އުތުރު ކޮރެއާގައި ހުރި އޮސްޓްރޭލިއާގެ ދަރިވަރެއް ގެއްލިއްޖެ

އުތުރު ކޮރެއާގައި ހުއްޓާ ގެއްލިފައިވާ އޮސްޓްރޭލިއާގެ ދަރިވަރު އެލެކް ސިގްލޭ -- ފޮޓޯ: ސިގްލޭ އާއިލާ

ކެންބެރާ (ޖޫން 27): އުތުރު ކޮރެއާގައި ހުރި އޮސްޓްރޭލިއާގެ ދަރިވަރަކު ގެއްލި، އޭނާ ހައްޔަރުކޮށްފައިވާ ކަމުގެ ބިރު އުފެދިއްޖެ އެވެ.

އުތުރު ކޮރެއާގެ ވެރިރަށް ޕިޔޮންގްޔަންގުގައި ދިރިއުޅެމުން ދިޔަ އެލެކް ސިގްލޭގެ އާއިލާއިން ބުނި ގޮތުގައި މިދިޔަ އަންގާރައިގެ ފަހުން އޭނާގެ ހަބަރެއްވެފައި ނުވެ އެވެ.

"އުތުރު ކޮރެއާގައި އެލެކް ހައްޔަރުކޮށްފައިވާ ކަމެއް އަދި ނޭނގޭ. ނަމަވެސް މިދިޔަ އަންގާރައިގެ ފަހުން އެލެކް އޭނާގެ އާއިލާ އާއި ރަށްޓެހިންނާ ވާހަކަ ދައްކާފައި ނުވޭ. އެއީ ވަރަށް އާދަޔާ ހިލާފު ކަމެއް،" ސިގްލޭގެ އާއިލާއިން ނެރުނު ބަޔާނެއްގައިވެ އެވެ.

އޮސްޓްރޭލިއާގެ އޮފިޝަލުން ވަނީ ސިގްލޭއަށް ވީގޮތެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފަ އެވެ.

ސިގްލޭގެ އާއިލާއިން ބުނި ގޮތުގައި އުތުރު ކޮރެއާގެ ކިމް އިލް ސަންގް ޔުނިވާސިޓީގައި ކޮރެއަން ލިޓަރޭޗާއިން މާސްޓާސް ޑިގްރީއެއް ހާސިލު ކުރުމަށް އޭނާ އެގައުމަށް ދިޔައީ މިދިޔަ އަހަރެވެ. އަދި އޭނާ ވަނީ އުތުރު ކޮރެއާއަށްދާ ހުޅަނގުގެ ފަތުރުވެރިންނަށް ހިދުމަތްކޮށްދޭ ވިޔަފާރިއެއްގައި ވެސް އިސްކޮށް އުޅެފަ އެވެ.

މިދިޔަ މާޗް މަހު ގާޑިއަން ނޫހާ ވާހަކަ ދައްކަމުން ސިގްލޭ ވަނީ އޭނާއަކީ އުތުރު ކޮރެއާގައި ދިރިއުޅޭ ހަމައެކަނި އޮސްޓްރޭލިއާގެ މީހާ ކަމަށް ބުނެފަ އެވެ. އަދި އޭނާ އެގައުމުގައި އުޅޭތާ ގިނަ ދުވަސްތަކެއް ވުމުންނާއި ސްޓޫޑެންޓް ވިސާއެއް އޮތުމުން އޭނާއަށް ޕިޔޮންގްޔަންގްގައި މިނިވަންކަމާ އެކު އުޅެވޭ ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން މިދިޔަ އަހަރު ސިގްލޭ ވަނީ އުތުރު ކޮރެއާގައި އުޅޭ އިރު އެއްވެސް ނުރައްކަލެއް އޮތް ކަމަށް އިހުސާސު ނުކުރެވޭ ކަމަށް ބުނެފަ އެވެ.

މީގެ ކުރިން އުތުރު ކޮރެއާއަށް ގަވާއިދާ ހިލާފަށް ވަނުމުގެ ކުށުގަ އާއި އެގައުމުގެ ގާނޫނުތަކާ ހިލާފުވި ކަމަށް ބުނެ ބޭރު ގައުމުތަކުގެ މީހުން ހައްޔަރުކޮށްފައިވެ އެވެ.

އެގޮތުން 2016 ވަނަ އަހަރު އެގައުމުން އެމެރިކާގެ ދަރިވަރެއް ކަމަށްވާ އޮޓޯ ވާމްބިއާ ހައްޔަރުކުރި އެވެ. އަދި ޕްރޮޕަގަންޑާ ޕޯސްޓަރެއް ވަގަށް ނެގި ކަމަށް ބުނެ އޭނާ ހައްޔަރު ކުރުމަށް ފަހު ދޫކޮށްލީ 17 މަސް ފަހުންނެވެ. ނަމަވެސް އޭނާ އެމެރިކާއަށް ގެންދިޔަ އިރު އޮތީ ކޯމާއެއްގަ އެވެ. އަދި އޭގެ ހަފްތާއެއް ފަހުން އޭނާ މަރުވި އެވެ.

ވާމްބިއާގެ އާއިލާއިން ވަނީ އޭނާ މަރުވީ އަނިޔާގެ ސަބަބުން ކަމަށް ބުނެފަ އެވެ. ނަމަވެސް އުތުރު ކޮރެއާއިން އެތުހުމަތުތައް ދޮގު ކުރެ އެވެ.

comment ކޮމެންޓް