"ބޭނުންވީ ގިނަ ގޯލުތަކެއް ޖެހުމަށް ވުރެން ތިން ޕޮއިންޓް"

ދިރާގު ދިވެހި ލީގުގައި އިއްޔެ ހަވީރު އީގަލްސްއާއި ނިލަންދޫ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ދިވެހި ޕްރިމިއާ ލީގު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ އީގަލްސްއާއި ނިލަންދޫ ބައްދަލު ކުރި މެޗުން އީގަލްސް މޮޅުވި ނަމަވެސް އެ މެޗުގެ ޓާގެޓަކަށް ވީ ގިނަ ގޯލުތަކެއް ޖެހުމަށް ވުރެން ތިން ޕޮއިންޓް ހޯދުން ކަމުގައި އެ ޓީމުގެ އެސިސްޓެންޓް ކޯޗު އަހުމަދު ނިމާދު ބުނެފި އެވެ.

އިއްޔެ ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު އެ މެޗުން އީގަލްސް ނިލަންދޫގެ މައްޗަށް ކުރި ހޯދީ 1-5 ގެ ނަތީޖާއަކުންނެވެ. މިއީ އީގަލްސްއަށް މި ސީޒަނުގައި ލިބުނު ފުރަތަމަ މޮޅެވެ.

ދިރާގު ދިވެހި ލީގުގައި އިއްޔެ ހަވީރު އީގަލްސްއާއި ނިލަންދޫ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ދިވެހި ޕްރިމިއާ ލީގު

އީގަލްސްގެ ހެޑް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) މިވަގުތު ކޯޗިން ލައިސަންސް ކޯހެއްގައި ރާއްޖޭން ބޭރުގައި ހުރި އިރު އެ ޓީމުން ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ލިބުނީ ހިތްދަތި ނަތީޖާ އެކެވެ. މިހާތަނަށް ކުޅުނު ދެ މެޗަކީ ވެސް ލީގުގެ އެންމެ ވަރުގަދަ ޓީމުތަކުގެ ތެރޭގައި ހިމެނޭ ޓީމުތަކާ ދެކޮޅަށް ކުޅުނު މެޗުތަކަކަށް ވީ އިރު އެ ދެ މެޗުގައި ވެސް އީގަލްސްއަށް ވަނީ މޮޅުވާން ފުރުސަތު ލިބިފަ އެވެ.

ކޮންމެ މެޗެއްގައި ވެސް އީގަލްސްއިން ގޯލު ޖަހައި ލީޑު ނަގާފައި އޮއްވާ އިދިކޮޅު ޓީމުން ގޯލު ޖަހަނީ މެޗު ނިމެން ސިކުންތު ކޮޅަކަށް ވެފައި ވަނިކޮށެވެ. އެ ދެ މެޗުގައި ވެސް އެއްގޮތަކަށް ދިމާވުމުން ޓީމާއި މިވަގުތު ހަވާލުވެ ހުރި ނިމާދު ބުނީ ޓީމުގައި އުޅެނީ ސްކޯރިންގްގެ މައްސަލަތަކެއް ކަމަށެވެ.

ކުރީ ދެ މެޗާއި ޚިލާފަށް އިއްޔެ ހަވީރު ކުޅުނު މެޗުގައި އީގަލްސްއިން ވަނީ އެ ޓީމުގެ އަސްލު ފެންވަރުގައި މޮޅު ކުޅުމެއް ކުޅެފަ އެވެ. އެ ޓީމުގެ ފޯވާޑު އަހުމަދު ރިޒުވާން (ރިޒޭ) އެ މެޗުގައި ވަނީ ހެޓްރިކެއް ވެސް ހަދައިފަ އެވެ. ރިޒޭ އަކީ މިދިޔަ ސީޒަނުގައި ޖެހި ޖެހިގެން ފަސް މެޗުގައި ހެޓްރިކް ހަދައި ދުނިޔޭގެ ރެކޯޑަކާ ވެސް އެއްހަމަ ކުރި ކުޅުންތެރިއެކެވެ.

ރިޒޭގެ އިތުރުން އެ މެޗުގައި އީގަލްސްއަށް ގޯލުތައް ޖަހައިދިނީ މުހައްމަދު ނާއިމް އަދި އަލީ ފާސިރު (ސެންޓޭ) އެވެ. ނިލަންދޫ އިން މެޗުގައި ޖެހި ހަމައެކަނި ގޯލު ޖެހީ އަހުމަދު އުސާމް އެވެ.

ދިރާގު ދިވެހި ލީގުގައި އިއްޔެ ހަވީރު އީގަލްސްއާއި ނިލަންދޫ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ދިވެހި ޕްރިމިއާ ލީގު

މީގެ ކުރީގެ މެޗުތަކުގައި ކުޅުންތެރިންނަށް ދިމާވި ގޯލު ޖެހުމުގެ މައްސަލަތަކަށް އިއްޔެގެ މެޗުގައި ހައްލު ލިބުނު އިރު އެ މެޗަށް އީގަލްސް ޓީމުން ނުކުތީ ގިނަ ގޯލު ތަކެއް ޖަހަން ނޫން ކަމަށާއި މެޗުން ތިން ޕޮއިންޓް ހޯދަން ކަމަށް މީގެ ކުރިން ވެސް އެ ކުލަބުން ވަނީ ބުނެފަ އެވެ.

އަދި ބޭނުން ވި ދެ ކަން ވެސް އެ ޓީމަށް ހާސިލް ވެފައި ވާ އިރު އެ ޓީމުން ދެން އަންނަ މެޗުގައި ބައްދަލު ކުރަން ޖެހޭނީ މި ފަހަރުގެ ލީގަށް އެންމެ ބޮޑަށް ތައްޔާރު ވި މާޒިޔާއާ އެވެ.

comment ކޮމެންޓް