އުނގޫފާރު ކައުންސިލުން ރައްޔިތުންގެ ސިއްރު ވޯޓެއް ނަގަނީ

އުނގޫފާރު: އެ ރަށުގެ އިންޖީނުގެ އާއި ނަރުދަމާ އަދި ކުނިކޮށި ބަޔަކާއި ހަވާލު ކުރުމާ ގޮޅޭ ގޮތުން ރައްޔިތުންގެ މެދުގައި ސިއްރު ވޯޓެއް ނެގުމަށް ވަނީ ނިންމާފައި -- ފައިލް ފޮޓޯ: އުނގޫފާރު.ކޮމް

ރ. އުނގޫފާރު ރައްޔިތުންނަށް ދޭ ބައެއް އަސާސީ ހިދުމަތްތައް އަމިއްލަ ކުންފުންޏަކާ ހަލާލުކުރުމާ މެދު ރައްޔިތުންގެ މެދުގައި ސިއްރު ވޯޓެއް ނެގުމަށް ކައުންސިލުން ނިންމައިފި އެވެ.

ކައުންސިލްގެ ބައްދަލުވުމުން އެ ގޮތަށް ނިންމައި މިއަދު ނެރުނު އިއުލާނެއްގައި ބުނީ، އެ ކައުންސިލުން ހިންގަމުންދާ އިންޖީނުގެ އާއި ނަރުދަމާ އަދި ކުނިކޮށި ހިންގުމަށް ރައްޔިތުން އެދޭ ގޮތް ބެލުމަށް ސިއްރު ވޯޓް ނެގުން އޮންނާނީ އަންނަ މަހުގެ ހަ ވަނަ ދުވަހު ކަމަށާއި އަދި ވޯޓްގައި ބައިވެރިވެވޭނީ ޖުލައި ފަސް ވަނަ ދުވަހަށް 18 އަހަރު ފުރޭ އުނގޫފާރުގެ ރައްވެހިންނަށް ކަމަށެވެ.

ސިއްރު ވޯޓް ނެގުމަށް އުނގޫފާރުގައި ދެ ވޯޓް ފޮށި ބެހެއްޓުމަށް ނިންމާފައިވާއިރު މާލޭގައި ވެސް ވޯޓް ފޮއްޓެއް ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ. ނަމަވެސް މާލޭގައި ވޯޓް ފޮއްޓެއް ބަހައްޓާނީ 50 މީހުނަށްވުރެ ގިނަ މީހުން އެ ފޮއްޓަށް ވޯޓުލުމަށް ރަޖިސްޓްރީ ވެފައިވާ ނަމަ ކަމަށް ކައުންސިލުން ބުންޏެވެ.

އެގޮތުން މާލޭގައި ބަހައްޓާ ވޯޓް ފޮއްޓަށް ވޯޓުލުމަށް ބޭނުންވާ ފަރާތްތަކުން މިމަހުގެ 30ގެ ކުރިން ރަޖިސްޓްރީ ވާން ޖެހޭނެ އެވެ. ރަޖިސްޓްރީވުމަށް ފުރިހަމަ ނަމާއި އައިޑީކާޑް ނަންބަރު އަދި ދާއިމީ އެޑްރެސްގެ އިތުރުން "މާލެ" ޖެހުމަށްފަހު 9892100 އަށް އެސްއެމްއެސް ކުރުއްވުމަށް ކައުންސިލުން ވަނީ އެދިފަ އެވެ.

އިންޖީނުގެ އާއި ނަރުދަމާ އަދި ކުނިކޮށި ހިންގުމައް ކައުންސިލް ނޫން އެހެން ބަޔަކާއި ހަވާލު ކުރާ ނަމަ އެ ފުރުސަތު ދޭނެ ކުންފުންޏެއް އިހްތިޔާރު ކުރުމަށް ވޯޓް ކަރުދާހުގައި ހިމަނާނެ ކަމަށް، އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުއްނަސީރު އަލީ ވިދާޅުވި އެވެ.

އެ ވޯޓް ނެގުމަށް ހަރުދަކުރާނީ ރަށު ކައުންސިލްގެ ރައްޔިތުންގެ ބަޖެޓުން ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް