އައިފޯނުގެ ޑިޒައިނަރު އެޕައިލްއިން ވަކިވަނީ

އެޕަލްގެ ޗީފް ޑިޒައިން އޮފިސާ ޖޮނީ އައިވް އާއި ސީއީއޯ ޓިމް ކުކް -- ފޮޓޯ: ގެޓީ

އެޕަލްގައި ގިނަ އަހަރުތަކެއް ހޭދަކޮށްފައިވާ އެ ކުންފުނީގެ ޗީފް ޑިޒައިން އޮފިސަރު، ސާ ޖޮނަތަން (ޖޮނީ) އައިވް އެ ކުންފުނިން ވަކިވާން ނިންމާފައިވާކަން ހާމަކޮށްފިއެވެ.

އައިމެކް، އައިޕޮޑް، އައިފޯން އަދި އެޕަލްގެ އެހެން އުފެއްދުންތައް ވެސް ޑިޒައިންކޮށްފައިވާ އައިވް ބުނި ގޮތުގައި އެކުންފުނިން ވަކިވުމަށް ނިންމީ އޭނާގެ އަމިއްލަ ޑިޒައިން ކުންފުންޏެއް އުފެއްދުމަށްޓަކައެވެ. އަދި އޭނާ އެންމެ ފަހުރުވެރިވަނީ އެޕަލްގައި "އެފަދަ ދެވަނަ އެއް ނެތް ޑިޒައިން ޓީމެއް އުފެއްދުމަށް" ކޮށްފައިވާ މަސައްކަތާ މެދުގައެވެ.

"މިހާރު އެއޮތް ޓީމަކީ އެޕަލްގެ ތާރީހުގައިވެސް އެންމެ ވަރުގަދަ އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ ހުނަރުވެރި ޓީމް. އެ [ޑިޒައިން ޓީމުގެ] ލީޑާޝިޕްގެ ދަށުން އެ ޓީމް ހަމަ ޔަގީނުންވެސް ކުރި އަރާނެ. އަދި އަހަރެންނާއެކު އެޕަލްގައި މަސައްކަތްކުރާ އަހަރެންގެ ގާތް އެކުވެރިންނަށް ފުރިހަމައަށް އިތުބާރުކުރަން. އަދި ގިނަ އަހަރުތަކަށް އެމީހުންނާ އެކު މަސައްކަތް ކުރެވޭނެކަމަށް އުންމީދުކުރަން،" އައިވް ނެރުނު ބަޔާނުގައި ވެއެވެ.

އައިވް އުފައްދާ އާ ޑިޒައިން ކުންފުނީގެ ނަމަކީ "ލަވްފްރޮމް"އެވެ. މި ކުންފުންޏާ ބެހޭ މާ ބައިވަރި މައުލޫމާތެއް މިހާތަނަށް އާންމުވެފައެއް ނުވެއެވެ.

ނަމަވެސް އެޕަލްގެ ސީއީއޯ ޓިމް ކުކް ވިދާޅުވީ ޖޮނީ އަމިއްލަ ކުންފުންޏެއް ހެއްދެވި ނަމަވެސް މުސްތަގުބަލުގައިވެސް ޖޮނީ އެޕަލްއާއެކު މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެޕަލް ޑިޒައިން ސްޓޫޑިއޯގެ އިސް މަގާމަކަށް އައިވް އައްޔަން ކުރީ 1996 ވަނަ އަހަރު އެ ކުންފުނީގެ މާލީ ހާލަތު ދަށްވެ، ވަޒީފާތައް މަދު ކުރަމުން ދިޔަ ދަނޑިވަޅެއްގައެވެ. ނަމަވެސް އެޕަލް އަނެއްކާވެސް ކުރިއަރަން ފެށީ 1998 ވަނަ އަހަރު، އައިވް ޑިޒައިންކޮށްފައިވާ އައިމެކްއާއި 2001 ގައި، އައިޕޮޑް ނެރުނު ހިސާބުންނެވެ.

އައިވް ވަނީ އެޕަލްގެ އުފެއްދުންތައް ޑިޒައިންކުރުމުގެ އިތުރުން އެކުންފުނީގެ އާ މައި އޮފީސް އެޕަލް ޕާކްއާއި އެޕަލް ސްޓޯރުތައް ޑިޒައިން ކުރުމުގައިވެސް ބައިވެރިވެފައެވެ. އަދި އައިފޯނާއި އައިމެކްގެ ސޮފްޓްވެއާއަށް ގެނައި ބަދަލުތަކުގައި މުހިންމު ދައުރެއް އަދާކުރިއެވެ.

comment ކޮމެންޓް