ބަހްރައިންގެ މަހާސިންތާއާ ދެކޮޅަށް ކުވައިތު އަޑުއުފުލައިފި

ކުވައިތު (ޖޫން 27): ފަލަސްތިނުގެ މައްސަލަ ހައްލުކުރުމުގެ ނަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކުލަވާލައްވާފައިވާ "ޑީލް އޮފް ދަ ސެންޗަރީ" މަޝްރޫއުގެ ދަށުން ބަހްރައިންގައި ބޭއްވި މަހާސިންތާގައި ބައިވެރިނުވީ ފަލަސްތީނުގެ ހައްގުތައް ގެއްލިގެން ހިނގައިދާނެތީ ކަމަށް ކުވައިތުން ބުނެފިއެވެ.

ކުވައިތުގެ ޚާރިޖީ ވަޒީރުގެ ނައިބު ޚާލިދު އަލްޖާރަﷲ ވިދާޅުވީ ފަލަސްތީނުގެ ބިންތަކުން އިސްރައީލު ފޭބުމާއި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމާއި އެނބުރި ވަޒަނަށް ދިއުމުގެ ހައްގު ފަލަސްތީނުގެ ރެފިއުޖީންނަށް ދިނުމަކީ ކުވައިތުން ފަލަސްތީނު މައްސަލައިގައި ހިފަހައްޓާ މުހިންމު އަސާސުތަކެއް ކަމަށެވެ.

އަދި އެ އަސާސުތައް ދުވަހަކުވެސް ދޫނުކުރާނެ ކަމަށާއި، އެކަންކަމާ ފުށުއަރާ އެއްވެސް ހަރަކާތެއްގައި ކުވައިތުން ބައިވެރިނުވާނެކަމަށާއި، އިސްރާއީލާ ގުޅުން ނުއުފައްދާނެކަމަށްވެސް އެގައުމުން ބުންޏެވެ.

"ޑީލް އޮފް ދަ ސެންޗަރީ"ގެ އިގްތިސާދީ ޕްލޭންގެ ދަށުން އެމެރިކާ އިސްވެ އޮވެގެން ބަހްރައިންގައި ފާއިތުވި ދެ ދުވަހު ބޭއްވި މަހާސިންތާ ބޮއިކޮޓް ކުރި ގައުމުތަކުގެ ތެރޭގައި ކުވައިތު ހިމެނެއެވެ. ކުވައިތުގެ ޕާލަމެންޓުން ވަނީ، އެއީ މަކަރުވެެރިކަން ބޭނުންކޮށްގެން ފަލަސްތީނުގެ ހައގްުތައް ނިގުޅައިގަތުމުގެ މަހާސިންތާއެއް ކަމަށް ބުނެ އޭގައި ބައިވެރިނުވާން ސަރުކާރަށް ގޮވަލާ ގަރާރެއްވެސް ފާސްކޮށްފައެވެ.

ފަލަސްތީނުގެ ބޮޑުވަޒީރު މުހައްމަދު އިޝްތިޔާ ވަނީ ފަލަސްތީނު ރައްޔިތުން ބޭނުންވަނީ ސަދަގާތް ނޫންކަމަށާ އިސްރާއީލު ނިގުޅައިގެންފައިވާ ފަލަސްތީނުގެ ހައްގުތައްކަމަށް ވިދާޅުވެ އެ މަހާސިންތާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އަދި އެމެރިކާ އިސްވެ އޮވެގެން ބަހްރައިންގައި ބޭއްވި މަހާސިންތާއަކީ ފަލަސްތީނުގެ ބިންތަކުން އިސްރާއީލު ނުފާބައި ފަލަސްތީނު އަޅުވެތިކޮށް އިސްތިއުމާރުކޮށްފައި އޮންނަ އޮތުން ނިމުމަކަށް ނުގެނަސް ފަލަސްތީނަށް ސަދަގާތުގެ ގޮތުގައި އެއްޗެއް ދީގެން ފަލަސްތީނުގެ މައްސަލަ ހައްލުކުރުމަށް ބާއްވާ މަހާސިންތާއެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

ފަލަސްތީނާއި ކުވައިތުގެ އިތުރުން އެ މަހާސިންތާ ބޮއިކަޓް ކުރި ގައުމުތަކުގެ ތެރޭގައި ލުބްނާނާއި އިރާގާއި އަލްޖީރިއާއާއި ތޫނިސް ފަދަ ގައުމުތައް ހިމެނެއެވެ. އެމެރިކާގެ ރުހުން ހޯދުމުގެ ގޮތުން އެ މަހާސިންތާގައި އެންމެ ބޮޑަށް ހަރަކާތްތެރިވެފައިވަނީ ސައުދީ އަރަބިއްޔާއާއި ބަހްރައިން އަދި ޔޫއޭއީއެވެ. މީގެ އިތުރުން ގަތަރު، އޮމާން، މިސްރު އަދި މޮރޮކޯއިންވެސް ބައިވެރިވިއެވެ.

އެ މަހާސިންތާގައި ބައިވެރިވެ ވަޑައިގެންނެވި ސައޫދީ މަސްއޫލުވެރިއަކު ވަނީ ސައޫދީއަށް މުހިންމީ ފަލަސްތީނުގެ ހައްގުތަކަށްވުރެ ސައުދީގެ އަމަނާއި ރައްކާރިކަން ކަމަށް ވިދާޅުވެ ފަލަސްތީނުގެ ހައްގުތަކަށް ގަދަރުކުޑަކޮށް އިސްރާއީލަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވާފައެވެ. އަދި ބަހްރައިންގެ ޚާރިޖީ ވަޒީރު ވަނީ އިސްރާއީލާ ގުޅުންތައް އުފައްދަން ބަހްރައިން އޮތީ ތައްޔާރަށް ކަމަށް ވިދާޅުވެފައެވެ.

ލުބުނާނުން ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކުލަވާލެއްވި "ޑީލް އޮފް ދަ ސެންޗަރީ" ގަބޫލުނުކުރާނެކަމަށް ބުނެފައެވެ. އެގައުމުގެ ބޮޑުވަޒީރު ސައްދުލް ހަރީރީ ވިދާޅުވީ އެ މަޝްރޫއަކީ ފަލަސްތީނުގެ މައްސަލަ ހައްލުކުރެވޭނެ ކަމެއް ނޫންކަމަށާއި، ލުބުނާނުގެ އެއްބާރުލުން ނުލިބޭނެ ކަމަށެވެ.

އެ މަހާސިންތާގައި އިސްރާއީލުގެ މީޑިއާ ގްރޫޕްތައް ބައިވެރިވިއެވެ. މިއީ އަރަބި ގައުމެއްގައި އިސްރާއީލުގެ މީޑީއާ ގްރޫޕްތައް ހަރަކާތްތެރިވި ފުރަތަމަ ފަހަރެވެ. ގަތަރުގެ މީޑިއާއިން ބަހްރައިންގެ މަހާސިންތާއަކީ ފަލަސްތީނުގެ ހައްގުތައް ވިއްކާލުމުގެ މަހާސިންތާއެއްކަމަށް ސިފަކޮށް އެމަހާސިންތާއާ ދެކޮޅަށް އަޑުއުފުލިނަމަވެސް ގަތަރުގެ މާލީ ވަޒީރު ވަނީ އެ މަހާސިންތާގައި ބައިވެރިވެ ވަޑައިގެންފައެވެ. ނަމަވެސް މިކަން އެގައުމުގެ މީޑިއާއިން ހާމަކޮށްފައެއް ނުވެއެވެ.

(ނޫސްއެޖެންސީތައް)

comment ކޮމެންޓް