ސަރުކާރުގެ އެއްވެސް މީހަކަށް ކޮރަޕްޝަނުގެ އަމަލެއް ހިންގަން ފުރުސަތެއް ނުދޭނަން: ރައީސް

ސަރުކާރު ކުންފުނިތަކުގެ މަހާސިންތާ ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ރައީސް އޮފީސް

ސަރުކާރުގެ އެއްވެސް މަގާމެއްގައި ހުރި މީހަކަށް ކޮރަޕްޝަނުގެ އަމަލެއް ހިންގަން ފުރުސަތު ނުދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ސަރުކާރު ކުންފުނިތަކުގެ މަހާސިންތާ ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ، ޒީރޯ ޓޮލަރެންސްޓު ކޮރަޕްޝަން އަކީ އެމަނިކުފާނުގެ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށެވެ.

"މި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން.... ސަރުކާރުގެ ކޮންމެ މަގާމެއްގައި ހުރި ކޮންމެ ބޭފުޅެއް ކަމުގައި ވިޔަސް ކޮރަޕްޝަނުގެ އަމަލެއް ހިންގުމަށް ކުޑަވެސް ފުރުސަތެއް ނުދޭނެ ކަމަށް މިއަދުވެސް ތިޔަ ބޭފުޅުންނަށް ހަނދުމަކޮށް އަރުވަން،" ރައީސް ވިދާޅުވިއެވެ.

ސަރުކާރުގައި އަދި ސަރުކާރު ކުންފުނިތަކުގައި އެންމެ ގިނައިން ކޮރަޕްޝަންގެ އަމަލުތައް ހިންގަނީ ޕްރޮކިއުމަންޓުގެ ދާއިރާއިންނާއި، ބިޑު ކުރުމުގެ ތެރެއިން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، އެ ދެ ކަންތައްތައް މިހާރަށް ވުރެ ދެ ފުށް ފެންނަ ގޮތަށް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.

"އެހެންވީމާ ކުންފުނިތަކުގެ ޕްރޮކިއުމެންޓާއި ބިޑް ކުރުމުގެ ކަންތައްތައް ގެންދަން ވާނީ މިހާރަށް ވުރެ ބޮޑަށް ހާމަކޮށް، ދެ ފުށް ފެންނަ ގޮތަށް ނުފޫޒުން އެއްކިބާވެގެންވާ ގޮތަށް،" ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން، ސަރުކާރު ކުންފުނިތަކަށް މުވައްޒަފުން ނެގުމާ ގުޅޭގޮތުންވެސް އެމަނިކުފާނު ވާހަކަފުޅު ދެއްކެވި އެވެ. އެގޮތުން، މުވައްޒަފުން ނަގަން ވާނީ އެކަމަށް ކަނޑައަޅާފައިވާ ގޮތުގެ ތެރެއިން ކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ. އަދި މަގާމުތަކަށް ނަގަން ވާނީ އެންމެ ގާބިލު މީހުން ކަމަށް ވިދާޅުވިއެވެ.

"ކުންފުންޏަށް އެންމެ ފައިދާ ހުރި ގޮތަކަށް ވާނީ ބޭނުން ޖެހޭ ދާއިރާތަކުން އެކަމަށް އެންމެ ގާބިލު މީހުން ވަޒީފާތަކަށް ހަމަޖައްސައިގެން،" ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ބައެއް ކުންފުނިތައް މަގުސަދާ އެއްގޮތަށް ނުދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެކަމަކު، ވަރަށް ރަނގަޅަށް ހިނގާ ކުންފުނިތައްވެސް އެބަ ހުރި ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކުންފުނިތަކުގެ މަގްސަދު ހާސިލު ކުރުމަށް އީޖާދީ ގޮތްތަކެއް ހޯދައިގެން، މަގުސަދު ހާސިލު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ.

އަދި ކުންފުންނިތައް އެންމެ އެކަށީގެންވާ ގޮތަށް ހިންގުމަށް ކުންފުނިތަކާ ބެހޭ މައުލޫމާތުތައް ފިނޭންސް މިނިސްޓްރީއާ ގަވައިދުން ހިއްސާ ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން، ހިންގަމުންދާ މައުލޫމާތުތައް އާންމުންނާ މިހާރަށް ވުރެ ރަނގަޅަށް ހިއްސާ ކުރެވޭނެ ގޮތްތަކެއް ހޯދަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް