ދިރާގުން ރާއްޖެއަށް ގިގަބިޓް ސްޕީޑް ތައާރަފު ކޮށްފި

ދިރާގުން މިއަދު ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: ދިރާގު

ދިރާގުން ހައިސްޕީޑް އިންޓަރނެޓް މުޅިން އާ ހަރުފަތަކަށް ގެންގޮސް ފުރަތަމަ ފަހަރަށް ގިގަބިޓް ސްޕީޑުގައި އެއް ޖީބީޕީއެސްއާ ހަމައަށް ދެވޭ އިންޓަނެޓްގެ ހިދުމަތް ރާއްޖެއަށް ތައާރަފު ކޮށްފިއެވެ. މިއީ ދިރާގުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ހައިސްޕީޑް ފައިބަރ އިންޓަރނެޓް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ލަނޑުދަނޑިއެއް ކަމަށް އެކުންފުނިން ބުނެއެވެ.

ދިވެހީންނަށް އެންމެ ޒަމާނީ މުވާސަލާތީ އަދި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދިނުމަކީ ދިރާގުން އެންމެ އިސްކަންދޭ ކަންތައް ކަމަށާއި މިގޮތުން ދިރާގުން ކުރިއަށް ގެންދާ "ޑިޖިޓަލް ރާއްޖެ" ޕްރޮގްރާމްގެ ދަށުން މާލެއެކޭ ތަފާތެއްނެތި ރާއްޖޭގެ ގިނަ ރަށްތަކަކަށް، ނެޓްވާރކް ފުޅާކޮށް ކުރު މުއްދަތެއްގެ ތެރޭގައި މުޅިރާއްޖޭގެ ގޭބިސީގެ 75 ޕަސެންޓަށް އަށް ހައިސްޕީޑް ފައިބަރ ބްރޯޑްބޭންޑް އިންޓަރނެޓް ފޯރުކޮށްދީފައިވާ ކަމަށް ދިރާގުން ބުނެއެވެ.

ގިގަބިޓް ސްޕީޑްގައި އެއް ޖީބީޕީއެސް އާހަމައަށް އިންޓަރނެޓްގެ ހިދުމަތް ރާއްޖޭގެ ގިނަ ރަށްތަކަކަށް ތައާރަފު ކުރާނެއެވެ. އެ ރަށްތަކުގެ ތެރޭގައިއި، މާލެ ސިޓީ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ހދ. ކުޅުދުއްފުށި، ބ. އޭދަފުށި، ލ. ގަން، ލ. ފޮނަދޫ އަދި އދ. ދަނގެތި ހިމެނެއެވެ.

އެއް ޖީބީޕީއެސް އިންޓަނެޓަކީ، ބަދަލުވަމުންދާ ޒަމާނުގައި ދިވެހިންގެ ޑިޖިޓަލް މުސްތަގުބަލަށް ވާސިލް ވުމަށް ލިބޭ އިންގިލާބީ ކުރިއެރުމެއް ކަމަށް ދިރާގުން ބުންޏެވެ. ގިގަބިޓް ސްޕީޑް އިންޓަރނެޓް އަކީ މިހާރު ލިބޭ އެންމެ ބާރު ސްޕީޑް ކަމަށްވާ 100 އެމްބީޕީއެސް އާ އަޅާ ބަލާއިރު 10 ގުނަ ބާރު ސްޕީޑެކެވެ.

comment ކޮމެންޓް