މޫސަލް ޑޭމްގެ ފެންގަނޑު ހިނދުމުން ފެނުނީ 3،400 އަހަރުވީ ގަނޑުވަރެއް

މޫސަލް ޑޭމް ރިޒަވަޔާގެ ފެން ހިނދުމުން 3،400 އަހަރުވެފައިވާ ގަނޑުވަރެއް ވަނީ ފެނިފައި -- ފޮޓޯ: ކުރުދިސްތާން އާކިއޮލޮޖީ އޯގަނައިޒޭޝަން

ބަޣުދާދު (ޖޫން 29): އިރާގުގެ ކުރުދިސްތާނަށް ވާރޭ ނުވެހި ގިނަ ދުވަސްވުމުގެ ސަބަބުން، މޫސަލް ޑޭމް ރިޒަވޮޔާގެ ފެން ހިނދި، އެތަނުގެ އަޑިން 3،400 އަހަރުވީ ގަނޑުވަރެއް ފެނިއްޖެ އެވެ.

ދިޖުލަތު ކޯރު ކައިރީ އޮންނަ މޫސަލް ޑޭމްއިން ފެނިފައިވާ އެގަނޑުވަރަކީ އެންމެ ކުޑަކޮށް ދިރާސާ ކުރެވިފައިވާ އެއް ރަސްކަން ކަމަށްވާ މިޓާނީ އެމްޕަޔާ ތެރޭ ބިނާކޮށްފައިވާ ގަނޑުވަރެއް ކަމަށް އެތަން ދިރާސާކުރަމުން އަންނަ ކުރުދީންނާއި ޖަރުމަނުގެ އާކިއޮލޮޖިސްޓުންގެ ޓީމުން ބުންޏެވެ. އެރަސްކަން އޮތީ 1500 ބީސީން 1300 ބީސީއަށެވެ.

"އެއީ ފަހުގެ ތާރީހުގައި މިސަރަހައްދުން ހޯދުނު އެންމެ މުހިންމު އެއް ހޯދުން. އަދި އޭގެއިން ދައްކުވައިދެނީ ކުރުދީ-ޖަރުމަނު ޓީމުގެ ކާމިޔާބީ،" ކުރުދީ އާކިއޮލޮޖިސްޓު ހަސަން އަހުމަދު ގާސިމް ވިދާޅުވި އެވެ.

އިރާގުގެ 3400 އަހަރުވީ ގަނޑުވަރު ކައިރީ އާކިއޮލޮޖިސްޓުން ހަރަކާތްތެރިވަނީ -- ފޮޓޯ: ކުރުދިސްތާން އާކިއޮލޮޖީ އޯގަނައިޒޭޝަން

އެ ގަނޑުވަރު އެންމެ ފުރަތަމަ އާކިއޮލޮޖިސްޓުންނަށް ފެނުނީ 2010 ވަނަ އަހަރެވެ. ނަމަވެސް އެސަރަހައްދު ކޮނެ، ދިރާސާ ކުރެވޭ ވަރުވީ އަދި ކިރިޔާއެވެ.

އެގަނޑުވަރު ދިރާސާ ކުރާ އާކިއޮލޮޖިސްޓެއް ކަމަށްވާ އިވާނާ ޕުލްޖިޒް ވިދާޅުވި ގޮތުގައި ގަނޑުވަރުގެ ފާރުތައް ރާނާފައި ވަނީ ކިސަޑުން ހަދާފައިވާ ގަލުންނެވެ.

އަދި ގަނޑުވަރުގެ ބައެއް ފާރުތަކުން ރަތާއި ނޫ ކުލައިގެ ކުރެހުންތައް ފެނިފައިވާ ކަމަށާއި އެފަދަ ކުރެހުންތައް މިހާ ގިނަ އަހަރު ވަންދެން ރައްކާތެރިކުރެވިފައި ހުއްޓާ ފެނުމަކީ އާދަޔާ ހިލާފު ކަމެއް ކަމަށް ޕުލްޖިޒް ވިދާޅުވިއެވެ.

އެގަނޑުވަރުގެ ފާރުތަކުން ރަތާއި ނުލުގެ ކުރެހުންތަކެއް ފެނިފައިވޭ -- ފޮޓޯ: ކުރުދިސްތާން އާކިއޮލޮޖީ އޯގަނައިޒޭޝަން

މީގެ އިތުރުން އެގަނޑުވަރުން މަށިން ހަދާފައިވާ 10 ޓެބްލެޓް ފެނިފައިވާ ކަމަށާއި އޭގައި ޒަމާންވީ ލިޔުމުގެ ނިޒާމެއް ކަމަށްވާ މިސްމާރީ ނުވަތަ ކިއުނިފޯމްއިން ލިޔެފައިވާ ކަމަށް ޕުލްޖިޒް ވިދާޅުވި އެވެ. އެ ޓެބްލެޓުގައި ލިޔެފައިވާ އެއްޗެއް ތަރުޖަމާ ކުރުމަށް މިހާރު ވަނީ ޖަރުމަނަށް ފޮނުވާފައެވެ.

އޭގެ ސަބަބުން މިޓާނީ އެމްޕަޔާގެ ވެރިކަމާއި އިގުތިސާދާއި ތާރީހާ ބެހޭ އާ މައުލޫމާތު ލިބޭނެ ކަމަށް އާކިއޮލޮޖިސްޓުން އުއްމީދު ކުރެ އެވެ. އެރަސްކަން އޮތީ ސީރިއާ އާއި ކުރީގެ އުތުރު މެސޮޕޮޓޭމިއާގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް