ރާޣިބުގެ މައްސަލަ ބެލުމަށް ޖޭއެސްސީގެ ތަހުގީގު ޓީމެއް ތުލުސްދުއަށް

ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބު އަހްމަދު: އޭނާ އެކި ކޯޓުތަކުގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތު ކުރެވޭ --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހު

ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބު އަހްމަދުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ތަހުގީގު ޓީމެއް ކ. ތުލުސްދުއަށް ހިނގައްޖެ އެވެ.

އެ ކޮމިޝަނުން ވަނީ ތުލުސްދޫގައި ރާޣިބުގެ ތަހުގީގު މިއަދު ކުރިއަށްދިޔައިރު ނަގާފައިވާ ފޮޓޯއެއް ޓްވީޓްކޮށްފައެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ރާޣިބުއާ ދެކޮޅަށް މައްސަލަ ހުށަހަޅާފައި ވަނީ އަންހެން މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތުގަ އެވެ. އެގޮތުން، އޭނާ އަންހެން މުވައްޒަފުންގެ ގައިގައި އަތްލާ ހަދާ ކަމަށް އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ވަނީ ތުހުމަތުކޮށްފައިވެއެވެ.

ޖޭއެސްސީގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ ރާޣިބާ ގުޅޭގޮތުން ހަތް މައްސަލައެއް އެ ކޮމިޝަނަށް ހުށަހެޅިފައިވާ ކަމަށެވެ. އެ ހުރިހާ މައްސަލަތައް ވެސް ބަލަނީ އެއް ކޮމިޓީއަކުން ކަމަށް އޭނާ ވިދާޅުވިއެވެ.

ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބުގެ މައްސަލަ ބަލާ ޖޭއެސްސީގެ ތަހުގީގް ޓީމް --- ފޮޓޯ: ޖޭއެސްސީ

ރާޣިބުގެ މައްސަލަ ތަހުގީގް ކުރާ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ އެ ކޮމިޝަނުގެ ނައިބް ރައީސް މަސްތޫރު ހުސްނީ އާއި ކޮމިޝަންގެ މެމްބަރު އަދި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު އާއި އެ ކޮމިޝަންގެ މެމްބަރު އަދި ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފު އިބްރާހިމާއި އެ ކޮމިޝަންގެ މެމްބަރު އަދި ޖުވެނައިލް ކޯޓުގެ ގާޒީ މުހައްމަދު އީސާ ފުޅުގެ އިތުރުން ރައްޔިތުންގެ މަޖިލީހުން އެ ކޮމިޝަނަށް ކަނޑައަޅާފައިވާ މެމްބަރު ހިސާން ހުސެއިންއެވެ.

ރާއިބުގެ އިތުރުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އާއި އިތުރު ފަނޑިޔާރުންތަކެއްގެ މައްސަލަތައް ވެސް އެ ކޮމިޝަނުން އަންނަނީ ބަލަމުންނެވެ.

comment ކޮމެންޓް