އެމްޑީޕީގެ 14 ވަނަ އަހަރީ ދުވަހު ދެ ރައީސުން ދިދަ ނަންގައިވައި ދެއްވައިފި

އެމްޑީޕީގެ 14 ވަނަ އަހަރީ ދުވަހުގެ މުނާއްސަބަތުގައި އެޕާޓީން ބޭއްވި ދިދަ ނެގުމު ރަސްމިއްޔާތު ---

ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ ޕާޓީ އެމްޑީޕީއަށް 14 އަހަރު ފުރުމުގެ މުނާއްސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދިދަ ނަންގަވައި ދެއްވައިފި އެވެ.

އެމްޑީޕީ ރަޖިސްޓްރީ ކޮށްފައިވަނީ 26 ޖޫން 2005 ގަ އެވެ. މިއަދު އެމްޑީޕީ ހަރުގެ ކުރިމަތީ ބޭއްވި ރަސްމިއްޔާތުގައި ގައުމީ ދިދަ ނަންގަވައި ދެއްވީ ރައީސް ސޯލިހު އެވެ. އަދި އެމްޑީޕީގެ ދިދަ ނަންގަވައި ދެއްވީ ރައީސް ނަޝީދު އެވެ.

އެމްޑީޕީ އޮފީސް ކުރިމަތީ ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި އެ ޕާޓީގެ ޗެއާ ޕާސަން ހަސަން ލަތީފު އާއި ދައުލަތުގެ ވަޒީރުންނާއި އެ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަޑައިގެން ތިއްބެވި އެވެ.

އެމްޑީޕީ ރެޖިސްޓްރީ ކުރެވުނު ފަހުން އެމްޑީޕީ ވެރިކަން ކުރާ މީ ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ އެ ޕާޓީ އިސްވެ އޮވެ ވެރިކަމަށް އައީ 2008 ވަނަ އަހަރު އެވެ. އޭގެ ފަހުން 2012 ވަނަ އަހަރު ވެރިކަން ވެއްޓުމަށް ފަހު އަނެއްކާވެސް ހަތް އަހަރު ފަހުން އެމްޑީޕީ މިހާރު އޮތީ ވެރިކަމުގަ އެވެ.

ރާއްޖޭގައި އުފެދުނު ސިޔާސީ ޕާޓީތަކުގެ ތެރެއިން ޕާޓީގެ އެތެރެއަށް ލޮޅުމެއް ނައިސް އެންމެ ގިނަ ދުވަހު ހިފަހައްޓާލެވުނު ޕާޓީއަކީ އަކީ އެމްޑީޕީ އެވެ. އެ ޕާޓީއާ އެކު އުފެދިގެން އައި ޕާޓީތައް މިހާރު ސިޔާސީ މައިދާނުގެ ކުރީ ސަފުން ނުފެނެ އެވެ.

އެމްޑީޕީ ރަސްމީގޮތުން ރާއްޖޭގައި ރަޖިސްޓްރީވުމުގެ ކުރިން ވެސް އެޕާޓީ ވަނީ އަވަށްޓެރި ލަންކާ އަދި ރަޙުމަތްތެރި އިނގިރޭސިވިލާތުގައި ސިޔާސީ ހަރަކާތްތަކެއް ހިންގާފަ އެވެ.

comment ކޮމެންޓް