ލުތުފީ އެމްބަސީގައި ހުރިކަން ލަންކާ ފުލުހުންނަކަށް ނޭނގޭ

ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ: އޭނާ ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ދިރިއުޅުނުކަން ލަންކާ ފުލުހުންނަކަށްވެސް ނޭނގޭ -

ތިނެއް ނޮވެމްބަރު 1988 ވަނަ އަހަރު ރާއްޖެއަށް އުދުވާނީ ހަމަލާއެއްދީ 19 ދިވެހީން ޝަހީދުކޮށްލުމުގައި އެންމެ އިސްކޮށް އުޅުނު ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ހުރިކަން ލަންކާ ފުލުހުންނަށް ނޭނގޭ ކަމަށް ބުނެފިއެވެ.

ލަންކާގެ ކޮޅުނބުގައި ދިން އީސްޓް ސަންޑޭ ބޮމުގެ ހަމަލާތަކަށް ފަހު އެ ގައުމުގެ ސިފައިން ހިންގި އޮޕަރޭޝަންތަކާ ގުޅިގެން ލުތުފީ އަމިއްލައަށް އައިސް އެމްބަސީއާ ހަވާލުވީ، މޭ އެއްވަނަ ދުވަހު ކަމަށް މީގެ ކުރިން ދިވެހި ފުލުހުން ވަނީ ބުނެފައެވެ. އޭނާ އެމްބަސީގައި އުޅޭތާ ދެ ވަރަކަށް މަސް ފަހުން އުޅޭކަން ފަޅާ އަރައިގެން އޭނާ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

ލަންކާގެ ނިއުސް ފަސްޓް ނޫހުގައި މިދިޔަ ބުރާސްފަތި ދުވަހު ބުނެފައި ވަނީ ލުތުފީ އެމްބަސީގައި އުޅޭކަން އެނގޭތޯ ލަންކާ ފުލުހުންނާ ސުވާލު ކުރުމުން އޭނާ އެތަނުގައި ހުރިކަން އެނގިފައި ނުވާ ކަމަށް ފުލުހުން ބުނި ކަމަށެވެ.

އޭގެ އިތުރުން ލަންކާގައި ހުންނަ ދިވެހި އެމްބަސީއާ ގުޅުމުން، ލުތުފީގެ މައްސަލައިގައި އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށް އެމްބަސީއިން ބުނެފައިވާ ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ. އަދި ޑިޕްލޮމެޓިކް އިމިއުނިޓީ ބޭނުން ކޮށްގެން ޓެރަރިސްޓަކަށް ހިމާޔަތް ދިނުމަށް އެމްބަސީއިން މަސައްކަތް ކުރިތޯ ސާފު ކުރަން ދިވެހި ފޮރިން މިނިސްޓްރީގެ ބަހެއް ހޯދަން އުޅުމުން މިނިސްޓްރީގެ ބަހެއްވެސް ލިބިފައި ނުވާ ކަމަށް ބުނެފައިވެއެވެ.

ލުތުފީ ރާއްޖެއަށް ގެނެސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއާ ހަވާލުކުރުމަށް ފުލުހުންގެ ޓީމެއް މިހާރު ލަންކާގައި ހަރަކާތްތެރިވުމުން އެބަ ދެއެވެ. އެކަމަކު އޭނާ ނުގެނެވިގެން އުޅެނީ އޭނާ ގެންނަން ބޭނުންވާ ލިޔެކިޔުންތައް ހަމަނުޖެހިގެންނެވެ. ލިޔެކިޔުންތައް ފުރިހަމަ ކުރެވުނުހާ އަވަހަކަށް ލުތުފީ ރާއްޖެ ގެނެވޭނެ ކަމަށް އުންމީދު ކުރާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

އުމުރަށް ޖަލަށް ހުކުމްކޮށްފައިވާ ލުތުފީ، ބޭސްފަރުވާއަށް ރާއްޖެ ފޮނުވާލީ، 2010 ވަނަ އަހަރުގެ ޖެނުއަރީ 16 ގައެވެ. އެފަހުން ލުތުފީ ފިލައިގެން ދިރިއުޅެމުން އަންނަނީ ލަންކާގައެވެ.

ލުތުފީ ހޯދައި ހައްޔަރުކޮށް އޭނާގެ ހުކުމް ތަންފީޒުކުރުމަށް ފުލުހުންނާއި ކަރެކްޝަންސްގެ މައްޗަށް 2012 ވަނަ އަހަރުގެ މާޗް މަސްތެރޭ ކުރިމިނަލް ކޯޓުން އަމުރެއް ވެސް ވަނީ ނެރެފަ އެވެ. އޭގެ ފަހުން ފުލުހުން ވަނީ ލުތުފީ ހޯދަން އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ވެސް ނެރެފައެވެ.

comment ކޮމެންޓް