ރުކްޝާނާއަށެވެ. އެކަމަނާއަށް 84.33 މާކްސް ލިބުނެވެ. ދެން އެންމެ މަތިން މާކްސް ލިބުނު، އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެންބަރު އަލީ މުހައްމަދު މަނިކަށް 78.83 މާކްސް ލިބުނު އިރު، ޑރ. އައިޝަތު ސެހެނާޒްއަށް ވަނީ 77.57 މާކްސް ލިބިފަ އެވެ.

comment ކޮމެންޓް