ޓައިޓަންގައި ދިރުމެއްވޭތޯ ބެލުމަށް ނާސާއިން ޑްރޯންއެއް ފޮނުވަނީ

ޓައިޓަންގައި ޑްރެގަންފްލައި ޑްރޯން މަސައްކަތް ކުރާނެ ގޮތުގެ ކުރެހުމެއް -- ފޮޓޯ: ނާސާ

އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ދެން ސޯލާ ސިސްޓަމްގައި ފަށާނެ މިޝަންއަކީ، ސެޓާންގެ އެންމެ ބޮޑު ހަނދު ކަމަށްވާ ޓައިޓަންއަށް ޑްރޯން ހެލިކަޕްޓަރެއް ފޮނުވުން ކަމަށް އެ އިދާރާއިން ބުނެފިއެވެ.

ޑްރެގަންފްލައިގެ ނަން ދީފައިވާ އެ ޑްރޯން ލޯންޗުކުރަން ހަމަޖެހިފައި ވަނީ 2026 ގައެވެ. އަދި އެ ޑްރޯންއަށް ޓައިޓަންއާ ހަމަޔަށް ދެވޭނީ 2034 ގައެވެ.

އޭގެ ފަހުން ޓައިޓަންގެ ބިމާއި ޖައްވުގެ ދިރާސާތައް ހެދުމުގައި ޑްރެގަންފްލައި ދެ އަހަރާއި ބައި ހޭދަ ކުރާނެ އެވެ. އަދި އެހަނދުގައި ދިރުމެއްވޭތޯ އާއި ދިރުންތަކަށް ޖާގަދޭތޯ ބަލާނެ އެވެ.

ސައިންސުވެރިން ބުނާ ގޮތުގައި ޓައިޓަންއަކީ ސޯލާ ސިސްޓަމްގައި ދުނިޔެއާ އެއްގޮތަށް ޖައްވީ ފަށަލައެއް ލެވިފައިވާ ހަމައެކަނި ހަނދެވެ. އަދި ދުނިޔެ އެންމެ ކުރިން އޮތްގޮތާ ޓައިޓަންއާ އެއްގޮތް ކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.

ޓައިޓަންގައި ދުނިޔެއެކޭ އެއްގޮތަށް ކޯރުތައް އުފެދިފައި ވެއެވެ. ނަމަވެސް އެ ކޯރުތައް އުފެދިފައި ވަނީ ފެނުގެ ބަދަލުގައި ލިކުއިޑް މެތޭންއިންނެވެ. އަދި ބައެއް ސައިންސްވެރިން ވަނީ ދުނިޔޭގެ ފެނުގައި ދިރުންތައް އުޅޭ ގޮތަށް ޓައިޓަންގެ މެތޭން ކޯރުތަކުގައިވެސް ދިރުންތައް އުޅެދާނެ ކަމަށް ލަފާކޮށްފައެވެ.

ދެހާސް ސަތާރަވަނަ އަހަރު ނާސާއިން ވަނީ ސެޓާންގެ އެހެން ހަނދެއް ކަމަށްވާ އެންސެލަޑަސްއާއި ޖުޕިޓާގެ ހަނދެއް ކަމަށްވާ ޔޫރޮޕާގެ ބޯ ގަނޑުފެނުގެ ފަށަލައިގެ ދަށުގައި ބޮޑެތ ކަނޑުތައް ވާކަމަށް ބުނެފައެވެ. އަދި އެ ދެ ހަނދުގައި ދިރުން ހުރުމަށް ބޭނުންވާ ބައެއް ނުވަތަ ހުރިހާ މާއްދާތަކެއް ހިމެނޭ ކަމަށް ބުންޏެވެ.

comment ކޮމެންޓް