ދިރާގު ޓީވީގެ ވީއޯޑީ ޕްލެޓްފޯމުން މިހާރު ނިކަލޯޑިއަން ފެންނާނެ

ކުޑަކުދިންގެ މެދުގައި މަގުބޫލު ޓީވީ ޗެނަލް ނިކަލޯޑިއަންގެ ޝޯތައް މިހާރު ދިރާގު ޓީވީގެ ވީޑިއޯ އޮން ޑިމާންޑް (ވީއޯޑީ) ޕްލެޓްފޯމުން ބަލާލެވޭނެ ކަމަށް ދިރާގުން ބުނެފިއެވެ.

ނިކަލޯޑިއަން އަކީ ކުޑަކުދިންނާއި އާއިލާތަކުގެ މެދުގައި އެންމެ މަގުބޫލު އެއް ޗެނަލެވެ. ވައިކޮމް އިންޓަނޭޝަނަލް މީޑައާ ނެޓްވޯކްސްގެ (ވީ.އައި.އެމް.އެން) ދަށުން ހިންގާ ނިކަލޮޑިއަން އިން މައުލޫމާތާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމުތައް ދައްކައެވެ.

ދިރާގުން ބުނީ ދިރާގު ޓީވީ މެދުވެރިކޮށް ވީއޯޑީ ލައިބްރަރީ އިތުރަށް ފުޅާކޮށް، މުއްސަނދިކޮށް ދިވެހި އަދި ބޭރުގެ ކޮންޓެންޓް ފަސޭހަކަމާއެކު ބެލުންތެރިންނާ ހަމައަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ކަމަށެވެ.

ދިރާގު ޓީވީގެ ވީއޯޑީ ޕްލެޓްފޯމް އަށް ހާއްސަ ޕްރޮމޯޝަނެއްގެ ދަށުން ދިރާގު ޓީވީގެ "އިންޓްރޯ އޮފަ" އަދި "ބޭސިކް ޕެކޭޖް" ގެންގުޅުއްވާ ހުރިހާ ކަސްޓަމަރުންނަށް މި އަހަރުގެގެ ނިޔަލަށް މުޅިން ހިލޭ މި ޕްލެޓފޯމު ބޭނުން ކުރެވޭނެއެވެ.

ދިރާގު ޓީވީގެ ވީއޯޑީ ފީޗާ ބޭނުން ކުރާނެ ގޮތް

ދިރާގު ޓީވީގެ ވީއޯޑީ ޕްލެޓްފޯމް ފަރުމާކުރެވިފައިވަނީ ކަސްޓަމަރުންނަށް ބޭނުންކުރަން ފަސޭހަވާނެ ފަދަ ގޮތަކަށެވެ. އެގޮތުން ދިރާގު ޓީވީގެ "ހޯމް ސްކްރީން" ގައި ވާ "ވީއޯޑީ" ޖަހާފައިވާ ބަޓަން އަށް ފިއްތަވާލުމުން ވީއޯޑީ ކޮންޓެންޓްތައް ފެންނާނެއެވެ

ދިރާގުން މަސައްކަތް ކުރަމުން ދަނީ ދިރާގު ޓީވީ އިން ހަބަރާއި މުނިފުހިފިލުވުމުގެ ޕްރޮގްރާމުތައް އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނާ ހަމަޔަށް ފަސޭހަ ކަމާއި އަދި އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ. ދިރާގު ޓީވީ ތަޢާރަފް ކުރިތާ ވީ ދެ އަހަރު ދުވަސް ތެރޭގައި ނުހަނު ބޮޑެތި ކުރިއެރުންތަކެއް ވަނީ ގެނެސްފައިއެވެ. އެގޮތުން މިހާރު ރާއްޖޭގެ އާބާދީގެ72 ޕަސެންޓަށް ޓީވީ ހިދުމަތް ވަނީ ފޯރުކޮށްދީފައިއެވެ.

comment ކޮމެންޓް