ރާއްޖެ-އީޔޫ އިސްވެރިން ކޮންމެ އަހަރަކު ބައްދަލުކުރަނީ

ދިވެހިރާއްޖެއާއި ވިލާތުގެ އިއްތިހާދު (އީޔޫ)ގެ ސީނިއާ އޮފިޝަލުންގެ ލެވެލްގައި ކޮންމެ އަހަރަކުވެސް ބައްދަލުކުރުމަށް ނިންމައިފިއެވެ.

ފޮރިން މިނިސްޓްރީން މިކަން މިއަދު ހާމަކުރި އިރު، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިވަގުތު ހުންނެވީ ވިލާތުގެ އިއްތިހާދު އެކި އިސް ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ބެލްޖިއަމްގެ ބްރަސަލްސްގައެވެ.

މިނިސްޓަރު ޝާހިދު އިއްޔެ އީޔޫގެ ދަށުން އޮންނަ ޔޫރަޕިއަން ކޮމިޝަނުގެ ނައިބު ރައީސ، އަދި އީޔޫގެ ފޮރިން އެފެއާޒް އަދު ސެކިއުރިޓީ ޕޮލިސީއާ ގުޅޭ ހައި ރެޕްރެސެންޓޭޓިވް ފެޑެރިކާ މޮގަރިނީއާ ބައްދަލުކުރައްވާފައެވެ.

ރާއްޖެއާ ވިލާތުގެ އިއްތިހާދާ ދެމެދު އެއްވެސް ކަހަލަ ރަސްމީ ފްރޭމްވޯކް އެގްރިމެންޓެއް ހެދިފައެއް ނޯވެއެވެ. އަދި މިހާރު ދެ ގައުމުން މަޝްވަރާތައް ކުރަނީ އީޔޫ ޕޮލިސީ ޑައިލޮގް މެދުވެރިކޮށެވެ. ޕޮލިސީ ޑައިލޮގްގައި ރާއްޖެއަށް އެކްރެޑިޓްކޮށްފައިވާ އީޔޫގެ ބޭފުޅުން ދިވެހި ސަރުކާރުގެ ބޭފުޅުންނާ އަހަރަކު އެއްފަހަރު ބައްދަލުކޮށް، ސަރުކާރުގެ ސިޔާސަތުތަކާ ބެހޭގޮތުން މަޝްވަރާކުރައްވައެވެ.

މިނިސްޓަރާއި ޔޫރަޕިއަން ކޮމިޝަނުގެ ނައިބު ރައީސާ ފެޑެރިކާގެ ބައްދަލުކުރެއްވުމުގައި އޭނާގެ ވަނީ ރާއްޖެއިން ޑިމޮކްރަސީއާއި އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް ކުރަމުން އަންނަ މަސައްކަތުގައި އީޔޫއިން އެހީތެރިވެދޭނެކަމަށް ވިދާޅުވެފައެވެ.

ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކޮށް، ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ދެބޭފުޅުންވެސް ވިދާޅުވިއެވެ.

comment ކޮމެންޓް