ލަންކާގައި މަރުގެ އަދަބު ދިނުމަށް ޖައްލާދުން އައްޔަންކޮށްފި

ލަންކާގައި މަރުގެ އަދަބު ދިނުމާ ދެކޮޅަށް ބައެއް މީހުން މުޒާހަރާ ކުރަނީ -- ފޮޓޯ: އީޕީއޭ

ކޮލަމްބޯ (ޖޫން 30): ސްރީލަންކާގައި 43 އަހަރު ފަހުން ފުރަތަމަ ފަހަރަށް މަރުގެ އަދަބު ދިނުމަށްޓަކައި ދެ ޖައްލާދުން އައްޔަންކޮށްފި އެވެ.

ލަންކާގައި އަނެއްކާވެސް މަރުގެ އަދަބު ދޭން ފަށާނެކަމަށް މިދިޔަ ފެބްރުއަރީ މަހު ރައީސް މައިތިރިޕާލާ ސިރިސޭނާ ވިދާޅުވި ފަހުން އެގައުމުން ވަނީ ޖައްލާދުން ހޯދުމަށް އިއުލާންކޮށްފަ އެވެ.

އެއިއުލާނުގައިވާ ގޮތުން އެވަޒީފާ އަދާ ކުރާ މީހަކަށް 36،310 ރުޕީސް (158 ޑޮލަރު) ދޭނެ އެވެ. އަދި އެމަގާމަށް ބޭނުން ވަނީ އުމުރުން 18 އަހަރާއި 45 އަހަރާ ދެމެދުގެ، "ނަފްސާނީ ގޮތުން ވަރުގަދަ"، ލަންކާގެ ފިރިހެނެކެވެ.

ލަންކާގެ ދައުލަތުގެ މީޑިއާއިން ބުނި ގޮތުގައި އެމަގާމަށް 100އަށް ވުރެ ގިނަ މީހުން ފޯމު ހުށަހެޅި އެވެ. އޭގެ ތެރޭގައި ދެ އަންހެނަކާއި އެމެރިކާގެ ދެ މީހަކުވެސް ހިމެނުނެވެ. އަދި ޖަލުގެ ތަރުޖަމާނަކު ވަނީ މަގާމަށް އައްޔަންކޮށްފައިވާ މީހުން ކުރިއަށް އޮތް ދެ ހަފްތާ ތެރޭ އެންމެ ފަހު ތަމްރީނުތައް ހަދާނެ ކަމަށް ވިދާޅުވެފަ އެވެ.

ލަންކާގައި އެންމެ ފަހުން ހުރި ޖައްލާދު މީގެ ފަސް އަހަރު ކުރިން އިސްތިއުފާ ދިނީ ދަން ޖައްސާ ސަރަހައްދު ފެނުމުން އޭނާއަށް ބޮޑު ޝޮކެއް ލިބުމުންނެވެ. އަދި އޭގެ ފަހުން މިދިޔަ އަހަރު އެމަގާމަށް މީހަކު އައްޔަން ކުރި ނަމަވެސް އޭނާ ވަޒީފާއަށް ނުކުމެފައި ނުވެ އެވެ.

ލަންކާގައި މީހުން މެރުމަށާއި ރޭޕް ކުރުމަށާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޯޓުތަކުން މަރަން ހުކުމް ކުރި ނަމަވެސް، 1976ގެ ފަހުން އެހުކުމް ތަންފީޒެއް ނުކުރެ އެވެ. ނަމަވެސް މިދިޔަ ހަފްތާގައި ސިރިސޭނާ ވަނީ މަސްތުވާތެކީގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ ހަތަރު މީހަކަށް "ވަރަށް އަވަހަށް" މަރުގެ އަދަބު ދޭނެ ކަމަށް ވިދާޅުވެފަ އެވެ.

ސިރިސޭނާ ވިދާޅުވި ގޮތުގައި މަރުގެ އަދަބު ދެނީ ލަންކާގައި ގަވާއިދާ ހިލާފު މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށްޓަކަ އެވެ. އަދި އެ ގައުމުގައި ތިބި 24،000 ގައިދީންގެ ތެރެއިން 60 ޕަސެންޓު މީހުންނަކީ މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލަތަކުގެ ސަބަބުން ހައްޔަރު ކޮށްފައިވާ މީހުންކަން ފާހަގަ ކުރައްވާފަ އެވެ.

ލަންކާގައި މަރުގެ އަދަބު ދޭން ނިންމެވިކަން ސިރިސޭނާ ފުރަތަމަ އިއުލާން ކުރެއްވީ ޖެނުއަރީ މަހު ފިލިޕީންސަށް ވަޑައިގެން އެގައުމުގެ ރައީސް ރޮޑްރީގޯ ޑުޓާޓޭއާ ބައްދަލުކުރައްވައި، އެގައުމުގައި "މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ ހަނގުރާމަ"އާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

ސިރިސޭނާ ވަނީ އޭނާވެސް ބޭނުންފުޅު ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް އެފަދަ ހަރުކަށި ފިޔަވަޅު އަޅަން ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް