މިނާ ގްރޫޕު މެދުވެރިކޮށް ހައްޖަށް ދެވޭނެ ގޮތް ހަމަޖައްސައިދީފި

ހައްޖުވެރިން -- ސަން ފޮޓޯ/ މުޖްތަބާ

މިނާ ހައްޖު އެންޑް އުމްރާ ގްރޫޕު މެދުވެރިކޮށް ހައްޖަށް ދިޔުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް ހައްޖަށް ދެވޭނެ މަގު ފަހިކޮށްދީފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.

އަމިއްލަ ކުންފުނިތަކަށް މީހުން ހައްޖަށް ގެންދަން ހުއްދަ ދިނުމުގައި މައްސަލަތަކެއް އުޅޭ ކަމަށް އޭސީސީއިން އިސްލާމިކް މިނިސްޓްރީއަށް އެންގުމާ ގުޅިގެން އެ މިނިސްޓްރީއިން ވަނީ މިނާ ގްރޫޕަށް މީހުން ހައްޖަށް ގެންދަން ދީފައިވާ ހުއްދައިގެ ދަށުން އެއްވެސް ކަމެއް ނުކުރުމަށް އަންގައިފައެވެ.

އެކަމާ ގުޅިގެން މިނާ ގްރޫޕަށް ފައިސާ ދެއްކި ފަރާތްތަކު ކަންބޮޑުވުން ލިިބިފައިވާ ކަމަށް މިނިސްޓްރީއިން މިރޭ ނެރުނު ބަޔާނެއްގައި ބުންޏެވެ.

މިނާގެ ހުއްދަ ބާތިލުކޮށް އެހެން ކުންފުންޏަކަށް ހުއްދަ ދިނުމަކީ ދައުލަތަށް ގެއްލުން ވާނެ ކަމެއް ކަމަށާއި، އެހެން ކުންފުންޏަކަށް ހުއްދަ ދިން ނަމަވެސް، ހުއްދަ ދޭ ކުންފުންޏަށް ވަގުތަށް ތައްޔާރު ނުވެވިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި މިނާއަށް ފައިސާ ދައްކާފައިވާ ފަރާތްތައް އެހެން ކުންފުންޏެއް މެދުވެރިކޮށް ދިޔުމަށް ފުރުސަތު ދިނުމަކީ އެ މީހުންގެ ހައްގުތައް ގެއްލިދާނެ ކަމެއް ކަމުގައި ފެންނަ ކަމަށްވެސް މިނިސްޓްރީއިން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީއިން ބުނީ އެކަމާ ގުޅިގެން އޭސީސީއާއި ބަންޑާރަނައިބާ މަޝްވަރާ ކުރުމަށް ފަހު، މިނާ ހައްޖު ގްރޫޕަށް މީހުން ހައްޖަށް ގެންދަން ބޭނުންވާ މަގު ތަނަވަސްކޮށްދީފައިވާ ކަމަށެވެ.

ކުރިއަށް އޮތްތަނުގައި ހައްޖަށް ދިޔުމުގެ ކަންތައްތައް އިތުރަށް ހަރުދަނާ ކުރާނެ ކަމަށާއި ދިމާވި ދަތިތަކަށް މައާފަށް އެދޭ ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މިނާ ހައްޖު ގްރޫޕަށް މީހުން ގެންދަން ފުރުސަތު ނުދިމުނުން، ސިސިލްފަރު ހައްޖު ގްރޫޕުން މިއަދު ވަނީ މިނާއަށް ފުރުސަތު ދޭން ގޮވާލައިފައެވެ.

comment ކޮމެންޓް