ސުޕްރީމް ކޯޓްގެ މަސައްކަތަށް ސުމެއް!

އޮކްޓޯބަރ 31، 2018: ސުޕްރީމް ކޯޓަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެ މުހިންމު އަސާސަކީ، އިންސާފު ލިބުން ވީހާވެސް އަވަސް ކުރުމެވެ. އިންސާފު ލަސްވުން، އިންސާފު ނުލިބުމާ އެއްފަދަ އެވެ. ކޯޓަށް ހުށަހެޅޭ މައްސަލަތައް އަވަހަށް ނިމި، އިންސާފު ގާއިމްވާތަން އާންމުންނަށް ނުފެންނަހާ ހިނދަކު އިންސާފު ލިބޭ ކަމަކަށް ރައްޔިތުން ގަބޫލެއް ނުކުރާނެ އެވެ. ރާއްޖޭގެ އޮޅުންބޮޅުން ވެފައިވާ ޝަރުއީ ނިޒާމުގެ ތެރޭގައި މިކަން ހިނގަނީ އާންމު އުސޫލާ ދިމާއިިދިކޮޅަށެވެ. ކޯޓުތަކުގައި އެތަކެއް އަހަރުވީ މައްސަލަތައް ނުނިމި އެތައް ބަޔަކު ވަނީ އިންސާފަށް ސަލާން ޖަހަން ޖެހިފަ އެވެ. އެކަމަކު މުއްސަނދިންނާއި ބޮޑުންގެ މައްސަލަތައް ރާސްޓަސްލާފައި ޝަރުއީ ދާއިރާގެ ހުރިހާ މަރުހަލާއެއް ކަޑަތުކޮށް ހުކުމަކަށް އަންނާކަށް މާކަ ގިނަ ދުވަހެއް ނުނަގަ އެވެ.

ދެން އާންމުންނަށް ހީވެފައި އޮންނަނީ މައްސަލަތައް ނުނިމި ދިގުލައިގެން ދަނީ ދަށު ކޯޓުތަކުގައި އެކަނި ކަމަށެވެ. ނަމަވެސް ކަން ވަނީ އަދި މުޅިން އެހެނެއް ވެސް ނޫނެވެ. މައްސަލަ ފެށޭ ދަށު ކޯޓްތަކުން ފެށިގެން ގޮސް، ނަމޫނާ ދައްކަން އޮތް ސުޕްރީމް ކޯޓުގައި ވެސް އެތަކެއް އަހަރުވީ މައްސަލަތައް ނުނިމި ފަނޑިޔާރުންގެ މޭޒުކޮޅު މަތީ ހިރަފުސް އަރަން ވަނީ ދޫކޮށްލައިފަ އެވެ.

ސުޕްރީމް ކޯޓްގެ އިމާރާތ: އެ ކޯޓުން މައްސަލަތައް ބެލުމުގެ ދުވެއްޔާ މެދު ސުވާލުތައް އެބަ އޮތް. -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތަފާސްހިސާބަށް ބަލާއިރު މައްސަލަ ހުށަހެޅިފަހުން ހަތް އަހަރު އަދި ފަސް އަހަރު ވެފައިވާ މައްސަލަތައް ވެސް ސުޕްރީމް ކޯޓުގައި ނުނިމި އެބަހުއްޓެވެ. ހާއްސަކޮށް ބަންދު އަމުރުގެ މައްސަލަތަކަކީ އަވަހަށް ނިންމަންޖެހޭ މައްސަލަތަކެއް ކަމުގައިވާއިރު، އެފަދަ މައްސަލަތައް ނުނިންމާ ގިނަ ދުވަސްތަކެއް ވާންދެން ސުޕްރީމް ކޯޓްގެ ބެންޗްގައި ތާށިވެފައި އެބަ ހުއްޓެވެ. ނަމަވެސް ދައުލަތުގެ ބަޖެޓުން އެންމެ އިއްްޒަތްތެރި އެ ފަސް ފަނޑިޔާރުންނަށް ބޮޑެތި މުސާރަ އާއި އިނާޔަތް އަންނަނީ ދެމުން އެވެ. އެކަމަކު، އެ ކޯޓަށް މައްސަލަތައް ނިންމުމުގައި އެކަށީގެންވާ ވަރަށް ހަރަކާތްތެރި ނުވެވެނީ ކީއްވެ ހެއްޔެވެ؟ އެކަށީގެންވާ ވަސީލަތްތައް އެ ކޯޓްގައި ނެތީ ހެއްޔެވެ؟ ނޫނީ މައްސަލަތައް ގިނަވެ، ފަނޑިޔާރުން މާ އަވަދިނެތި އުޅުއްވަން ޖެހެނީ ހެއްޔެވެ؟

ގާނޫނީ ވަކީލު މުހައްމަދު ފަރީދު ދެކެވަޑައިގަންނަވާ ގޮތުގައި ސުޕްރީމް ކޯޓްގައި މައްސަލަތައް ނުނިމި ދިގުލައިގެން ދަނީ އެއްވެސް މަގުބޫލު އުޒުރެއް އޮވެގެނެއް ނޫނެވެ. މިހާތަނަށް ސުޕްރީމް ކޯޓުން ޝަރީއަތް ހިންގުމަށްވުރެ ބޮޑަށް ކުރަމުން އައީ އެބޭފުޅުންގެ މަސައްކަތުގެ ދާއިރާއާ ނުބެހޭ މުޅިން އެހެން ކަންތައްތަކެއް ކަމަށް ފަރީދު ގަބޫލު ކުރައްވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ނަތީޖާއަކަށް ވަނީ އެ ކޯޓުން ޝަރީއަތްތައް ހިންގުމަށް އޮންނަ މިސްރާބު އެހެން ދިމާލަކަށް ބަދަލުވުމެވެ. ނަތީޖާއަކަށް ވަނީ، ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލަތައް އެ ކޯޓްގެ ތެރޭގައި ވެސް ފުނި ޖެހި ނަމޫނާ ނުދެއްކުން ކަމަށް ފަރީދު ވިދާޅުވި އެވެ.

"ޑީޖޭއޭ އެބޭފުޅުންގެ ބާރުގެ ދަށަށް ގެނެސް، ޖުޑީޝަލް ކައުންސިލް އުވާލައި، އެބޭފުޅުންގެ ފުރިހަމަ ބާރު އޮންނަ ގޮތަށް ޖުޑީޝަލް ކައުންސިލެއް އުފައްދައިގެން މުޅިން އެހެން މަސައްކަތްތަކެއް އެބޭފުޅުން ކުރައްވަމުން ގެންދެވީ. މުޅި ޖުޑީޝަރީ ހިންގަން އޮތް މުއައްސަސާއެއްގެ ގޮތުގައި އެބޭފުޅުން ފަންގްޝަން ކުރައްވަމުން ގެންދެވީ،" ފަރީދު ވިދާޅުވި އެވެ.

ގަޟާއީ އަހަރު 2019 ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު (ކ) އަދި އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ (މ) -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޯޓުތަކުން ޝަރީއަތްތައް ހިންގުން މަދުކުރަނީ ރިސެސްގައި އޮންނަ މުއްދަތުގަ އެވެ. އެ މުއްދަތަކީ އިދާރީގޮތުން ނިންމަން ހުންނަ ކަންތައްތަކަށް ވަގުތު ދޭ ދުވަސްކޮޅެކެވެ. ނަމަވެސް ސުޕްރީމް ކޯޓު މުޅިން ތަފާތެވެ. އަބަދު އެ ކޯޓު އޮންނަނީ "ރިސެސްގައި" ކަހަލަ ގޮތަކަށެވެ. ގިނަވެގެން މަހަކު ތާވަލްކުރަނީ ދެތިން އަޑުއެހުމެކެވެ. މިއީ އެ ކޯޓްގެ މަސައްކަތަށް އެންމެ ރަނގަޅު ދުވެލި ހެއްޔެވެ؟

އުއްތަމަ ފަނޑިޔާރަށް މުސާރަ އާއި އިނާޔަތްތަކާއެކު މަހަކު ޖުމްލަ 72،000 ރުފިޔާ ލިބިލައްވަ އެވެ. އަދި ސުޕްރީމް ކޯޓުގެ ކޮންމެ ފަނޑިޔާރަކަށް މަހަކު 70،000 ރުފިޔާ ލިބިލައްވަ އެވެ. ކޮންމެ ފަނޑިޔާރަކަށް ކާރަކާއި ސެކިއުރިޓީ ދައުލަތުން ހަމަޖައްސައިދީފައިވެ އެވެ. ނަމަވެސް އެބޭފުޅުން ކުރައްވާ މަސައްކަތްތައް މުސާރަ އާއި އިނާޔަތްތަކާ އެއްވަރު ވޭ ހެއްޔެވެ؟ އަނެއްކޮޅުން އެބޭފުޅުންގެ ނަޒާހަތްތެރިކަމުގެ ވާހަކަ އަދި އެއީ އެހެން ވާހަކަ އެވެ.

ހުށަހެޅިފައި ހުންނަ މައްސަލަތަކުގެ ޝަރީއަތް ނުހިންގައި ބާއްވާފައި އޮންނަ އޮތުމުގެ އިތުރުން އެ ކޯޓުގެ އިދާރީ ބައެއް ކަންކަން ވެސް ތަރުތީބުކޮށްފައި ހުރީ މައްސަލަތައް ދިގުލައިގެންދާނެ ގޮތަކަށް ކަމަށް ބައެއް ގާނޫނީ ވަކީލުން ވިދާޅުވެ އެވެ. ޝަރީއަތްތައް އަވަސް ކުރުމަށް ވުރެ ބޮޑަށް އެކޯޓްގެ އިދާރީ ނިޒާމް ވެސް ރާވާފައި އޮންނަނީ ޝަރީއަތްތައް ލަސްވާ ގޮތަށް ކަމަށް ވަކީލުން ގަބޫލު ކުރައްވަ އެވެ.

"މިސާލަކަށް، ސުޕްރީމް ކޯޓުގަ ނޯވޭ ވަކީލުން އެޕޮއިންޓް ކުރާނެ ފޯމެއް. ވަކީލުން އެޕޮއިންޓްވާން ޖެހެނީ ސިޓީއަކުން. އެ ސިޓީވެސް ލިޔަންޖެހޭ ވަކި ހަމައެއް އަންގާފައެއް ނޯވޭ. ވަކީލު އެޕޮއިންޓްވުމަށްޓަކައި ކުރިން ފޮނުވާ ސިޓީގެ އިބާރާތް ހުންނަ ގޮތަށް އެހެން މައްސަލައެއްގައި ސިޓީ އިބާރާތް ކުރުމުން އެބަހުރޭ އެ ސިޓީ ބަލައި ނުގެން، އިބާރާތް އެހެންގޮތަކަށް ބަދަލުކުރަން އަންގާފައި. މިހުންނަނީ ހައްތާވެސް މައްސަލަ ދިގުލައިގެންދާނެ ސަބަބުތައް. އެއްވެސް ހަމައެއް ލަމައެއް ނޯވޭ މިކަމުގައި،" ނަން ނުޖެހުމަށް ޝަރުތުކޮށް ސުޕްރީމް ކޯޓުގައި ވަކާލާތު ކުރައްވާ ވަކީލަކު ވިދާޅުވި އެވެ.

ޖެނުއަރީ 31، 2019: ގިނަ އަދަދެއްގެ ގާނޫނީ ވަކީލުންނަށް ވަކީލު ކަމުގެ ހުވާ ލައިދިނުމަށް ސުޕްރީމް ކޯޓުގެ ގޯތިތެރޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދަށު ކޯޓުތަކަށް ހުށަހެޅިފައި ހުންނަ މައްސަލަތަކުގެ ފައިލްތައް ސުޕްރީމް ކޯޓުން އަމުރެއް ނެރެ، އެ ކޯޓަށް ގެންދިޔުން އެއީ މިފަހުން އެ ކޯޓުން ދަމަހައްޓާ ސަގާފަތެކެވެ. ސިވިލް ކޯޓަށް ހުށަހެޅިފައި ހުންނަ ފައިސާގެ ބައެއް މައްސަލަތަކުގެ ފައިލްތައް ވެސް ސުޕްރީމް ކޯޓުން ނަގާފައިވެ އެވެ. އެކަހަލަ މައްސަލަތައް ނިހާއީ ހުކުމަކާ ހަމަޔަށް ދެވޭ ވަރު ނުވެ، ސުޕްރީމް ކޯޓާ ހަމައިން މުޅި މައްސަލަ "ޕާކްވެގެން" ދަނީ އެވެ. އެކަމުގެ ސަބަބުން އެފަދަ މައްސަލަތަކުގައި އިންސާފު ހޯދުމަށް ފަނޑިޔާރުގެއަށްދާ މީހާއަށް އިންސާފު ލިބުމަށް އޮންނަ މަގު އެކީ ބަންދުވާ ކަމަށް ގާނޫނީ ވަކީލަކު ވިދާޅުވި އެވެ. ސުޕްރީމް ކޯޓުން އެގޮތަށް ކަންތައްތައް ކުރަނީ، އެންމެ ފަހުބަސް ބުނާ ތަނަކީ އެ ކޯޓް ކަމަށް ދެކިގެން އެވެ.

"ސުޕްރީމް ކޯޓަކީ ހިތުހުރި ގޮތަކަށް ކަންތައްތައް ކުރުމުގެ ބާރު ލިބިގެންވާ ކޯޓެއް ނޫން. އެއީ އެންމެ ފަހުބަސް ބުނާ ތަނެއް ނޫން. އެ ކޯޓަށް ހުށަހެޅިފައި އޮންނަ މައްސަލައިގެ މައުޟޫގައި އެންމެ ފަހުބަސް ބުނުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވަނީ. ދުނިޔޭގަ ލެއްވިހާ ކަމަކަށް ފަހުބަސް ބުނުމުގެ ބާރެއް ސުޕްރީމް ކޯޓަށް ލިބިގެނެއް ނުވޭ،" ގާނޫނީ ވަކީލު މުހައްމަދު ފަރީދު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓްގެ މަސައްކަތްތަކާ ގުޅޭ ގޮތުން އެ ކޯޓުން އެންމެ ފަހުން ވެސް އާންމުކޮށްފައިވާ ތަފާސްހިސާބުތައް ކަމަށްވާ، 2016 ވަނަ އަހަރުގެ އެ ކޯޓްގެ އަހަރީ ރިޕޯޓްގައިވާ ގޮތުގައި އެ ކޯޓަށް 2016 ވަނަ އަހަރުވެސް 25 މައްސަލަ ބަލައިގަތް ނަމަވެސް، 67 ޕަސެންޓް މައްސަލަ ނިމިފައެއް ނުވެ އެވެ. އަދި އެ ކޯޓަށް ނިންމުނީ އެންމެ 15 ޕަސެންޓް މައްސަލަ އެވެ. އަދި 2016 ވަނަ އަހަރު ނިމުނު އިރު އެ ކޯޓަށް ބަލައިގަނެ ނުނިމި ހުރި މައްސަލަތަކުގެ އަދަދު 95 އަކަށް އަރަ އެވެ. މީގެ އިތުރުން 2016 ވަނަ އަހަރު އެ ކޯޓަށް 85 މައްސަލަ ހުށަހެޅުނު ނަމަވެސް އެ އަހަރު ނިމުނު އިރު 34 މައްސަލައެއް ބަލައިގަންނާނެ ކަމާ މެދުވެސް އޮތީ ގޮތެއް ކަނޑަނޭޅި އެވެ. މި ހުރިހާ ހިސާބުތައް އެއްކޮށްލީމާ، ޝަރުއީ ދާއިރާގެ އެންމެ މަތީ ކޯޓްގެ މަސައްކަތަށް ދޭނީ ކޮން ރިޕޯޓެއް ހެއްޔެވެ؟ އެންމެ އެދެވޭ ގޮތެއްގައި އެ ކޯޓަށް މަސައްކަތް ކުރެވިފައި އެބަހުރި ހެއްޔެވެ؟

ސުޕްރީމް ކޯޓްގެ 2016 ވަނަ އަހަރު ކުރި މަސައްކަތްތައް ފެންނަ ޗާޓެއް.

ނަން ނުޖެހުމަށް ޝަރުތުކޮށް ގާނޫނީ ވަކީލަކު ވިދާޅުވިގޮތުގައި ސުޕްރީމް ކޯޓު ފާހަގަވެފައި ވަނީ ސިޔާސީ މައްސަލަތައް ބަލަން ހާއްސަކޮށްފައިވާ ކޯޓެއްގެ ގޮތުގަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ ކަމަކާ ގުޅިގެން ހުށަހެޅޭ މައްސަލަތައް ވަރަށް އަވަހަށް ސުޕްރީމް ކޯޓްގެ ތެރެއިން ނިމިގެން ދާއިރު، އާންމު ރައްޔިތުން ހުށަހަޅާފައި ހުންނަ މައްސަލަތައް އެ ކޯޓަށް ނިންމޭ ގޮތެއް ނުވެ އެވެ.

ޝަރުއީ ނިޒާމުގެ އިސްލާހުގެ ވާހަކައިގެ އަޑުގަދަވެފައިވާ އިރު، އެންމެ މަތީ ކޯޓް، ސުޕްރީމް ކޯޓްގެ މަސައްކަތުގެ ރިޕޯޓަށް މާ މަތިން މާކުސް ދެވޭކަށް ނެތެވެ. އެކަމަކު، ޝަރުއީ ނިޒާމެއް އިސްލާހު ވެގެން އަންނައިރު ސުޕްރީމް ކޯޓްގެ ރިޕޯޓް ކާޑްގައި އޮންނަން ވާނީ ވަރަށް ވެސް މާތީ މާކުހެކެވެ. ޝަރީއަތް ކުރުމަށް އެއްފަރާތްކޮށްފައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން އެހެން ކަންކަމާ ހޭބޯނާރާ އުޅުއްވާ މަންޒަރު ރައްޔިތުންނަށް ފެނިގެން ނުވާނެ އެވެ. ސުޕްރީމް ކޯޓް ކިތަންމެ ހައިބަތު ބޮޑު ނަމަވެސް، އާންމު ރައްޔިތުންނަށް އަދުލު އިންސާފު ހޯދައި ދިނުމަކީ އެ ކޯޓްގެ އެއް ނަމްބަރު މަސައްކަތް ކަމުގައި ވާން ޖެހޭނެ އެވެ.

comment ކޮމެންޓް