ސޫދާނުގައި ކުރި މުޒާހަރާތަކުގައި ހަތް މީހުން މަރުވެއްޖެ

ސޫދާންގެ ވެރިރަށް ޚުރްތޫމުގައި އިއްޔެ ކުރި މުޒާހަރާތައް

ޚަރްތޫމް (ޖުލައި 1): ސޫދާނަށް ޑިމޮކްރަސީ ގެނައުމަށް ގޮވާލައި އިއްޔެ ކުރި މުޒާހަރާތަކުގައި ހަތް މީހުން މަރުވެ 181 މީހުން ޒަޚަމްވެއްޖެއެވެ.

ސޫދާނުގެ ސިއްހަތާ ބެހޭ ވުޒާރާގެ ވަކީލު ސުލައިމާން އަބްދުލްޖައްބާރު ވިދާޅުވީ މުޒާހަރާތަކުގައި ހަތް މީހުން މަރުވިއިރު އޭގެތެރޭގައި ސިފައިންގެ ތިން މީހުން ހިމެނޭކަމުގައެވެ. އަދި ޒަޚަމްވެގެން ހޮސްޕިޓަލްތަކަށް ގެންދިޔަ މީހުންގެ ތެރޭގައިވެސް ސަލާމަތީ ބާރުތަކުގެ މީހުން ހިމެނޭކަމުގައެވެ.

އިއްޔެގެ މުޒާހަރަތަކުގައި މިލިޔަނަކަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާއިރު ވެރިރަށް ޚަރްތޫމުގެ އިތުރުން ސޫދާނުގެ އެހެން ސިޓީތަކުގައިވެސް މުޒާހަރާތައް އެއްވަގުތަކު ކުރިއަށް ދިޔައެވެ.

މުޒާހަރާކުރި މީހުން ގޮވާލަމުން ދިޔައީ ސޫދާނުގެ ވެރިކަން މަދަނީ އިންތިގާލީ ސަރުކާރަކާ ހަވާލުކުރުމަށެވެ. ޚަރްތޫމުގައި ތިއްބަވާ ބޭރުގެ މުރާސިލުން ވަނީ މި މުޒާހަރާތަކުގައި ޚަރްތޫމުން ބައި މިލިޔަނަށްވުރެ ގިނަ މީހުން ބައިވެރިވި ކަމަށް ލަފާކޮށްފައެވެ. މިއީ ސޫދާނަށް ޑިމޮކްރަސީ ގެނައުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ކުރި އިހުތިޖާޖުތައް ބާރުގެ ބޭނުންކޮށްގެން ރޫޅާލައި ސަތޭކައަށްވުރެ ގިނަ މީހުން މަރާލި ހާދިސާއަށްފަހު ޚަރްތޫމުގައި ބޭއްވި އެންމެ ބައިބޯ މުޒާހަރާ ކަމަށްވެސް ބޭރުގެ މުރާސިލުން ބުނެއެވެ.

މުޒާހަރާ ކުރި މީހުންނަށް ބިރު ދެއްކުމަށްޓަކައި ސޫދާން ސިފައިން މައްޗަށް ބަޑިޖެހިކަމަށް ޚަބަރުތައް ބުނާއިރު ސިފައިން ނޫން ފަރާތްތަކުންވެސް މުޒާހަރާއަށް ބަޑިޖެހިކަމަށާ އެއީ ސިފައިންގެ ކިބައިން ބަދަލުހިފާނެކަމުގެ އިންޒާރު ދިން ފަރާތްތައްކަމަށް ސަލާމަތީ ބާރުތަކުން ބުނެއެވެ. މުޒާހަރާކުރި މީހުން ވަނީ ސޫދާނުގައި މިހާރު ވެރިކަންކުރާ އަސްކަރީ މަޖިލީހަކީ އިންގިލާބީ މަޖިލީހެއް ކަމަށް ސިފަކޮށް އެ މަޖިލީހުގެ މެންބަރުންގެ މައްޗަށް ޝަރީއަތް ހިންގުމަށްވެސް ގޮވާލާފައެވެ.

ސޫދާނުގެ ވެރިކަން ޑިމޮކްރެޓިކް ނިޒާމަކަށް ބަދަލުކުރުމާބެހޭގޮތުން އަސްކަރީ މަޖިލީހާއި އިދިކޮޅު ކޯލިޝަނާ ދެމެދު ކުރިއަށް ދިޔަ ވާހަކަތައް ހުއްޓުމަކަށް އައީ ޑިމޮކްރަސީއަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ކުރި ދިގުލީ އިހުތިޖާޖްތައް ބާރުގެ ބޭނުންކޮށްގެން ރޫޅާލައި ސަތޭކައަށްވުރެ ގިނަ މީހުން މަރާލި ހާދިސާއަށްފަހުއެވެ. ސޫދާން ސިފައިން އެކަން ކޮށްފައި ވަނީ މިދިޔަ ޖޫންމަހުގެ ތިންވަނަ ދުވަހުއެވެ.

ސޫދާނުގެ ކުރީގެ ރައީސް އުމަރު ހަސަން އަހްމަދުލްބަޝީރުގެ ވެރިކަން މިދިޔަ އެފްރީލް މަހު ވައްޓާލުމަށްފަހު އެ ގައުމުގައި ވެރިކަން ކުރަމުން ގެންދަނީ ސިފައިން އުފައްދާފައިވާ އަސްކަރި މަޖިލީހަކުންނެވެ.

(އަލްޖަޒީރާ)

ގުޅޭ ޓެގު
comment ކޮމެންޓް