އިސްލާމީ ޔުނިވާސިޓީގެ ހިދުމަތް މެދު ނުކެނޑޭނެ: ރައީސް ސޯލިހު

އިސްލާމިކް ޔުނިވާސިޓީން ބޭއްވި ދަސްވެނިވުމުގެ ހަފްލާގެ ތެރެއިން--- ފޮޓޯ: ރައީސް އޮފީސް

އިސްލާމީ ޔުނިވާސިޓީގެ ހިދުމަތް މެދު ނުކެނޑޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމިކް ޔުނިވާރސިޓީ އޮފް މޯލްޑިވްސްގެ ހިންގުން މެދުކަނޑާ ނުލާ ކުރިއަށް ގެންދިޔުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށެވެ

"ތައުލީމަށް ހުޅުވިފައިވާ އެއްވެސް ފުރުޞަތެއް މި ސަރުކާރަކުން ބަންދެއް ނުކުރާނެ،" ރައީސް ވިދާޅުވިއެވެ.


އައިޔޫއެމްގެ ހިދުމަތް މެދުކަނޑާނުލާ ކުރިއަށް ގެންދިޔުމަކީ ސަރުކާރުގެ ސިޔާސަތުކަމަށް މިރޭ ރައީސް ސޯލިހު ވިދާޅުވެފައި މިވަނީ އައިޔޫއެމް ހިންގުން ގައުމީ ޔުނިވާސިޓީގެ ދަށަށް ބަދަލު ކުރުމަށް ސަރުކާރުގެ މައި ޕާޓީ، އެމްޑީޕީގެ މަޖިލިސް މެންބަރުންތަކެއް ވާހަކަ ދައްކަވާފައި ވަނިކޮށެވެ.

ގައުމީ ޔުނިވާސިޓީގެ ބިލަށް ހުށަހެޅުނު އިސްލާހަކަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރައްވަމުން މާފަން އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ، ރާއްޖެ ފަދަ ގައުމެއްގައި ސަރުކާރުން ބައިވަރު ޔުނިވާސިޓީތައް ހިންގުމަށްވުރެ، އެއް ޔުނިވާސިޓީ ހިންގުމުން މާ ފުރިހަމަ ނިޒާމަކުން ރަނގަޅު ފެންވަރެއްގައި ހިންގިދާނެ ކަމަށެވެ. އެގޮތުން އިސްލާމިކް ޔުނިވާސީޓީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީއެއްގެ ގޮތުގައި ހިންގައިގެން މާ ރަނގަޅު ފުރިހަމަ ތައުލީމެއް ދެވޭނެ ކަމަށް އިމްތިޔާޒު ފަހުމީ ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި، އަޅުގަނޑުމެންނަށް އިސްލާމީ ތައުލީމު ވަރަށް ފުރިހަމައަށް ދެވޭނެ ފެކަލްޓީއެއް ޔުނިވާސިޓީއެއްގައި ބެހެއްޓިދާނެ. އަދި އެއް ޔުނިވާސިޓީއެއްގެ ގޮތުގައި ހިންގައިފި ނަމަ، މާ ފުރިހަމަ ނިޒާމަކުން، މާ ފުރިހަމަ ގޮތަކަށް، މާ ބޮޑަށް އަޅާލެވިގެން، އެއް ޔުނިވާސިޓީއެއް ހިންގިދާނެ ކަމަށް އަޅުގަނޑު ދެކެނީ،"

ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންވެސް ވަނީ އައިޔޫއެމް ވަކިން ހިންގުމަށްވުރެ ދެ ޔުނިވާސިޓީ އެއްކޮށްލުމަށް ތާއީދު ކުރައްވާ ވާހަކަ ދައްކަވައިފައެވެ. އިސްލާމިކް ޔުނިވާސިޓީ، ގައުމީ ޔުނިވާސިޓީގެ ފެކްލްޓީއެއްގެ ގޮތުގައި ރަނގަޅު ފެންވަރަކަށް ހެދުމަށް ތާއިދު ކުރާ ކަމަށް ހިސާންވެސް ވިދާޅުވި އެވެ.

ހެންވޭރު ހުޅަނގު ދާއިރާ މެމްބަރު ހަސަން ލަތީފު ވިދާޅުވީ، ދެ ޔުނިވާސިޓީ އެއް ދައުލަތުން ހިންގުމަކީ، ވަރަށް ބޮޑު ހަރަދެއް ހިނގާނެ ކަމެއް ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އިސްލާމިކް ޔުނިވާސިޓީގެ ހިންގުންވެސް، ދަރިވަރުންނަށް ލިބޭ ތައުލީމާ އެ ހުރިހާ ކަމެއް އެތައް ގުނައަކުން އިތުރުވެގެންދޭ، ފުރިހަމަ ވެގެން ދޭ، ރަނގަޅުވެގެންދޭ، ގައުމީ ޔުނިވާސިޓީއާ އިސްލާމިކް ޔުނިވާސިޓީއާ އެއްކޮށްލުމުން. ހަރަދުގެ ގޮތުން ބެލިކަމުގައި ވިޔަސް، ފެންވަރުގެ ގޮތުން ބެލި ކަމުގައި ވިޔަސް އެ ލިބޭ ތައުލީމް އެތައް ގުނައަކުން އިތުރު ވެގެން ދާނެ،"

އިސްލާމިކް ޔުނިވާސިޓީ އާއި ގައުމީ ޔުނިވާސިޓީ އެއްކޮށްލުމަށް މަޖިލީހުގެ ތަޅުމުގައި އެމްޑީޕީގެ މަޖިލިސް މެންބަރުން ވާހަކަ ދެއްކެވުމުން އިދިކޮޅުން ވަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކައިފައެވެ.

އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލާ، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީ އަކީ ރާއްޖޭގައި ހުންނަން ޖެހޭނެ ތަނެއް ކަމަށާއި އެ ޔުނިވާސިޓީ އުވާ ނުލެވޭނެ ކަމަށެވެ. އެ ނުޔިވާސިޓީގެ ހަޔާތުގައި ފާއިތުވި ހަތަރު އަހަރު ހޯދާފައިވާ ކާމިޔާބީ އަކީ އެހެން ޔުނިވާސިޓީތަކުގެ ފެކަލްޓީތަކުން 17 އަހަރު ހޯދާފައިވާ ކާމިޔާބަށް ވުރެ ބޮޑު ކާމިޔާބީ ތަކެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.

"ޔުނިވަރސިޓީގައި ވާ ކޯ މޮޑިއުލްތަކާއި، ބޭރުގެ ގުޅުންތަކާއި އިސްލާމީ ޔުނިވަސިޓީގެ ޕްރޮގްރާމްތަކަކީ ވެސް ޒަމާނީ ޕްރޮގްރާމްތަކެކެވެ. އެންމެ ކުޑަ މިނުން މޯލްޑިވިއަން ހިސްޓްރީ އެންޑް ސިވިލައިޒޭޝަންމަތީ ތަޢުލީމުގެ މާއްދާއެއްގެ ގޮތުގައި ކިޔަވައި ދެނީ ވެސް ހަމަ އެކަނި އައިޔޫއެމްގައެވެ،"

ޔުނިވރސިޓީގެ ހުޅުމާލެވަގުފު ޕްރޮޖެކްޓު ގެ ބިމުގެ ރެޖިސްޓްރީ ނުދީ ހިފަހައްޓައިގެން އުޅެނީ ކީއްވެތޯ ޝަހީމް ވަނީ ސުވާލު އުފައްދަވައިފައެވެ. އެ ބިމަކީ ޔުނިވަރސިޓީގެ އަމިއްލަ ލާރިން ގަނެފައިވާ ބިމެއް ކަމަށާއި އިސްލާމިކް ޔުނިވަރސިޓީގެ އެ ބިމުގެ ރެޖިސްޓްރީ ހިފަހައްޓައިގެން އުޅޭތީވެ، އެތަނަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުން ދޭންބޭނުންވާ ފައިސާ ވެސް ހަމަނުޖެހިވާކަމަށް ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން ގދ. ތިނަދޫގައި ހުރި އިސްލާމީ މަރުކަޒަކީ އިސްލާމީ ޔުނިވަރސިޓީގެ ކޯސްތައް ހިންގަން ކުރީގެ ރައީސް ޔާމީން ރަސްމީކޮށް ސިޓީއަކުން ދެއްވާފައިވާ ތަނެއް ކަމަށާއި އެތަން ނުދީ ތި ހިފަހައްނީ ކީއްވެގެންތޯ ޝަހީމް ވަނީ ސުވާލު ކުރައްވައިފައެވެ.

އުސޫލީ ބަދަލެއް ގެންނަން ބޭނުން ނަމަ ކުރަންވީ ކަމަކީ ގައުމީ ޔުނިވަރސިޓީގައިވާ އިސްލާމީ ކުއްލިއްޔާ އުވާލައި އިސްލާމީ ޔުނިވަސިޓީގެ ދަށަށް އެބައި ގެނައުން ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ނަގާލުމަކީ އެމްޑީޕީގެ ޒަމާންވީ ސިޔާސަތެއް ކަމަށާއި ކުރިންވެސް އެމްޑީޕީގެ ސަރުކާރު ވެއްޓުނީ ދީނަށް ގޮންޖެހުމުން ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދީނާ ކުޅެން މަސައްކަތް ނުކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަަމަށް އުމަރު ވިދާޅުވިއެވެ.

"އިސްލާމިކް ޔުނިވާސިޓީ އުވާލުމުގެ މަސައްކަތް ނާކާމިޔާބު ވާނެ. ކުރިންވެސް މިހާރުވެސް ފަހުންވެސް،" މި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ އުމަރު ވިދާޅުވިއެވެ.

މި މައްސަލާގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ އައިޔޫއެމް އާއި އެމްއެންޔޫ އަކީ ދެ ފަލްސަފާއެއްގެ ދަށުން ހިންގާ ދެ މުވައްސަސާ ކަމަށާއި ދެ ޔުނިވާސިޓީ ވަކިން ހިންގުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.

ރާއްޖޭގައި ދީނީ ތައުލީމު އުނގެނެން ހާއްސަ ތަނެއް ހުރުމަކީ މުހިއްމު ކަމެއް ކަމަށާއި ގައުމީ ޔުނިވާސިޓީ އިން ހިންގާ ދީނީ ކޯސްތަކާއި ގުރުއާނާ ބެހޭ މަރުކަޒުގެ ކޯސްތައްވެސް ހިންގަންވީ އައިޔޫއެމް އިން ކަމަށް މި މައްސަލާގައި ހިޔާލު ފާޅުކުރި އާންމުންގެ މީހަކު ބުނެފައިވެއެވެ.

ކުރީގެ ކުއްލިއްޔާގެ ނަމުގައި ހިންގަމުން އައި ކޮލެޖް އިސްލާމިކް ޔުނިވާސިޓީއަށް ބަދަލު ކުރީ 2014 ވަނަ އަަހަރު އެވެ.

ގައުމީ ޔުނިވާސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާއިރު، އިސްލާމިކް ޔުނިވާސިޓީގެ ގާނޫނަށް ވެސް ވަނީ އިސްލާހުތަކެއް ހުށަހަޅާފަ އެވެ.

https://sun.mv/120804

comment ކޮމެންޓް