ފޯކައިދޫއަށް ވުރެ ޕްރެޝަރު ބޮޑީ މާޒިޔާއަށް: ފޯކައިދޫ ކޯޗު

ފޯކައިދޫ އެފްސީ --- ފޮޓޯ/ދިވެހި ޕްރިމިއާ ލީގު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ފޯކައިދޫއާއި މާޒިޔާ ބައްދަލު ކުރާއިރު އެންމެ ބޮޑު ޕްރެޝަރެއް އޮންނާނީ މާޒިޔާއަށް ކަމަށް ފޯކައިދޫގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނެފި އެވެ.

ފޯކައިދޫއިން ދިވެހި ލީގުގެ ދެވަނަ ސީޒަނަށް ވަރުގަދަ ސްކޮޑަކާ އެކު މި ސީޒަނަށް ކުރިމަތިލި އިރު އެ ޓީމުގެ މެޖޯރިޓީ ޓީމު ވަނީ ބަދަލުވެފަ އެވެ. ކުރީ ސީޒަނަށް ވުރެ ހުރިހާ ގޮތަކުން ވެސް ޓީމު ވަރުގަދަ ކޮށްފައިވާ އިރު މި އަހަރުގެ ޗެރިޓީ ޝީލްޑުގައި ވެސް އެ ޓީމު ވަނީ ވޭތުވެ ދިޔަ ސީޒަނުގެ ޗެމްޕިއަން ޓީސީއާ ވާދަކޮށް މޮޅު ކުޅުމެއް ދައްކައިފަ އެވެ.

އަނެއް ކޮޅުން މާޒިޔާއަކީ މި އަހަރުގެ ސީޒަނަށް އެންމެ ރަނގަޅަށް ތައްޔާރުވީ ޓީމެވެ. އެ ޓީމުން ވަނީ ދުރާލާ ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް އެ ޓީމަށް ގެނެސް ރަނގަޅު ތަމްރީންތަކެއް ވެސް ހޯދައިފަ އެވެ. އެގޮތުން އެ ޓީމުން ވަނީ ސައުދީ އަރަބިޔާގައި ވެސް ހާއްސަ ކޭމްޕެއް ކޮށް ކުޅުންތެރިންނަށް ރަނގަޅު ފެންވަރުގެ ތަމްރީންތަކެއް ހޯދައިދީފަ އެވެ.

މާޒިޔާ އިން މި އަހަރުގެ ސީޒަނުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ވަނީ ތަފާތު ބޮޑު ނަތީޖާއަކުން ދެ މެޗުން ވެސް މޮޅުވެފަ އެވެ. އަދި އެންމެ ފަހުން ނިލަންދޫއާ ކުޅުނު މެޗުގައި އެ ޓީމު ވަނީ ދިވެހި ޕްރިމިއާ ލީގުގައި ޓީމެއް ކޮޅަށް އެންމެ ގިނަ ލަނޑު ޖެހި ކަމުގެ ރެކޯޑު ވެސް ހަދައިފަ އެވެ. ކަން މިހެން އޮތުމާ އެކު މާޒިޔާއަށް ކުރިއަށް ހުރި މެޗުތަކުގައި ވެސް އެ ފެންވަރުގައި ޓީމު ދެމިއޮތުމަށް ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވާނެ ކަމަށް ފޯކައިދޫގެ ކޯޗު ވަނީ ބުނެފަ އެވެ.

"އަޅުގަނޑުމެންނަށް ވުރެ ބޮޑަށް އަޅުގަނޑަށް ހީވަނީ މާޒިޔާއަށް ހެން ޕްރެޝަރު ބޮޑުވާނީ. އެއީ އެއްވެސް ބަޔަކު އުންމީދެއް ނުކުރޭ އަޅުގަނޑުމެން މާ ބޮޑު ރިސަލްޓެއް މި މެޗުން ނެރޭނެ ކަމަކަށް. އެހެންވީމަ އެއީ އަޅުގަނޑުމެންނަށް ލިބޭ އެޑްވާންޓޭޖެއް. މާޒިޔާއަށް ޕްރެޝަރު އޮތީ،" ނިލަންދޫގެ ކޯޗު އަލީ ނިޝްތާރު ބުންޏެވެ.

އޭނާ ބުނީ ކުރިން އަނިޔާގައި ތިބި ކުޅުންތެރިން ވެސް މިހާރު ފިޓުވެފައިވާ ކަމަށާއި މާޒިޔާގެ ޓީމުން ވެސް އަންްޑާއެސްޓިމޭޓް ފޯކައިދޫގެ ޓީމާ ދޭތެރޭ ނުކުރާނެ ކަމަށެވެ. އަދި މެޗުގައި ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެންނާނެ ކަމުގެ އުންމީދު އޮތް ކަމަށް ވެސް ކޯޗު ވަނީ ބުނެފަ އެވެ.

comment ކޮމެންޓް