އިންޓަގްރިޓީ ކޮމިޝަނަށް ކުރިމަތިލި މާނިއު ނަން އަނބުރާ ގެންދަވައިފި

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ ކުރީގެ ރައީސް ޔޫސުފް މާނިއު -- ފޮޓޯ/ އެންއައިސީ

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަނަށް ނަން ހުށަހެޅި އެ ކޮމިޝަންގެ ކުރީގެ ރައީސް ޔޫސުފް މާނިއު އޭނާގެ ނަން އަނބުރާ ގެންދަވައިފިއެވެ.

އެންއައިސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 24 ބޭފުޅަކު ކުރިމަތިލެއްވި އިރު، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ އެ ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު އެ ފަރާތްތަކަށް މާކްސް ދީފައެވެ.

އެވަރެޖް މާކްސް 75 މާކްސްއަށްވުރެ މަތިން ލިބޭ ފަރާތްތަކަކީ ކޮމިޝަނަށް އައްޔަނުކުރަން އެކަށީގެންވާ ފަރާތްތައް ކަމަށް ކޮމިޓީން ނިންމާފައިވާ އިރު، އެ މިންވަރަށް މާކްސް ލިބިވަޑައިގެންނެވި ހަތަރު ބޭފުޅުންގެ ތެރޭގއި މާނިއުވެސް ހިމެނިވަޑައިގަންނަވައެވެ.

މާނިއު "ސަން"އަށް މިއަދު ވިދާޅުވީ ނަން އަނބުރާ ގެންދެވީ އަމިއްލަ ވިޔަފާރީގެ ކަންކަމަށް އިސްކަން ދިނުމުގެ ގޮތުން ކަމަށެވެ.

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ މެމްބަރުކަމަށް މާނިއު އައްޔަނުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައެވެ. މާނިއު އެ ކޮމިޝަނުގެ ރައީސްކަންވެސް ކުރެއްވި އިރު، 2017 ވަނަ އަހަރުގެ ފަހުކޮޅު އޭނާ ކޮމިޝަނު މެމްބަރުކަން ވަކިކުރިއެވެ.

މާނިއު މަގާމުން ވަކިކުރި ސީދާ ސަބައެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. މަގާމުން ވަކި ކުރި ދުވަސްވަރު އޭނާ ވިދާޅުވީ އެ ކޮމިޝަނުގެ ތަހުގީގުތަކަށް ފުލުހުންގެ ފަރާތުން އެކަށީގެންވާ އެއްބާރުލުން ނުލިބޭ ކަމަށްވާނަމަ ގާނޫނީ ގޮތުން އެ ކޮމިޝަނަށް ލިބިފައިވާ ބާރުގެ ބޭނުން ކުރާނެ ކަމަށެވެ.

މާނިއު ވިދާޅުވީ އޭނާ އިންޓަގްރިޓީ ކޮމިޝަންއަށް ކުރިމަތިލެއްވީ ރައްޔިތުންނަށް ހިދުމަތްކޮށްދިނުމަށް ކަމަށާއި އަދި ރައްޔިތުންނަށް އެކަށީގެންވާ ހިދުމަތެއް ކޮއްދެއްވިއްޖެ ކަމަށް މިހާރު ގަބޫލުކުރައްވާ ކަމަށެވެ.

މާނިއު މީގެ ކުރިން ވަނީ އޮޑިޓާ ޖެނެރަލް އޮފީހާއި އަދި ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދުވަސްވަރު ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައިވެސް މަސައްކަތްކުރައްވައިފައެވެ.

comment ކޮމެންޓް