އަލަން ކުރުދީއާ ބެހޭ ގޮތުން ފިލްމެއް ހަދަން އާއިލާއިން ދެކޮޅު

އަލަން ކުރުދީގެ އާއިލާއިން ވަނީ އެކުއްޖާއާ ބެހޭ ގޮތުން ފިލްމެއް ހަދަން ދެކޮޅު ކަމަށް ބުނެފަ -- ފޮޓޯ: އޭޕީ

އޮޓަވާ (ޖުލައި 1): ދެހާސް ފަނަރަ ވަނަ އަހަރު މެޑިޓެރޭނިއަން ކަނޑަށް ޣަރަގުވެގެން މަރުވި ދެ އަހަރުގެ އަލަން ކުރުދީއާ ބެހޭ ގޮތުން ފިލްމެއް ހެދުމާ ދެކޮޅަށް އާއިލާއިން ވާހަކަ ދައްކައިފި އެވެ.

ސީރިއާގެ ހަނގުރާމައިން ސަލާމަތްވުމަށް ތުރުކީއަށް ދިޔުމަށް ފަހު ކަނޑު ހުރަސްކޮށް ގްރީސްއަށް ދިޔަ މަގުމަތީގައި ބޯޓު ބަންޑުން ޖަހާލުމުގެ ސަބަބުން ކުރުދީ އާއިލާގެ ތިން މެމްބަރުން މަރުވި އެވެ. އެއީ އަލަން އާއި ހަތަރު އަހަރުގެ ގާލިބު އާއި ދެ ކުދިންގެ މަންމަ ރިހާނާ އެވެ. އެކުދިންގެ ބައްޕަ އަބްދުﷲ އެހާދިސާގައި ސަލާމަތްވި އެވެ.

އަދި ފަހުން ތުރުކީގެ ގޮނޑުދޮށަށް ލައްގާފައި އޮތް އަލަންގެ ފޮޓޯއަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބިގެން ދިޔަ އެވެ. އޭގެ ސަބަބުން ސީރިއާގެ ރެފިއުޖީންގެ ހާލަތަށް އަލި އަޅުވާލެވި، ޔޫރަޕިއަން ޔޫނިއަން އިން ސީރިއާގެ ރެފިއުޖީންނަށް ކުޑަ ދުވަސްކޮޅަކަށް ބޯޑަރުތައް ހުޅުވާލި އެވެ.

ކެނެޑާގައި ދިރިއުޅޭ އަލަން ކުރުދީގެ ބޮޑުދައިތަ ޓިމާ ކުރުދީ ބުނި ގޮތުގައި އަލަންއާ ބެހޭ ގޮތުން ފިލްމެއް ހަދަން އެއްވެސް ބަޔަކު ހުއްދަ ހޯދާފައި ނުވެ އެވެ. އަދި އެއީ "އެއްބަސްވެވޭނެ" ކަމެއް ނޫން ކަމަށް ބުނަމުން ޓިމާ ބުނި ގޮތުގައި އަލަންއާ ބެހޭ ގޮތުން ފިލްމެއް ހަދާކަން އެނގުނީ، މިހާރު އިރާގުގައި ދިރިއުޅޭ އަބްދުﷲގެ ފަރާތުންނެވެ.

"އަބްދުﷲ އަހަންނަށް ގުޅި ރޮމުން. އަދި ބުނި 'އަލަންއާ ބެހޭ ގޮތުން މީހަކު ފިލްމެއް ހަދާކަން ގަބޫލެއްވެސް ނުކުރެވެޔޭ. އަހަރެންގެ މަރުވި ދަރިފުޅު - ވާހަކަވެސް ނުދެއްކޭ ދެ އަހަރުގެ ކުއްޖެއް - ފިލްމެއްގައި އަނެއްކާވެސް ދިރި ހުއްޓާ ފެނުން ހިޔާލަށްވެސް ނުގެނެވޭ' ކަމަށް،" ޓިމާ ބުންޏެވެ.

'އައިލަން ބޭބީ'ގެ ނަން ދީފައިވާ އެފިލްމު ހަދަމުން ދަނީ ތުރުކީގަ އެވެ. އައިލަންއަކީ މީޑިއާތަކުން އެންމެ ފުރަތަމަ އަލަންއަށްކީ ނަމެވެ.

ޓިމާ ކުރުދީ ބުނި ގޮތުގައި އެފިލްމު ބިނާ ކޮށްފައި އޮތީ އޭނާ އަލަންއާ ބެހޭ ގޮތުން ލިޔުނު ފޮތެއް ކަމަށްވާ "ދަ ބޯއި އޮން ދަ ބީޗް"އަށެވެ. އަދި އަލަންއާ ބެހޭ ގޮތުން ފިލްމު ހަދަން ބައެއް މީހުން އާއިލާއަށް ހުށަހެޅި ނަމަވެސް އެމީހުން އެކަމަށް އެއްބަސްވެފައި ނުވެ އެވެ.

މީގެ އިތުރުން ޓިމާ ވަނީ އެމައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށްވެސް ބުނެފަ އެވެ.

އެފިލްމު ހަދަމުންދާ ތުރުކީގެ ރައްޔިތެއް ކަމަށްވާ އުމަރު ސަރިކަޔާ ބުނި ގޮތުގައި އެއީ ހަމައެކަނި އަލަންއާ ބެހޭ ގޮތުން ހަދާ ފިލްމެއް ނޫނެވެ. ނަމަވެސް އެއީ ހުރިހާ ރެފިއުޖީންގެ ހާލަތު ދައްކުވައިދޭ ފިލްމެކެވެ.

"އެހާދިސާ ހިނގުމުން އަހަންނަށް ކުޑަ ދުވަސްކޮޅަކަށް ނުވެސް ނިދޭ. އަހަރެން އުއްމީދު ކުރިން ކޮންމެވެސް މީހަކު އެހާދިސާއާ ބެހޭ ގޮތުން ފިލްމެއް ހަދާ، މުޅި ދުނިޔެއަށް މެސެޖެއް ފޯރުކޮށްދޭނެ ކަމަށް. ނަމަވެސް އެއްވެސް މީހަކު ފިލްމެއް ނަހަދާ. އެހެންވެސް މިހާރު އަހަރެން [މިފިލްމު] ހަދަނީ،" ސަރިކަޔާ ބުންނެވެ.

ސަރިކަޔާ ވަނީ އާއިލާއިން އެފިލްމާ ދެކޮޅުކަން އެނގިފައިވާ ކަމަށް ބުނެފަ އެެވެ. އަދި އަބްދުﷲ އާއި ޓިމާއާ ވާހަކަ ދައްކަން ބޭނުންވާ ކަމަށާއި، ފިލްމުގެ ޕްރިމިޔާއަށް އެމީހުންނަށް ދައުވަތު އެރުވޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ބުނެފަ އެވެ.

ސަރިކަޔާ ބުނި ގޮތުގައި އެފިލްމުން ލިބޭ އާމްދަނީ ހަދިޔާ ކުރާނީ އިންސާނީ އެހީ ފޯރުކޮށްދިނުމަށެވެ.

comment ކޮމެންޓް