މާމުއިގެ "އަރައިގެން އައި އިރާ އޭ": ކުރީގެ ހަނދާންތައް އާވެއްޖެ ދޯ!

"އަރައިގެން އައި އިރާ އޭ" ލަވައިގެ މަންޒަރެއް---

އަބްދުﷲ ޝާފިއު (ފުބޫ)އާއި ނުޒުހަތު ޝުއައިބުގެ ފަރި ހަރަކާތްތައް ފެނިގެންދާ ލަވަ "އަރައިގެން އައި އިރާއޭ" ދައްކާލައިފިއެވެ.

ޑާކްރެއިން އެންޓަޓެއިންމަންޓްގެ ފިލްމު "މާމުއި"ގައި ހިމެނޭ އެ ލަވަ އާންމުންނަށް ދައްކާލިއިރު ނެށުމުގެ ފަރި ހަރަކާތްތަކެއް ފެނިގެން ގޮސްފައިވެއެވެ. ނެށުމުގެ ސްޓެޕްތަކުގައި ކުރީގެ ދިވެހި ލަވަތަކުގައި ނަށާފައި ހުރި ސްޓެޕްތައް ދައްކާލައިފައިވެއެވެ. އެއީ މި ލަވައިން ފާހަގަކޮށްލެވޭ އެންމެ ބޮޑު އެއް ތަފާތެވެ. އެންމެ ސަޅި ތަފާތެވެ.

މިއީ އަދި މުޅި ލަވައެއް ނޫނެވެ--ލަވައިގެ ތަންކޮޅެކެވެ. ޑާކްރެއިނުން ބުނީ މުޅި ލަވަ ފެންނާނީ ފިލްމުން ކަމަށެވެ.

މި ލަވަ ކިޔާފައިވަނީ ފުބޫއެވެ. އަދި ލަވައިގެ ކޮރިއޮގްރަފީއާއި ކޮސްޓިއުމް ތައްޔާރުކޮށްދީފައިވަނީ އިސްމާއިލް ޖުމައިހް (ޖުމާ)އެވެ.

ފިލްމު މާމުއިގައި ފުބޫގެ ކެރެކްޓާއަށް ކިޔަނީ ހައްޕުއެވެ. އަދި ނުޒޫއަކީ ދިޔާނާއެވެ.

ލަވައިގައި ހައްޕު ކިޔައިދެނީ ދިޔާނާއަށް އޭނާ ވާ ވައުދުތަކެއްވެ ވާހަކައެވެ.

"މާމުއި" އަކީ އެހެން ފިލްމުތަކާ ބަލާއިރު ވަރަށްތަފާތު ފިލްމެއްކަން ފިލްމުގެ ޓްރެއިލާއިން ވެސް އެނގެއެވެ.

ފިލްމުގެ ޓިކެޓަށް މިހާރުވެސް ބުކް ކުރެވޭނެ ކަމަށެވެ. ޑާކްރެއިންގެ ހޮޓްލައިން ނަންބަރު 9911229 އާ ގުޅުމުން ޓިކެޓް ބުކް ކުރެވޭނެއެވެ.

މާމުއި" އަކީ އައިޝަތު ފުއާދު އަދި އަހްމަދު ތޮލާލުގެ ވާހަކައެއްގެ މައްޗަށް ހަދާ ފިލްމެކެވެ.

ފިލްމުގެ ޑައިރެކްޓަރަކީ އަލީ ޝިފާއު (ޗިއްޕެ)އެވެ.

މާމުއިގައި ހަރަކާތްތެރިވާ ތަރިންނަކީ އިސްމާއީލް ޖުމައިހް (ޖުމާ)، ސަމާހަތު ރާޒީ، ޝާޔާ، އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ)، މަރިޔަމް މަޖުދާ (މަޖޫ)، އަހްމަދު ސުނީ، ހަމްދާން ފާރޫގް، އާދަމް ރިޒްވީ، މަރިއްޔާ، އައިމިނަތު ނޫރާ، އަހްމަދް އަމާން، ނުޒުހަތު ޝުއައިބު (ނުޒޫ) އަދި އަހްމަދު ޝާކިރުއެވެ.

ދިވެހި ފިލްމު އިންޑަސްޓްރީގައި މިހާރު އެންމެ ޑިމާންޑް ބޮޑު ބަތަލާ މަރިޔަމް އައްޒަ، ކުޅަދާނަ ބަތަލާ ޝީލާ ނަޖީބު، އިބްރާހިމް އަމާން، މާރިއާ ތްރޭސާ އަދި އަލީ ޝަޒްލީމް ވެސް މި ފިލްމުން ފެނިގެންދާނެއެވެ.

މީގެ އިތުރުން ފިލްމީ ދާއިރާއަށް އަލަށް ތައާރަފްވާ އައިޝަތު ޔާދާވެސް މި ފިލްމުން ހިމެނޭނެއެވެ.

ފިލްމު ރިލީޒްކުރާނީ އަންނަ މަހުގެ ފުރަތަމަ ދުވަހުއެވެ. ޓިކެޓް ނުނަގާ ތިބި ބެލުންތެރިން އަވަހަށް އޮލިމްޕަހަށް ގޮސް ޓިކެޓް ގަންނާށެވެ.

comment ކޮމެންޓް