ކުރާ މަސައްކަތުގެ ކޮލެޓީ ހިފެހެއްޓުމަށް ނައިބު ރައީސް އިލްތިމާސް ކުރައްވައިފި

ނައިބު ރައީސް ފައިސަލް ނަސީމް މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ކުރާ މަސައްކަތުގެ ކޮލެޓީ ހިފަހައްޓައި ރައްޔިތުން އެދޭފަދަ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ނައިބު ރައީސް ފައިސަލް ނަސީމް އިލްތިމާސް ކުރައްވައިފިއެވެ.

އެމްޑަބްލިއުއެސްސީގެ 24 ވަނަ އަހަރީ ފާހަގަ ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ވަޒީފާ އަދާކުރާއިރު އެއް މުވައްޒަފަކު، އަނެއް މުވައްޒަފަކާ ގުޅިގެން މަސައްކަތް ކުރަނަމަ ކުރާ މަސައްކަތުގެ ކޮލެޓީ ރަނަގޅުވެ އެފެޝިއެންޓް ވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކަށް ވާން ޖެހޭނީ ފެންވަރު ރަނގަޅު މަސައްކަތްތަކެއްކޮށް، ރައްޔިތުން އެދޭ ފަދަ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުން،" ނައިބު ރައީސް ވިދާޅުވިއެވެ.

ކުންފުނިތަކުން ކޮރަޕްޝަނާ ދުރަށްގޮސް، ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތް ދިނުމުގައި ދެމިތިބުމަށްވެސް ނައިބު ރައީސް ވަނީ އިލްތިމާސް ކުރައްވައިފައެވެ.

ނައިބު ރައީސް ފައިސަލް ނަސީމް މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

"ރާއްޖޭގައި، ގްރޭޓަ މާލޭ އޭރިއާގެ އެކި ސަރަހައްދުތަކަށް ބަލާއިރު ނުއަގުގައި ކޮށްފައި ހުރި މަަސައްކަތްތައް އެބަފެނޭ. އެއްވެސް މަސައްކަތެއް ކޮށްފައި ރައްޔިތުންނާ ހަވާލުކުރާއިރު އެއީ ރައްޔިތުންނަށް ބޭނުން ހިފޭ އެއްޗަކަށް ވާންޖެހޭނެ،"

ނައިބު ރައީސް ވިދާޅުވީ ކުންފުނިތައް ހިންގުމުގައި ކޮރަޕްޝަނާ އެއްކޮށް ދުރަށް ދާންޖެހޭ ކަމަށެވެ.

"ރަނގަޅު ޕްރޮޑަކްޓެއް އުފައްދާފައި ރައްޔިތުންނާ ހަވާލު ކުރަންޖެހޭ،" ދުނިޔޭގެ އެހެން ގައުމުތަކާ ހަމަކުރުމަށް، ކުރަން ހަވާލުކުރެވޭ މަސައްކަތް ފުރިހަމައަށް އަދާ ކުރަންޖެހޭ ކަން ނައިބުރައީސް ވިދާޅުވިއެވެ.

ރައްޔިތުން ހާސިލް ކުރަން ބޭނުންވާ ގިނަ ކަންތައް އެބަހުރި ކަމަށާއި އެކަންތައް ހާސިލް ކުރެވެނީ ހެޔޮ ނިޔަތުގައި ކުރާ މަސައްކަތުންކަން ފާހަގަ ކުރައްވާ ނައިބު ރައީސް ވިދާޅުވީ ގައުމު މިހާރު އޮތް ހާލަތުން ބަދަލު ކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

"އެއްވެސް މުވައްޒަފަކީ މުހިއްމުކަން ކުޑަ ފަރާތެއް ނޫން. ކާމިޔާބު މިލިބެނީ، ކުރާ ކަމެއް ފުރިހަމަ މިވަނީ އެކުގައި މަސައްކަތް ކޮށްގެން،" ނައިބު ރައީސް ވަނީ އެކުގައި އެއް އަމާޒަކަށް ވާސިލް ވުމަށް ގައުމަށްޓަކާ މަސައްކަތް ކުރުމަށް ގޮވާލައްވައިފައެވެ.

comment ކޮމެންޓް